އަވަށްޓެރި ސްރީ ލަންކާގެ އިގްތިޞާދު އަޑިއަޅާލާ، އެގައުމުގެ ހާލަތު އިތުރަށް ގޯސްވާން ފެށުމުން، ވެރިރަށް ކޮލަމްބޯގެ ސްކޫލްތައް ބަންދުކޮށް، ސަރުކާރުގެ ވުޒާރާތަކާއި އޮފީސްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ، އެގައުމުގައި ޕެޓްރޯލް އާއި ޑީސަލް ލިބުން ދަތިވެ، ބައެއް ސަރަހައްދުތަކުން އެއްވެސް ވަރަކަށް ތެލުގެ އެއްވެސް ބާވަތެއް ނުލިބޭތީ، ދަތުރު ކުރުމުގައި އާންމުންނަށް ކުރިމަތިވަމުން އަންނަ އުނދަގޫތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންނެވެ. އެގޮތުން މި ނިންމުމާއެކު އޮފީސްތަކަށް ހާޒިރުވެ މުވައްޒަފުން މަސައްކަތް ނުކޮށް ގޭގައި މަސައްކަތް ކުރާނަމަ، އޮފީހަށް ދިއުމަށް ކުރަންޖެހޭ ދަތުރު ނުކުރުމުން އަދި ސްކޫލްތަކަށް ކުދިން ގެންދިއުމަށް ބެލެނިވެރިން ކުރަންޖެހޭ ދަތުރަށްވެސް ލުޔެއް ހޯދައި ދެވޭނެކަމަށް ލަންކާގެ ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

މި ނިންމުން ނިންމާފައިވާއިރު ލަންކާގެ ފޮރިން ރިޒާވް ވަނީ މީގެކުރިން ދުވަހަކުވެސް ދަށަށް ނުދާ މިންވަރަށް ދަށަށް ގޮސްފައެވެ. 22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ އެތައް ރައްޔިތަކަށް މިހާރު ޒަރޫރީ ބޭނުންތައްވެސް ނުފުއްދެއެވެ. އެގޮތުން އިމްޕޯޓު ކުރާ ކާބޯ ތަކެއްޗާއި، ކައްކާ ގޭސް އަދި ބޭހަކީ ލަންކާގައި މިހާރު ލިބުން ދަތި އެއްޗިއްސެވެ. އެގައުމުގައި ލިބުން އެންމެ ތަދު އެއްޗަކަށް މިވަގުތު ހުރީ ތެލެވެ.

ގޭސްފުޅި ގަތުމަށް ލަންކާގެ ކޮލަމްބޯގައި ހަދާފައިވާ ދިގު ކިއުއެއް- ފޮޓޯ:- ރޮއިޓާސް

ލަންކާގެ ހަކަތައާއި ބެހޭ ވަޒީރާ ހަވާލާދީ އެގައުމުގެ މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި، ލަންކާއިން ތެޔޮ ވަނީ ހުސްވެފައެވެ. ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އެ ގައުމަށް ތެޔޮ ހިފައިގެން މިދިޔަ ހަފްތާގައި އަންނަން ހަމަޖެހިފައި އޮތް ތެޔޮ ބޯޓުތައް ލަސްވެގެން ކަމަށެވެ.

ތެލާއި ގޭހާއި ކަރަންޓާއި ކާބޯތަކެތީގެ ދަތިކަން އިންތިހާއަށް އޮތް ލަންކާއިން ނަގާފައިވާ ބޭރުގެ 51 ބިލިއަން ޑޮލަރުގެ ދަރަނި އަނބުރާ ނުދެއްކޭތީ އެގައުމުގެ ސަރުކާރުން ވަނީ މިދިޔަ އޭޕްރީލް މަހު އެ ދަރަނި ދައްކަން ނުކުޅެދޭ ކަމަށް ކަނޑައަޅައި، އިންޓަނޭޝަނަލް މަނިޓަރީ ފަންޑާއެކު އިތުރު ގޮތެއް ހޯދުމަށް މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެފައެވެ.

ލަންކާގައި ތެޔޮ ލިބުމަށް ހުރި ދަތިތަކުގެ ސަބަބުން ގިނަބަޔަކު ޕެޓްރޯލް ޝެޑުތައް ކައިރީގައި ކިއު ހަދަމުން އަންނައިރު، ބައެއް ފަރާތްތަކުން މި ކިއުގައި އެތައް ދުވަސްތަކެއް އަންނަނީ ހޭދަކުރަމުންނެވެ.

އެގޮތުން އެގައުމުގެ އޮޓޯރިކްޝޯ ޑްރައިވަރެއް ކަމުގައިވާ އުމުރުން 67 އަހަރު ޝެލްޓަން ބުނީ، މިހާރު ތެޔޮ ދޫކުރަނީ ޓޯކަން ނަމްބަރުތަކެއް ދޫކޮށްގެން ކަމަށާއި، ޓޯކަން ނަމްބަރެއް ލިބިއްޖެނަމަ ކިއުގައި އޭނާއަށް ލިބިފައިވާ މަގާމުގައި ހުންނަން ޖެހޭ ކަމަށެވެ. އެހެންނޫނަމަ ޓޯކަން ނަމްބަރު ބާތިލްވާ ކަމަށާއި، މިކަމުގެ ސަބަބުން ފާއިތުވީ ހަތަރު ދުވަސް ކިއުގައި ހުންނަން ޖެހޭ ކަމަށާއި، މި މުއްދަތުގެ ތެރޭގައި ރަނގަޅަށް ކައިވެސް ނުލެވޭ ކަމަށް އަދި ނިދާވެސް ނުލެވޭ ކަމަށް ޝެލްޓަން ބުނެފައިވެއެވެ. ކިއުގައި ޝެލްޓަން 4 ދުވަސް ހޭދަކޮށްފައިވާއިރު އޭނާއަށް ލިބިފައިވާ ކިއު ނަމްބަރަކީ 24 އެވެ.

ހަމައެކަނި ޝެލްޓަން އަށް ބަލާލިނަމަވެސް ލަންކާގެ ހާލަތު ވަރަށް ސާފުކޮށް ކިޔައިދެއެވެ.

ތެޔޮ ލިބުން ދަތިވެ ލަންކާ ސަރުކާރުން ސްކޫލްތައް ބަންދުކޮށް ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރުމަށް އަންގާފައިވާއިރު، ސްކޫލްތައް ބަންދު ކޮށްފައިވަނީ ހަފްތާއެއްގެ މުއްދަތަށެވެ. އެހެންނަމަވެސް މުވައްޒަފުން އަނބުރާ މަސައްކަތަށް އޮފީހަށް ނުކުންނަން ޖެހޭނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.