ރ. ވާދޫގައި ސިޓީ ހޮޓަލެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
ރ. ވާދޫ ކައުންސިލްގެ އޮފިޝަލަކު މިއަދު "ވީނިއުސް"އަށް ވިދާޅުވީ، އެ މަޝްރޫޢު ކުރިއަށް ގެންދިއުމުގެ ކުރިން ތިމާވެއްޓަށް ކުރާނެ އަސަރު ދެނެގުމަށް ހަދަންޖެހޭ އީ.އައި.އޭ ހެދުމަށް ފަހު މިހާރު ކުރިއަށް ދަނީ ޑިޒައިނިންގެ ފަހު މަރުޙަލާތައް ކަމަށެވެ.
މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތަކަށް އިޝާރާތްކުރައްވަމުން، އޮފިޝަލް އިތުރަށް ވިދާޅުވީ، މަސައްކަތް ފެށުމަށް އެ ސަރަހައްދަށް ކަރަންޓްގެ ޚިދުމަތް ބޭނުންވާތީ ކަރަންޓް ފޯޜުކޮށްދިނުމަށް ވާދޫ ފެނަކަ ކޯޕަރޭޝަނުން މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ޕްރޮޖެކްޓް ހިންގުމަށް އެންމެ ފުރަތަމަ ބަޔަކާ ހަވާލުކުރީ 2016 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ނަމަވެސް މިއަދާ ހަމައަށް އައި އިރުވެސް މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށެއެވެ.
އެންމެ ފުރަތަމަ މަޝްރޫއާ ހަވާލުވީ ދިވެހި ކުންފުނެއް ކަމަށްވާ ފާލަން ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑެވެ.
އެހެން ނަމަވެސް، ފަހުން އެ ކުންފުންޏާއެކު ވެފަައިވާ އެއްބަސްވުން ވަނީ ސިންގަޕޫރުގެ އެމް20 ހޮސްޕިޓަލިޓީ ވެންޗާރސްއަށް ބަދަލުކޮށްފައެވެ.
އެތަން ތަރައްގީކުރުމަށް ހަމަޖެހިފައިވަނީ ހަތަރު ތަރީގެ ފެންވަރަށް 25 ބީޗް ވިލާއާއި 25 ގާޑެންވިލާ ހިމެނޭ ގޮތަށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި ރެސްޓޯރެންޓާއި ޖިމް ހިމެނޭ ގޮތަށް ޒަމާނީ ފެންވަރުގެ ޚިދުމަތްތައް އެ ތަނުން ލިބޭނެ ކަމަށްވެސް މައުލޫމާތު ލިބެއެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަމުންދާތީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރިކަމަށް އެ ރަށު ރައްޔިތުންގެ އެކި ފަރާތްތަކުން އަންނަނީ ބުނަމުންނެވެ
ހިތްގައިމު އަތިރިމައްޗަކާއި ގުދުރަތީ އެތައް ރީތިކަމެއް ލިބިފައިވާ ވާދޫ އަކީ ލޯކަލް ޓޫރިޒަމްގެ މުސްތަޤުބަލް އޮތް ރަށެކެވެ. ވާދޫގެ މޫދުގައި ރެދަންލާ މަންޒަރަކީ ބައިނަލް އަޤުވާމީ ސަމާލުކަން ލިބިފައިވާ ހިތްގައިމު މަންޒަރެކެވެ.