ސަރވޭއެއް ކުރުމަށް ކަމަށް ބުނެ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކަށް މިނިސްޓްރީގެ ނަމުގައި ގުޅާ ޒާތީ މަޢުލޫމާތު ހޯދަމުން އަންނާތީ އެކަމަށް ސަމާލުވުމަށް ހެލްތް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައިމިވަނީ މިނިސްޓްރީގެ ނަމުގަ ގުޅައި ޒާތީ މައުލޫމަތު ހޯދައި އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަ ކަމުގެ މައުލޫމަތު ލިބުމާ ގުޅިގެންނެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ މިނިސްޓްރީން ކުރަމުން އަންނަ ސަރވޭއަކާ ގުޅިގެންކަމަށް ބުނެ ސިއްޚީ ޚިދުމަތް ދިނުމުގައި މަސައްކަތް ކުރާ ޑޮކްޓަރުންނާއި އާއްމު ފަރާތްތަކަށް އެ މިނިސްޓްރީގެ ނަމުގައި ގުޅައި ޒާތީ މަޢުލޫމާތު ހޯދައި އީމެއިލް އެކައުންޓްތައް ހެކް ކުރަމުން އަންނަކަން އެ މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އަދި އެ މަޢުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްއާ ކަމާގުޅުން ހުރި އެހެނިހެން އިދަރާތަކާއި ހިއްސާކޮށްފައިވާ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހެލްތް މިނިސްޓްރީގެ ނަމުގައި މިފަދަ ކޯލްތައް ކުރަމުން އަންނައިރު އެ މިނިސްޓްރީން މިވަގުތު އެއްވެސް ސަރވޭއެއް ކުރަމުން ނުދާ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެލްތު މިނިސްޓްރީގެ ނަމުގައި އޮޅުވާލުމުގެ ފޯން ކޯލްތަކެއް އަންނާތީ ރައްޔިތުން އެކަމަށް ސަމާލުވުމަށް އެދުނުއިރު އެކި ކުންފުނިތަކުގެ ނަމުގައި މީހުންނަށް އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލައަކީ ވަރަށް އާންމުކޮށް ހިނގާ މައްސަލަތަކެކެެވެ. އަދި މިކަހަލަ ކަންކަމަށް ސަމާލުވުމަށް ކަމާއި ގުޅޭ މުއައްސަސާތަކުން ގެންދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.