މި އަހަރު ރާއްޖޭން ހައްޖަށް ދާ ފުރަތަމަ ގުރޫޕް ރޭ ފުރައިފިއެވެ.
މި އަހަރު ރާއްޖޭން 453 މީހުން ހައްޖަށް ދާއިރު، ރޭ ފުރީ 157 ހައްޖާޖީން ކަމަށް އިސްލާމިކް މިިނިސްޓަރީން ބުނެއެވެ.
މިފަހަރު ހައްޖާޖީން ފުރަން ހަމަޖެހިފައިވަނީ ތިން ފްލައިޓެއްގައެވެ. އެއީ ރޭގެ އިތުރުން މި މަހުގެ 29 ވަނަ ދުވަހާއި، ޖުލައި މަހުގެ ދެވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.
މިމަހުގެ 29 ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖާޖީން އަދި ޖުލައި 2 ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ޙައްޖާޖީން ފުރާނެއެވެ.
ހައްޖުވެރިން ހައްޖަށްދާން ރޭ ފުރަން ފަށާފައިވާއިރު ރާއްޖޭގެ ހައްޖު މިޝަންގެ ބޭފުޅުން މިހާރު ތިބީ ސައުދީ އަރަބިއްޔާގައެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ދިވެހި ސަރުކާރުގެ ފަރާތުން ބެލެހެއްޓުމަށް ކޮންމެ އަހަރަކުވެސް ސަރުކާރުން އެކަމަށް ހާއްސަ މިޝަނެއް އެކުލަވާލާއިރު އެ މިޝަންއިން ސައޫދީ އަރަބިއްޔާގައި ގާއިމްވެ، ރާއްޖެއިން އެ އަހަރަކު ހައްޖުގެ އަޅުކަން އަދާކުރަން ސައުދީ އަރަބިއްޔާ ދާ ހާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދޭނެއެވެ.
މިއަހަރުގެ އަމީރުލް ޙައްޖުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވަނީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު އަލީއެވެ.