ސަސްޕެންޝަނުން އަރައިގަނެ ފުޓުބޯޅައިގެ ތެރެއަށް އެނބުރި އައުމަށް ރާއްޖޭގެ ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ކުރަމުން އަންނަ މަސައްކަތުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލް ކީޕަރު އިމްރާން މުހައްމަދުގެ ބޮޑު އެހީތެރިކަމެއް ދީފިއެވެ.

ނިއުރޭޑިއަންޓް ސަސްޕެންޑު ކުރުމަށް އެފްއޭއެމުން ނިންމީ 2019 ވަނަ އަހަރު ޖެނުއަރީގައެވެ. އެންމެ ފުރަތަމަ އެގޮތަށް ނިންމީ އެފްއޭއެމްގެ އެކްސްކޯ އިންނެވެ. އެނިންމުން އެ އަހަރުގެ ކޮންގްރެސްގައި ކްލަބުތަކުން ވަނީ ފާސްކޮށްފައެވެ. އަދި އޭގެފަހުން ތިން ފަހަރެއްގެ މަތިން ސަސްޕެންޝަން ދަމަހައްޓަން ކްލަބްތަކުން ވަނީ ފާސްކޮށްފައެވެ. ނިއު އޮތީ އެފްއޭއެމްގެ އިތުރުން ފީފާގެ ވެސް ސަސްޕެންޝަނެއްގައެވެ. މި ނިންމުންތައް ނިންމާފައިވަނީ ކުޅުންތެރިންނާއި ކޯޗަށް ދޭންޖެހޭ މުސާރަ ނުދީ ހުރުމުގެ ސަބަބުން، އެކަމުގެ ޝަކުވާ ކުޅުންތެރިން ހުށަހެޅުމުންނެވެ. ނިއު އާއި ދެކޮޅަށް 2018 ވަނަ އަހަރު މައްސަލަ ހުށަހެޅި ކުޅުންތެރިންގެ ތެރޭގައި ދަގަނޑޭ އާއި އިމްރާން ވެސް ހިމެނެއެވެ.

ދަގަނޑޭ އާއި އިމްރާން އަކީ ނިއު އިން އެންމެ ބޮޑު މުސާރައެއް ލިބޭ ދެކުޅުންތެރިންނެވެ. ދަގަނޑޭ އަކީ އޭރު ނިއުގެ ކެޕްޓަން އެވެ. އިމްރާން އަކީ އޭރުގެ އެއްވަނަ ކީޕަރެވެ.

މުސާރައިގެ ގޮތުގައި ނިއުގެ އޭރުގެ ކޯޗަށާއި ބިދޭސީ ތިން ކުޅުންތެރިންނަށް ދޭން ޖެހޭ ޖުމްލަ އަދަދަކީ 3.3 މިލިއަން ދިވެހި ރުފިޔާއެވެ. މި ފައިސާ އެ ކުލަބުން ވަނީ މިހާރު ހަވާލުވެސް ކޮށްފައެވެ.

"ވީނިއުސް" އާއި ވާހަކަދައްކަވަމުން ނިއު ރޭޑިއަންޓްގެ އައު ޗެއާމަން އަހްމަދު ވާސިފް ވިދާޅުވީ، ދިވެހި ކުޅުންތެރިންގެ މުސާރައިގެ ކަންކަމުގައި މިހާރު މަޝްވަރާކޮށް، ބައެއް ކުޅުންތެރިންނާއެކު އެއްބަސްވުމަށްވެސް އާދެވިފައިވާ ކަމަށެވެ. އެގޮތުން ދިވެހި 10 ކުޅުންތެރިންގެ ތެރެއިން 8 ކުޅުންތެރިންނާއެކު ސެޓްލްމަންޓް އެގްރީމަންޓް އެއް ހަދާ، ފަހުން ނުވަތަ މަހުންމަހަށް ބަހާލައިގެންވިޔަސް އެ ކުޅުންތެރިންނަށް ނުލިބި ހުރި މުސާރަ ހަމަޖައްސާދޭ ގޮތަށް، އެ ކުޅުންތެރިންނާ މަޝްވަރާކޮށް އެއްބަސްވެވިފައިވާ ކަމަށެވެ. އަދި އަނެއް ދެކުޅުންތެރިންނާއެކުވެސް މިކަމުގެ މަޝްވަރާތައް މިހާރު ކުރަމުންދާ ކަމަށް ވާސިފް ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ދަގަނޑޭ އާއި އިމްރާން އާއިއެކުވެސް ނިއުއަށް ސެޓްލްމަންޓަކަށް އާދެވިފައިވާއިރު، ކުރިން މި ދެކުޅުންތެރިންގެ މުސާރައިގެ ގޮތުގައި އެކަނިވެސް ނިއު އިން 1.5 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އެހެންނަމަވެސް މި ދެ ކުޅުންތެރިން މިހާރު ވަނީ ނިއުއިން ދޭން ޖެހޭ ފައިސާގެ ބޮޑު ބައެއް ކުޑަކޮށްދީ، އެނބުރި އައުމަށް ނިއު އިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައެވެ.

