ބީއެމްއެލް އިން ކުރިއަށް ގެންދާ އެ ބޭންކުގެ ގްރެޖުއޭޓް އިންޓާންޝިޕުގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ ރާއްޖޭގައި މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒުތަކުގެ ދަރިވަރުންނާއި ދަސްވެނިންނަށް ހިންގާ ޕްރޮގްރާމެކެވެ. މިއީ ދަރިވަރުންނާއި ދަރިވަރުންނަށް، ވަޒީފާގެ މާހައުލަށް ނިކުތުމުގެ ކުރިން، އެ މާހައުލަށް ތައްޔާރުވުމަށްޓަކައި ވިޔަފާރީގައި ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނީގައި ތަމްރީނުވުމަށްޓަކައި ބީއެމްއެލް އިން ހުޅުވާލި ފުރުސަތެކެވެ.

މި ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކަށް، މި ދާއިރާ އާއި ގުޅުންހުރި ކަންކަމުގެ އަމަލީ ތަމްރީނު ފޯރުކޮށްދޭނެ ކަމަށާއި، ގްރެޖުއޭޓް އިންޓާންޝިޕް ޕްރޮގްރާމް ނިމޭއިރު، ކެރިއަރެއް ބިނާކުރުމަށް ޕްރޮގްރާމުގެ ބައިވެރިންނަށް ބޮޑު އެހީތެރިކަމެއް ބީއެމްއެލް އިން ފޯރުކޮށްދޭނެކަމަށް އެ ބޭންކުން މައުލޫމާތުދެއެވެ.

އެއް އަހަރުގެ މުއްދަތަކަށް ކުރިއަށްދާ މި ޕްރޮގްރާމުގައި، ޕްރޮގްރާމްގެ ތެރެއިން ބައިވެރިން ހާސިލްކުރަން ޖެހޭނެ ލަނޑުތަކެއް ކަނޑައަޅާ، އެ ކަންކަން ބައިވެރިންނާއި ހިއްސާކުރާނެ ކަމަށާއި، މި ލަނޑުދަނޑިތައް ހާސިލްކުރުމަށް އެހީތެރިވުމަށްޓަކައި ލައިން މެނޭޖަރަކާއި މެންޓަރ އެއް ކޮންމެ އިންޓާން އަކަށްވެސް ހުންނާނެކަމަށް ބީއެމްއެލް އިން ބުނެއެވެ.

އަދި ޕްރޮގްރާމުގެ ތެރެއިން ބެންކުގެ ލާނިންގ އެންޑް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ފަރާތުން އިންޓާން އިންނަށް ހާއްސަ ތަމްރީނުތަކެއްވެސް ކުރިއަށް ގެންދާނެކަމަށް އެ ބެންކުން ބުނެއެވެ. އަދި ޕްރޮގްރާމުގެ ތެރެއިން ގްރެޖުއޭޓް ވާނީ، ހާޒިރީ އާއި މަސައްކަތުގެ ފެންވަރު އަދި ބެންކުގެ ގަވައިދުތަކާއި އުސޫލުތަކުގެ ތެރެއިން މަސައްކަތް ކުރާ މިންވަރު ބެލުމަށްފަހުގައެވެ. އަދި ޕްރޮގްރާމް ނިމުމުން ބެންކުން ހިންގާ މިފަދަ ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ފުރިހަމަކުރިކަމުގެ ސެޓްފިކެޓެއް ދޭނެކަމަށް ބެންކުން ބުނެއެވެ.

މި އިންޓާންޝިޕް ޕްރޮގްރާމު ކުރިއަށްދާނީ އިންޓާނުންނަށް ހާއްސަ އިނާޔަތްތަކެއްވެސް ލިބޭނެ ހެންނެވެ. އެގޮތުން 12 މަހުގެ މުއްދަތަށް ޕްރޮގްރާމް ކުރިއަށްދާއިރު، ކޮންމެ މަހެއްގައިވެސް އެލަވަންސް އެއްގެ ގޮތުގައި 6000 ރުފިޔާ ލިބޭއިރު، ރަމަޟާން މަހުގެ އިނާޔަތްވެސް ލިބޭނެއެވެ. މީގެއިތުރުން 15 ދުވަހުގެ ޕެއިޑް ލީވް އާއި، މެޑިކަލް އަދި އާއިލީ ޒިންމާތަކާއި އެމަޖެންސީއަށް 10 ދުވަހުގެ ލީވް އެއް ލިބޭނެއެވެ.

މި ޕްރޮގްރާމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންގެ ތެރެއިން ޑިޕްލޮމާ ނުވަތަ އެއަށްވުރެ މަތީގެ ސެޓްފިކެޓެއް އޮތް ދަސްވެނިން ނުވަތަ އެ ލެވެލްތަކަށް ކިޔަވަމުން އަންނަ ދަރިވަރުންގެ ތެރެއިން އެ ދާއިރާއިން އެއް އަހަރުދުވަހުގެ ތަޖުރިބާ ނެތް މީހުންނަށް އެކަންޏެވެ.

ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ ނަމަ އަންނަ މަހުގެ 10 ވަނަ ދުވަހުގެ ކުރިން ބީއެމްއެލް ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ.

ބީއެމްއެލް އިން އިންޓާންޝިޕް ޕްރޮގްރާމް ތައާރަފްކުރީ 2018 ވަނަ އަހަރެވެ. މިހާތަނަން މި ޕްރޮގްރާމުގައި 45 ފަރާތަކުން ބައިވެރިވެފައިވާއިރު އޭގެތެރެއިން ބައެއް ފަރާތްތަކަށް ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ދާއިމީ ވަޒީފާގެ ފުރުސަތު ފަހިކޮށްދީފައެވެ.