ރާއްޖޭގެ 15 ރަށެއްގައި ކުނި މެނޭޖްކުރަން ހަދަން ނިންމާފައިވާ ސެންޓަރުތަކުގެ މަސައްކަތް ކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން ބީލަމަށް ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ސަރުކާރުން ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ)ގެ އެހީގައި ހިންގަމުން އަންނަ ގްރޭޓަ މާލެ އެންވަޔަރަންމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓް ދަށުން ޖުމްލަ 15 ރަށެއްގައި ކުނި މެނޭޖްކުރާ ސެންޓަރުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ.

މި ބީލަންތަކުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް ކަމަށް މިނިސްޓަރީން ބުނެއެވެ. އަދި އިންޓަރނޭޝަނަލް ކުންފުނިތަކުން "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާފަރާތްތަކުގެ ގަވާއިދު"ގައި މި މަރުހަލާގައި ރަޖިސްޓްރީ ވާކަށް ނުޖެހޭނެ ކަމަށްވެސް މިނިސްޓަރީން ބުނެއެވެ.

އެ ރަށްތަކުގައި ހަދަން ނިންމާފައިވާ ފެސިލިޓީތަކުގެ މަސައްކަތްކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 25 އާ ހަމައަށް ވަނީ ހުޅުވާލައިފައެވެ.

ބީލަމުގައި ބައިވެރިވާން 500 ރުފިޔާގެ ރެޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭ ކަަމަށް ވެސް މިނިސްޓަރީން މައުލޫމާތުދެއެވެ. ރަޖިސްޓްރޭޝަން ކުރިއަށްދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 21 އާ ހަމައަށެވެ. އަދި މިނިސްޓްރީގެ ބަނޑޭރި އެޕުން ވެސް ފައިސާ ދެއްކޭނެ ކަމަށް ވެސް މިނިސްޓަރީން ބުނެއެވެ.

މި ޕްރޮޖެކްޓާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ބައްދަލުމެއް އަންނަ މަހުގެ 4 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.