މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ސައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން މިކަމަށް އިލްތިމާސްކޮށްފައިމިވަނީ އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯތަކެއް ލީކުވެފައިވާ ވަގުތެއްގައެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައި ވަނީ ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ޤާނޫނުއަސާސީން ލިބިދީފައިވީހިނދު، އެ މިނިވަންކަމުގެ ޙައްޤަކީ ވަކި ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކަކާއެކު ބޭނުންކުރަންޖެހޭނެ ޙައްޤެއްކަމުގައި ވެސް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އެހެންކަމުން، ނޫސްވެރިންނާއި މީޑިއާތަކުން އެ ޙައްޤު ބޭނުންކުރުމުގައި މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނާއި ގަވާއިދަށާއި އަދި ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑާ އެއްގޮތަށް ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް، އެންމެހައި ނޫސްވެރިންނާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށެވެ.

އެގޮތުން ޚާއްސަ ގޮތެއްގައި، އާންމު ފަރުދުންގެ އަބުރަށް ނުވަތަ ހައްޤަކަށް އުނިކަމެއް އަތުވެދާނެފަދަ މައުލޫމާތަކަށް ވާނަމަ، އެ މައުލޫމާތެއްގެ ސައްޙަކަން ކަށަވަރުކުރުމަށް ފަހު ނޫނީ އެ މައުލޫމާތެއް ފެތުރުމަކީ އެ ކައުންސިލުގެ ޤާނޫނާއި ދިވެހި މީޑިއާގެ އާންމު ހަމަތަކާ ވެސް ޚިލާފުކަމެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އަދި ޚަބަރު ފެތުރުމުގައި އެކަމެއްގައި ޝާމިލުވާ ހުރިހާ ފަރާތްތަކެއްގެ ވެސް ބަސް ހިމަނައިގެން ޚަބަރާއި މައުލޫމާތު ޝާއިޢުކުރުމަށް އެ ކައުންސިލުގެ ގަވާއިދުން މީޑިއާތަކަށް ލާޒިމުކުރާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން، ދިވެހި މީޑިއާގެ ހަމަތަކާ އަޚްލާޤީ މިންގަނޑުގައި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކުރާ ޚަބަރާއި މަޢުލޫމާތަކީ ޞައްޙަ ތެދު މަޢުލޫމާތުކަން ކަށަވަރުކުރަން ކުރެވެންހުރި ހުރިހާ މަސައްކަތެއްކުރުމަށް ނޫސްވެރިންނަށާއި މީޑިއާތަކަށް އިލްތިމާސްކުރާ ކަމަށާއި އަދި އިސްލާމްދީނާއި ޚިލާފު ޚަބަރާއި މައުލޫމާތާއި، މުޖުތަމަޢުގެ އާންމު އަޚުލާޤީ މިންގަނޑާ ޚިލާފު މައުލޫމާތާ ޚަބަރު ނުފެތުރުމަށް މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.

އަދި ސައްޙަ މަސްދަރުތަކުން ހޯދާ މައުލޫމާތާއި ޚަބަރު ނޫނީ ނުފެތުރުމަށް ނޫސްވެރިންނަށް ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.

މީގެ އިތުރުން، މަޢުލޫމާތު ހޯދުމާއި ޚިޔާލު ފާޅުކުރުމާއި ފާޑުކިއުމުގެ ތެރޭގައި، ނުފޫޒުން އެއްކިބާވެ، ނޫސްވެރިކަމާއި މީޑިއާގެ މިނިވަންކަން އަބަދުމެ ހިމާޔަތްކޮށް ދެމެހެއްޓުމަކީ އެ ކައުންސިލުން ނުހަނު ބާރުއަޅާ ކަމެއްކަން ފާހަގަކޮށް ކައުންސިލްގެ ބަޔާނުގައި ވަނީ ލިބޭ މައުލޫމާތުތައް ކަށަވަރުކުރުމަށްޓަކައި މީޑިއާތަކުން ދައުލަތުގެ އެކިއެކި މުއައްސަސާތަކުން މައުލޫމާތެއް ހޯދުމަށް އެދޭ ހާލަތުތަކުގައި، ވީއެންމެ އަވަހަކަށް އެކަމާ ގުޅޭ މަޢުލޫމާތު މީޑިއާތަކަށް ފޯރުކޮށްދިނުމަށް އިލްތިމާސްކޮށްފައެވެ.