ބައިނަލް އަގްވާމީ ޔޯގާ ދުވަސް ފާހަގަނުކުރުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން އަދި ދައުލަތުގެ އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓުން ބުނެފިއެވެ.

ޔޫތު މިނިސްޓްރީން މިފަދައިން ބުނެފައިވަނީ ޔޯގާ ހަރަކާތް ކުރިއަށް ނުގެންދިއުމަށާއި، އެފަދަ މެޑިޓޭޝަން ހަރަކާތްތައް ކުރިއަށް ގެންދާ ފަރާތްތަކާމެދު ފިޔަވަޅު އަޅާދިނުމަށް އެދި އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީއެއް އާންމުވުމާއި ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައެވެ.

އެކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެފަދަ އެންގުމެއް މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށާއި، ކަނޑައެޅިގެން އިސްލާމްދީނުގައި ހަރާމްކުރައްވާފައިވާ ކަންކަމާއި ދިވެހިރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތަކާއި ޚިލާފުވާނެ އެއްވެސް ކަމެއް އެ މިނިސްޓްރީގެ ފަރާތުން ނުހިންގާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

އަދި، ބައެއް މައްސަލަތަކަކީ އިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިފައިވާ ކަންތައްތަކެއްކަމުން، ކަނޑައެޅިފައިވާ އުސޫލުތަކުގެތެރެއިން މިފަދަ މައްސަލަތަކާއި ގުޅޭގޮތުން ކަމާގުޅޭ އިދާރާތަކުން ސާފުކޮށް ރަޢުޔު ކަނޑައެޅުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައިވެއެވެ.

އިސްލާމިކް މިނިސްޓްރީން ފުލުހަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ މިހާރަކަށް އައިސް މެޑިޓޭޝަންގެ ގޮތުގައި ކަސްރަތެއްގެ ގޮތުގައި ރާއްޖޭގައި ތަފާތު ބަލިބައްޔަށް ޝިފާ ހޯދުމުގެ ނަމުގައި ޔޯގާ ބޭނުން ކުރަމުންދާކަމަށާއި، އެއީ ހިންދޫ ދީނުގެ އަޅުކަމެއް ކަމަށެވެ.

ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނުގައިވާ ގޮތުން އެފަދަ ދީނީ ހިޔާލުތަފާތުވުންތައް ހިމެނޭ މައްސަލަތަކުގައި މިނިސްޓްރީން އަމަލު ކުރަން ޖެހޭ ގޮތަކީ ފަތުވާ މަޖިލީހުގެ ބަހެއް ހޯދުމެވެ. ނަމަވެސް، ޔޯގާ މައްސަލަގައި އިސްލާމިކް މިނިސްޓްރީން ފަތުވަ މަޖިލީހުގެ ބަހެއް ހޯދާފައި ނުވާކަން ވަނީ ހާމަވެފައެވެ.

ބައިނަލްއަގްވާމީ ޔޯގާ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޔޫތު މިނިސްޓްރީއާއި ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަން ގުޅިގެން ޖޫންމަހުގެ 21 ވަނަ ދުވަހު ގަލޮޅު ފުޓުބޯޅަ ދަނޑުގައި ޔޯގާ ހަރަކާތެއް ކުރިއަށް ގެންދަނިކޮށް އެކަމަމާ ދެކޮޅު ހަދައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ދަނޑަށް ވަދެ އެހަރަކާތް ހުއްޓުވާފައެވެ.

އެމައްސަލާގައި މިހާތަނަށް ޖުމްލަ 19 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

މިނިސްޓްރީން ބުނީ 2014 ވަނަ އަހަރުން ފެށިގެން މިނިސްޓްރީން ޔޯގާ ދުވަސް ފާހަގަކުރަމުން އަންނަނީ ޔޯގާއަކީ ކުޅިވަރާއި ކަސްރަތުގެތެރޭގައި ހިމަނާފައިވާ ކަމަކަށްވާތީ، އެހެން ހުރިހާ ގައުމުތަކުގެވެސް ކުޅިވަރު މިނިސްޓްރީތަކުން ބައިވެރިވާ އުސޫލުގެ ދަށުން ކަމަށެވެ.