ގައުމުގައި ޖަރީމާތައް އާންމުވެގެން ދާއިރު، ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ކޮބައިތޯ ސުވާލުކުރައްވައި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކާ ގުޅިގެން ހިތްހަމަނުޖެހުން ފާޅުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

މީގެކުރީން ހޯމް މިނިސްޓަރުގެ މަގާމުވެސް ފުރުއްވާފައިވާ ޑރ. ޖަމީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ހުންނެވިކަމުގައި ވީނަމަވެސް ޒިންމާ އުފުއްލެވުމުގައި މިނިސްޓަރ އިމްރާން ބިރުގަނެގެން ނުވާނެ ކަމަށެވެ. އަދި، މިފަދަ ޖަރީމާތައް އާންމުވެ، ފެތުރިގެން ދިޔައިރު ފުލުހުން ކޮބައިތޯ އެމަނިކުފާނުވަނީ ސުވާލުކުރައްވާފައެވެ.

މީސްމީޑިއާގައި ދައުރުވަމުންދާ ވީޑީއޯތަކުންނާއި ފޮޓޯއިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ގާނޫނީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުން ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރި މީހުންވެސް ހިމެނެއެވެ. އެކަމަށް އިޝާރާތް ކުރައްވައި ޑރ. ޖަމީލް ވިދާޅުވީ މިނިސްޓަރ އިމްރާން ހުންނެވީ ފޯކަސް ގެއްލި، ބާރުގަދަ ފަރާތްތަކާމެދު ފިޔަވަޅު ނޭޅިފައި ކަމަށެވެ.

އަދި، ގައުމުގެ ހާލަތު ގޯސްވެ މިހިސާބަށް ކަންކަން ދިޔައިރު ވަޒީރު ކޮބައިތޯ އެމަނިކުފާނު ވަނީ ސުވާލުކުރައްވާފައެވެ.

މީސްމީޑިއާއަށް އެންމެ ފުރަތަމަ އާންމުވެފައިވަނީ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް ސައްތާރު ކަމަށް ބެލެވޭ މީހަކު އެހެން ފިރިހެނަކާއެކު އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯއެކެވެ. އެ މައްސަލަ އާއި ގުޅިގެން ނާޒިމް ފުލުހަށް ހާޒިރުކޮށްފައިވާއިރު، އޭނާގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓާފައެވެ.

އެއަށްފަހު ދެން އާންމުވެފައިވަނީ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ބެލެވޭ މީހެއްގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯއެކެވެ. ފުލުހުން ދަނީ އެ މައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

މީގެކުރިންވެސް ޑރ. ޖަމީލް ވަނީ މިނިސްޓަރ އިމްރާން މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރައްވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރު މިހާރަށް ވުރެ ބޮޑަށް ޒިންމާދާރުވާންޖެހޭ ކަމަށާއި، ގައުމުގައި އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަންކަން ހުރިއިރު، އެފަދަ މައްސަލަކަތަށް ސަރުކާރުގެ ފަރާތުން އަހަންމިއްޔަތު ނުދިނުމަކީ ދެރަވަރު ކަމެއް ކަމަށް މީގެކުރިން އެމަނިކުފާނު ވިދާޅުވެފައިވެއެވެ.