ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއްޖިއްސުން ގުޅުންހިންގާ ވީޑިއޯތަކާއި ފޮޓޯތަކުގެ ސައްޚަކަން ކަށަވަރުނުވަނީސް އެކަމާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތްކަމަަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް،ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ ގުޅޭގޮތުން މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ކުއްލި މައްސަލައަކީ މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކާއި ގުޅޭގޮތުން ކަމަށެވެ.
އަދި އެ ފޮޓޯތަކަކީ ތުހުމަތެއް ކަމަށާއި އެހެންކަމުން ބައެއްގެ މައްޗަށް ކުރެވޭ ތުހުމަތެއްގެ މައްޗަށް މަޖިލީހުގައި ވާހަކަދައްކަން ފުރުސަތު ދޭން ޖެހޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
މިފޮޓޯތަކަކީ އެކިއެކި މީހުންގެ މައްޗަށް ކުރެވޭ ތުހުމަތު ފުލުސް އޮފީހަށް ހުށަހަޅަފައިވާ ފޮޓޯތަކެއް ކަމަށާއި އެ ފޮޓޯތަކުގެ ސައްޚަކަން ފުލުސް އޮފީހަށް ކަށަވަރު ނުވެ އެއީ އަސްލު ކަމަށް ބަލައި އެކަމާއި ގުޅޭގޮތުން މަޖިލީހުގައި ބަހުސް ކުރަން ޖާގަ އޮތްކަމަަށް ދެކެވަޑައިނުގަންނަވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލަ ހުށަހަޅުއްވާފައިވަނީ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.
މަޖިލީހަށް މިއަދު ހުށަހަޅާފައިވާ ދެ ކުއްލި މައްސަލަ ބަލައިނުގަންނަން ނިންމެވުމަށް ފަހު ރައީސް ނަޝީދު ދެން ފުރުސަތު ދެއްވީ ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުމަށެވެ.
ނަމަވެސް ޝިޔާމަށް ލިބުނު ފުރުސަތުގައި އޭނާ ވަނީ ކުއްލި މައްސަލަ ބަލައިނުގަންނަން ރައީސް ނަޝީދު ނިންމެވުމުން އެކަމާ ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން މެމްބަރު ވިދާޅުވީ ރައީސް ނަޝީދުގެ އެ ނިންމެވުމާ މެދު ހިތާމަކުރައްވާ ކަމަށާއި މިކަމަކީ ބަލަން ޖެހޭ މައްސަލައެއް ކަމަށެވެ.
ކުއްލި މައްސަލަ ހުށަހަޅަން ފުރުސަތު ނުދެއްވުމުން މެމްބަރު ވަނީ މިނިސްޓަރ އަސްލަމާ ސުވާލު ނުކުރައްވާނެ ކަމަށް ވިދާޅުވެ މަޖިލީހުގައި އިހުތިޖާޖު ކުރައްވާފައެވެ.
ނަޝީދު ދެން ފުރުސަތު ދެއްވީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު މިނިސްޓަރު އަސްލަމާއި ސުވާލު ކުރުމަށެވެ. ނަމަވެސް މެމްބަރު ވެސް ވަނީ ނަޝީދުގެ ނިންމެވުން ގާނޫނާއި ހިލާފު ކަމަށް ވިދާޅުވެ މިނިސްޓަރާއި ސުވާލު ކުރައްވަން ދެކޮޅު ހައްދަވާފައެވެ.