ލިވާތު ބާގައިގެ މީހުންގެ ކިބައިން ރާއްޖެ ސަލާމަތް ކުރަން އަރަފާތު ބިމުގައި ދުއާކޮށް ދެއްވުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އެދިވަޑައިގެންފިއެވެ.

ދިވެހި ހައްޖާޖީންނަށް ބާއްޖެވެރި އަމާން ދަތުރަކަށް އެދެމުން ޝަހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ލިވާތު ބާގައިގެ މީހުންނާއި އެމީހުންނަށް އެހީވާ މީހުންގެ ކިބައިން މި ގައުމު ސަލާމަތްކޮށްދެއްވުން އެދި އަރަފާތު ދުވަހު ހުރިހާ ދިވެހި ހައްޖާޖީން ދުއާކޮށް ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

މީގެ އިތުރުން ޝަހީމް ވަނީ ހުރިހާ ހައްޖާޖީންނަށް ވެސް އަމާން ދަތުރަކަށް އެދިވަޑައިގެންފައެވެ.

ރާއްޖެއިން މީހުން ޙައްޖަށް ދިއުމަށްޓަކައި ކޯޓާގެ ގޮތުގައި ލިބިފައިވަނީ 453 ޖާގައެވެ. އޭގެ ތެރެއިން 100 ޖާގައަށް މީހުން ހޮވާފައިވަނީ އާއްމުންގެ މެދުގައި ނެގި ގުރުއަތަކުންނެވެ. އަދި ބާކީ ޖާގަތަކަށް މީހުން ނެގީ ޙައްޖު ކޯޕަރޭޝަންގެ ކިއު ތަރުތީބުންނެވެ. މިފަހަރު ޙައްޖާޖީން ފުރަން ހަމަޖެހިފައިވަނީ 3 ފްލައިޓެއްގައެވެ. އެއީ ޖޫންމަހުގެ 26 ވަނަ ދުވަހާއި، 29 ވަނަ ދުވަހާއި، ޖުލައި މަހުގެ 2 ވަނަ ދުވަހު އޮންނަ ފްލައިޓްތަކުންނެވެ.

ރާއްޖޭއިން ހައްޖަށް ދާ ފުރަތަމަ ގުރޫޕް ވަނީ ރޭ ފުރާފައެވެ. ރޭ ފުރާފައި ވަނީ 157 ހައްޖާޖީންއެވެ.

މިމަހުގެ 29 ވަނަ ދުވަހުގެ ފްލައިޓުން 175 ޙައްޖާޖީން އަދި ޖުލައި 2 ވަނަ ދުވަހު އޮންނަ ފްލައިޓުން 115 ޙައްޖާޖީން ފުރާނެ ކަމަށް އިސްލާމިކް މިނިސްޓަރީން ބުނެއެވެ.