ދުނިޔޭގެ ފެންވަރުގައި ބާއްވާ ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި ވޯޓަރސްޕޯޓްސް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި ގުޅޭގޮތުން ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު މަޙްލޫފް ވިދާޅުވީ ގައުމީ ކުޅިވަރު އެސޯސިއޭޝަން ތެރޭގައި ހިމެނެނީ ނެޝެނަލް ސަރފިން އެސޯސިއޭޝަނާއި ނެޝެނަލް ބޮޑީ ބޮޑިން އެސޯސިއޭޝަން ކަމަށާއި މީގެ ކުރިން ދުވަހަކުވެސް މި ދެ އެސޯސިއޭޝަނަށް ނުދޭ މިންވަރަށް އެހީ ފޯރުކޮށްދެމުން އަންނަ ކަމަށެވެ.

އަދި އަންނަ މަހުގެ ތެރޭގައި ރާއްޖޭގައި ދުނިޔޭގެ ފެންވަރުގެ ބޮޑު، ބޮޑީ ބޯޑިން މުބާރާތެއް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށާއި އެކަން އަންނަ ހަފްތާގެ ތެރޭގައި އިއުލާންކުރާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އޭގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އަދި އޭގެ އިތުރަށް އޭޝިއަން ސަރފިން މުބާރާތެއް ރާއްޖެ ގެނައުމުގެ މަސައްކަތްވެސް މިހާރު ދަނީ ކުރިއަށް. މިއީ ވަރަށް ސާފުކޮށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސުލްޖުމްހޫރިއްޔާވެސް ވިދާޅުވެފަ ވާނެ ރާއްޖޭއަށް މުދު ކުޅިވަރު ބައިނަލްއަގްވާމީ މުބާރާތްތައް ގެނައުމުގެ މުހިންމުކަމާއި އެކަންކަން ޕްރޮމޯޓް ކުރުމުގެ މުހިންމު ކަން. އެގޮތުން އަޅުގަނޑުމެންގެ ފަރާތުން މިނިސްޓްރީގެ މެންޑޭޓްގެ ދަށަށް ފޯލްވާ ކުޅިވަރުތައް ކުރިއަރުވަން މިދަނީ ވަރަށް ގިނަ މަސައްކަތްތައް ކުރަމުން."
މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަހުމަދު މަހުލޫފް

ރާއްޖޭގެ އެކި ކަންކޮޅުތަކުގަ ސަރފިން ޓްރެކްތައް ގާއިމްކޮށް އެ ތަންތަނުގައި ތިބި ޒުވާނުންނަށް ބޭނުންވާ ސާފްބޯޑްތައް ގާއިމްކޮށްދިނުމާއި މުޅި ރާއްޖެއަށް ލީގް ފުޅާ ކުރުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރ މަޙްލޫފް ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މިފަދަ ކަންކަން ފުޅާ ކުރެވި އެކަމުގެ ނަފާ ލިބޭނީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ ގުޅިގެން ކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.