މާލެއަކީ ދިރިއުޅެން ހިތްގައިމު، ދުޅަހެޔޮ، އަމާން ސިޓީއަކަށް ހެދުމަށް ރައްޔިތުން އެދޭ އެދުން ފުއްދުމަށްޓަކައި ކުރެވޭ މަސައްކަތަށް ކުޑަވެސް މަޑުޖެހުމެއް ނާންނާނެ ކަމަށް މާލޭ ސިޓީގެ މޭޔަރ، ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޕޯޓުގަލްގެ މެޓޮސީނިއޮސްގައި ކުރިއަށްދާ އދ.ގެ ކަނޑާބެހޭ ޖަލްސާގެ ލޯކަލް އަދި ރީޖަނަލް ގަވަރންމަންޓާބެހޭ ޚާއްސަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، މޭޔަރ ވިދާޅުވީ، އެމަނިކުފާނާއި މާލޭ ސިޓީ ކައުންސިލުގެ ޓީމު މަސައްކަތް ކުރަމުންދަނީ ބަޖެޓުގެ ދަތިކަމާއި، ތަފާތު ފިއްތުންތައް އެކުލެވޭ މާޙައުލެއްގައި ކަމަށެވެ. ނަމަވެސް، ރައްޔިތުން ކަންބޮޑުވާ މައްސަލަތަކަށް ތަފާތު ގޮތްގޮތުން ޙައްލުތައް ހޯދުމަށް ކުރައްވާ މަސައްކަތުގައި ސާބިތުވެ ހުންނަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެއް ލައްކަ ގަސް އިންދުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށްދާކަން ފާހަގަކުރައްވާ މޭޔަރު ވަނީ ސިޓީ ކައުންސިލުން އަލަށް ތަޢާރަފުކުރަން ރޭވިފައިވާ އީ-ބައިކް ޕްރޮޖެކްޓާއި ގުޅޭގޮތުންވެސް ވާހަކަ ދައްކަވާފައެވެ.

ދިވެހިރާއްޖެއަކީ ޖައްވުހޫނުވުމުގެ މައްސަލައިގައި، އެންމެ ކުރީސަފުގައި ހިމެނޭ ޤައުމެއް ކަމަށާއި ރާއްޖެއަކީ ކަނޑުގެ ލޮނުގަނޑު އުފުލުމުގެ މައްސަލައިގައި އެންމެ ފުރަތަމަ، އެންމެ ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭނެ އެއް ޤައުމަށްވުމުގެ އިތުރުން، މިމައްސަލައި ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަމަށްގެނައުމަށްވެސް އެންމެ ހަރުއަޑުން ވަކާލާތުކުރަމުން އަންނަ އެއް ޤައުމުގެ ގޮތުގައި، ގިނަ ބައެއްގެ އިޙްތިރާމް ހޯދާފައިވާ ގައުމަކީ ރާއްޖެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ

އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ ތިމާވެށި ހިމާޔަތްކުރުމުގައި ޒިންމާދާރުކަމާއެކު މަސައްކަތްކުރަމުން އަންނަ ބައެއް" ރާއްޖެއިން އެދޭ ހަމައެކަނި އެދުމަކީ ކޮންމެ ޤައުމަކުންވެސް އެބައެއްގެ ޒިންމާ ފަރުވާތެރިކަމާއެކު އަދާކުރުން."
މާލެ ސިޓީގެ މޭޔަރު ޑރ. މުޢިއްޒު

މިއަދު ފެށުނު ބައްދަލުވުމުގައި ޕޯޗުގަލް ސަރުކާރުގެ އެންމެ އިސް ގިނަ ވެރިންނާއި، އދ. ގެ ކަމާބެހޭ އިސްފަރާތްތަކުގެ އިތުރުން، އެހީދޭ ޖަމްޢިއްޔާތަކުންވެސް ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގަންނަވައެވެ. އަދި، ގިނަ ޤައުމުތަކެއްގެ މޭޔަރުންންވެސް ޖަލްސާގެ ބައިވެރިންގެ ތެރޭގައި ހިމެނެއެވެ.