މިއާއެކު ދިވެހި ކުޅުންތެރިންނަށް ނިއު އިން ދޭންޖެހޭ މުސާރަ، ދެ މިލިއަން ރުފިޔާއިން ހަމަޖެއްސޭނެއެވެ.

މި ހުރިހާ ކަމެއް ހަމަޖެއްސުމަށް ހަލުވި ދުވެއްޔެއްގައި ނިއުގެ އައު ބޯޑުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެކުލަބަށް މި ހުރިހާ ކަމެއް ހަމަޖެއްސި، އަލުން ފުޓުބޯޅައިގެ ތެރެއަށް އައުމަށް އޮތް ހުރަސް ނައްތާލާ، ސަސްޕެންޝަން އުވާލެވޭނެކަމަށް، ވީނިއުސް އާއި ވާހަކަދައްކަވަމުން ވާސިފް ވިދާޅުވިއެވެ.

ނިއުގެ ސަސްޕެންޝަން އުވާލުމުގެ ބާރު، ދާދިފަހުން ބޭއްވި އެފްއޭއެމްގެ ކޮންގްރެސް އިން އެފްއޭއެމްގެ އެކްސްކޯ އަށް ވަނީ ދީފައެވެ. އަދި މުސާރައިގެ ކަންކަން ނިންމުމުން ސަސްޕެންޝަން އުވާލާނެކަމަށް އެފްއޭއެމް އިން ވަނީ ބުނެފައެވެ.

ބެލެވޭ ގޮތުގައި އަދި ނިއުގެ ބޯޑުން އުންމީދު ކުރާ ގޮތުގައި އަންނަމަހު ފަށާ ދެވަނަ ޑިވިޝަން މުބާރާތުގައި ނިއު ފެނިގެންދާނެއެވެ. ނިއު އިން އަންނަނީ ކޯޗެއްގެ ގޮތުގައި އެކުލަބުގެ ކުރީގެ ކުޅުންތެރިޔާ އަދި މިހާރުގެ ޒުވާން ކޯޗު ސޮބާހު މުހައްމަދު އައްޔަންކޮށް، ނުރަސްމީކޮށް ތަމްރީނުތައް ކުރިއަށް ގެންދަމުންނެވެ.

ނިއު އިން އަންނަނީ ބިދޭސީ އައު 4 ކުޅުންތެރިން އެޓީމަށް ގެނައުމަށް ކުރަން ޖެހޭ ކަންކަންވެސް ކުރަމުންނެވެ. އެގޮތުން މިހާރު އެކުލަބުން ވަނީ މިސްރުގެ ކުޅުންތެރިއަކާއި ގާނާގެ ދެ ކުޅުންތެރިން އަދި އުޒްބެކިސްތާނު ކުޅުންތެރިންނާއެކު ނުރަސްމީ އެއްބަސްވުމަކަށް އައިސްފައެވެ. ރަސްމީ އެއްބަސްވުމެއް އެކުލަވާލާ އެ ކުޅުންތެރިންނަށް ނިއުގެ ކޮންޓްރެކްޓުގައި ސޮއި ކުރެވޭނީ މުސާރައިގެ ކަންކަން ނިމުމުން ފީފާ އިން ނިއުއަށް ދީފައިވާ ޓްރާންސްފަރ ބޭން ނެގުމުންނެވެ.