ބޮކްސިންގ ކްލާހެއް ބާއްވައިގެން މެކްސިކޯ ސިޓީގެ ރައްޔިތުން ވޯލްޑް ރެކޯޑެއް ގާއިމްކޮށްފިއެވެ.

އެގޮތުން މި ރައްޔިތުން ގާއިމްކޮށްފައިވަނީ އެންމެ ގިނަ މީހުން ބައިވެރިވި ބޮކްސިންގ ކްލާސް ބޭއްވި ރެކޯޑެވެ.

މީސްމީޑިއާގެ މަންސަަކާއި ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ސަމާލުކަމަށްވެސް މި މަންޒަރުތައް ފެންނަ ވީޑިއޯއެއް ވަނީ އައިސްފައެވެ. މެކްސިކޯގެ ވެރިކަން ކުރާ ސިޓީގެ ސެންޓްރަލް ޕްލާޒާގައި ބޭއްވި މި ބޮކްސިންގ ކްލާހުގައި ޖުމްލަ 14،299 މީހުން ވަނީ ބައިވެރިވެފައެވެ. މި އެންމެން ކްލާހުގައި ބައިވެރިވީ މެކްސިކޯގެ ދިދައިގައި ހިމެނޭ ރަތާއި ފެއްސާއި ހުދު ކުލަ ހިމެނޭ ޓީޝާޓު ލައިގެންނެވެ. އަދި ބައިވެރިން އެތުރިގެން ތިބީ އެ ގައުމުގެ ދިދަ ރަމްޒު ކޮށްދޭ އެތުރުމަކުންނެވެ.

މެކްސިކޯ ސިޓީގައި ބޭއްވި ބޮކްސިންގ ކްލާހުގެ ތެރެއިން

30 މިނެޓެއް ދިގުދެމިގެންދިޔަ މި ކްލާހުގައި އިންސްޓްރަކްޓަރުންގެ ގޮތުގައި ތިބީ، މެކްސިކޯގައި މަޝްހޫރު ބޮކްސިންގ އެތްލީޓުންގެ މައްޗަށް އެކުލެވިގެންވާ 15 ޕްރޮފެޝަނަލުންގެ ޓީމެކެވެ. މި 15 އިންސްޓްރަކްޓަރުންގެ ތެރޭގައި ދުނިޔޭގެ ޗެމްޕިއަން މަރިއާނާ "ބާބީ" ހުއަރޭޒް ވެސް ހިމެނެއެވެ..

މެކްސިކޯ ސިޓީގެ ރައްޔިތުން މި ރެކޯޑު މުގުރާލާފައިވަނީ ބޮޑު ފަރަގަކާއިއެކުއެވެ. އެންމެފަހުން މި ރެކޯޑް ގާއިމްކޮށްފައިވަނީ 2017 ވަނަ އަހަރު ރަޝިއާގެ ރައްޔިތުންތަކެކެވެ. އެގޮތުން ރަޝިއާގެ މޮސްކޯގައި ބޭއްވި ބޮކްސިންގ ކްލާހެއްގައި އެއްފަހަރާ 3000 މީހުން ވަނީ ބައިވެރިވެފައެވެ.

މެކްސިކޯ އިން މި ރެކޯޑު ގާއިމްކުރުމާ ގުޅޭގޮތުން މެކްސިކޯ ސިޓީގެ މޭޔަރ ކްލައުޑިއާ ޝެއިންބައުމް ކުރެއްވި ޓުވީޓެއްގައި ވަނީ، މި ކްލާހުގައި ބައިވެރިންގެ ގޮތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަކީ ޗެމްޕިއަނުންތަކެއް ކަމަށާއި، އިންސްޓްރަކްޓަރުންވެސް ހިމެނޭހެން މި އިވެންޓުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ.

9 މިލިއަން މީހުންގެ އާބާދީއެއް ދިރިއުޅޭ މެކްސިކޯ ސިޓީ އިން މީގެކުރިންވެސް އެތައް ވޯލްޑް ރެކޯޑެއް ގާއިމްކޮށްފައިވެއެވެ. އެގޮތުން އެންމެ ގިނަ މީހުން އެއްފަހަރާ "ފޫސްބޯލް" ކުޅުުމުގެ ރެކޯޑު، އެއީ 1080 މީހުންނާއެކު، އަދި 21،500 ހިލޭ ވައިފައި ހޮޓްސްޕޮޓް ލިބޭ ތަންތަން އެ ސިޓީގައި ހުރުމުން، އެންމެ ގިނަ ވައިފައި ސްޕޮޓް ހުރި އާބަން އޭރިއާގެ ރެކޯޑުވެސް ވަނީ ގާއިމްކޮށްފައެވެ. މީގެއިތުރުން އެންމެ ބޮޑު ސާވިންގ އެއް ހިމެނޭ ޕެކޭޖްޑް ޓާކޯސް ހެދުމުގެ ރެކޯޑުވެސް އޮތީ އެ ސިޓީގެ ރައްޔިތުންގެ އަތުގައެވެ. އެއީ 1230 ކިލޯގެ ޓާކޯސް އެކެވެ.