ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ ދެ ގައުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ޤައުމަކީ ގެބޮން އަދި ޓޯގޯއެވެ. މިނިސްޓަރ ޝާހިދުގެ މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެޤައުމުތަކާއެކު މަސައްކަތް ކުރެވޭނެކަމަށް ޔަޤީންކަން ކުރައްވާކަމަށް ވިދާޅުވިއެވެ.

އަދި މިއީ އެޤައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރ ސިފަކުރެއްވިއެވެ. ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އައު މެމްބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ.

މިއާއެކު ކޮމަންވެލްތު މެމްބަރު ޤައުމުތަކުގެ އަދަދު 56 އަށް ވަނީ އިތުރުވެފައެވެ.