"ގެދޮރުވެރިން ޕޯޓަލް" އިފްތިތާހުކޮށްފިއެވެ.

މި ޕޯޓަލްއަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުރިމަތިލުމަށް ސަރުކާރުގެ ގެދޮރުވެރިޔާ ސިޔާސަތުގެ ދަށުން ހުޅުވި ޕޯޓަލްއެކެވެ.

މި ޕޯޓަލް އިފްތިތާހްކޮށްދެއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވީ މާލޭގެ ރަށްވެހިންނަށް މިއަދު މި ހުޅުވާލަނީ 3000 ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ކަމަށާއި މާލޭ ސަރަޙައްދުގައި އަމިއްލަ ނަމުގައި އެއްވެސް ތަނެއް ނެތް އަދި 600 އަކަފޫޓަށް ވުރެ ކުޑަ ބިމެއް ނެތް މީހުންނަށް ގޯއްޗަށް އެދެވޭނެ ކަމަށެވެ.

އަދި މީގެ އިތުރުން މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް ނުވަތަ ބިމެއް ގަނެފައިވާ ފަރާތަކަށްނުވުމާއި މާލޭގައި 600 - 1000 އަކަފޫޓާ ދެމެދުގެ ބިމެއް އޮންނަ ނުވަތަ ބިމެއް ވާރުތަވާ މީހުންނަށް 6 ކެޓަގަރީއަކަށް ބަހާލައިގެން ސްކީމް ކުރިއަށްގެންދަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

" މި ސްކީމްގަ ވަކި ފަރުދެއްގެގޮތުގައިވެސް ބައިވެރިވެވިދާނެ. ނޫނީ އާއިލާގެ މެމްބަރުންތަކެއް އެއްވެގެންވެސް ބައިވެރިވެވިދާނެ. ނޫނީ މުޅި އާއިލާއެކުގަވެސް ބައިވެރިވެވިދާނެ. އަޅުގަނޑުމެން ދޫކުރާ ގޯތީގެ އެންމެ ކުޑަ ސައިޒަކީ 1250 އަކަފޫޓު. ޖޮއިންޓް އެޕްލިކޭޝަނެއްގެ ގޮތުގަ ހުށަހަޅާ އެޕްލިކޭޝަންތަކަށް ހޮވޭ ފަރާތްތަކަށް އެކަކަށްވުރެ ގިނަވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ޖާގަ އިތުރު ކުރެވިގެންދާނެ. އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ 7000 އަކަފޫޓް. އެހެންކަމުން 400 އަކަ ފޫޓުން ޖާގަ އިތުރު ކުރެވިގެންދާނީ އެޕްލިކޭޝަން 4000 އަކަފޫޓް އެންމެ ބޮޑު ގޯއްޗެއްގެ ސައިޒަކީ. އެންމެ ގިނަވެގެން އެޕްލިކޭޝަންގަ ބައިވެރިވެވޭނީ 7 މެމްބަރުން ހަމަވީމަ."
މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް

މީގެ އިތުރުން ފްލެޓަށް އެދި ކުރިމަތިލާ މީހުންގެ ޝަރުތުތައްވެސް މިއަދު ވަނީ އިއުލާންކޮށްފައެވެ. އެގޮތުން މާލޭގެ ރައްޔިތެއްކަމުގައިވުމާއި 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުމާއި މާލޭގެ ރަށްވެއްސަކަށްވެފައިވާތާ ނުވަތަ ދިރިއުޅޭތާ 15 އަހަރު ވެފައިވާ ފަރާތެއްކަމުގައިވުމުގެ އިތުރުން އެއްވެސް މަޝްރޫޢަކުން މީގެކުރިން ބޯހިޔާވަހިކަމެއް ލިބިފައިވާ ފަރާތަކަށްނުވުން ހިމެނެއެވެ.

އަދި މާލޭ ސިޓީން 600 އަކަފޫޓުގެ ނުވަތަ އެއަށްވުރެ ބޮޑު ޔުނިޓެއް ނުވަތަ ބިމެއް ތަނެއް ގަނެފައިވާ ފަރާތަކަށްނުވުމާއި ވޭތުވެދިޔަ 3 އަހަރުގެ ތެރޭގައި 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ވިއްކާފައިނުވުމާއި މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާވުރެ ބޮޑުނުވުންވެސް ހިމެނެއެވެ.

މިޕޯޓަލް މެދުމެރިކޮށް ބޯހިޔާވަހިކަމުގެ ސްކީމްތަކުގެ ޝަރުތުތަކާއި އަދި އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ލިބޭނެ ކަމަށް ސަރުކާރުން ބުނެއެވެ.

ޕޯޓަލްއަށް ފޯމު ހުށައެޅުމުން އެ މަސައްކަތް ކުރިއަށްދާގޮތުގެ ނޮޓިފިކޭޝަން، އެސްއެމްއެސް އަދި އީމެއިލް މެދުވެރިކޮށް ލިބޭނެ ފީޗަރތައްވެސް މިޕޯޓަލްގައި ހިމެނެއެވެ. ޕޯޓަލްގެ ލޮގިންއަކީ https://gedhoruverin.gov.mv/ އެވެ.