ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ރުވާންޑާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރުވާންޑާއަށް ކުރެއްވި މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދާއި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމަކީ، 1 ފެބްރުއަރީ 2020ގައި ދިވެހިރާއްޖެއިން ކޮމަންވެލްތާ އަލުން ގުޅުމަށްފަހުގައި ބޭއްވި، ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ފުރަތަމަ ބައްދަލުވުމެވެ.

ޖޫން 20 އިން 25އަށް ރުވާންޑާގެ ކިގާލީގައި ބޭއްވި ކޮމަންވެލްތް ޤައުމުތަކުގެ އިސްވެރިންގެ 26 ވަނަ ބައްދަލުވުން 2022ގެ ޝިއާރަކީ "ޑެލިވަރިންގ އަ ކޮމަން ފިއުޗަރ: ކަނެކްޓިންގ، އިނޮވޭޓިންގ، ޓްރާންސްފޯމިންގ" މި އެވެ. މިބައްދަލުވުމުގައި ކޮމަންވެލްތުގެ 54 މެމްބަރު ޤައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެން، މެމްބަރު ޤައުމުތަކުގެ ގުޅުން ވަރުގަދަކުރުމާއި، މުސްތަޤުބަލުގެ ޖީލުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން ސަލާމަތްވުމަށް އައު ފުރުޞަތުތައް ހޯދުމާ ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. ކޮމަންވެލްތުގެ ޤައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައި ވަނީ މަތީފަންތީގެ ބައްދަލުވުންތައް ބާއްވައި ވިޔަފާރި އާއި، ޞިއްޙަތާއި، މޫސުމާ ގުޅޭ އެކި މައުޟޫޢުތަކުގައި މަޝްވަރާ ކުރައްވާފައެވެ.

ކޮމަންވެލްތުގެ ޤައުމުތަކުގެ އެންމެ އިސްވެރިންގެ 26 ވަނަ ބައްދަލުވުމުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރާއި މޮރިޝަސްގެ ބޮޑުވަޒީރާއެކު ވަނީ ބައްދަލުކުރެއްވުންތައް ބާއްވާފައެވެ. މިބައްދަލުކުރެއްވުންތަކުގެ މަޤުޞަދަކީ، ޤައުމުތަކާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރެއްވުމާއި، ދޭދޭ ޤައުމުތަކުގެ މަސްލަޙަތު ކުރިއަރުވައި، ބައިނަލްއަޤުވާމީ މައްސަލަތަކަށް ހައްލު ހޯދުމުގައި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކޮމަންވެލްތުގެ އެންމެ އިސްވެރިންގެ މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެން، މިސަރުކާރުން ޑިމޮކްރަސީއާއި، ފާގަތިކަމާއި ސުލްޙަމަސަލަސްކަން ފަދަ ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ގުޅިފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެއްބާރުލުންދީ، ބައިނަލްއަޤްވާމީ މުޖުތަމައާއެކު މަސައްކަތްކުރުމުގައި ދެމިއޮންނާނެކަމުގެ ޔަޤީންކަން ވަނީ ދެއްވާފައެވެ.