ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސްޓާޓަޕް ގްރާންޓް ހާސިލްކުރި 4 ލިބޭ ފަރާތްތައް އިއުލާނުކޮށްފިއެވެ.
މިއީ އުފެދެމުން އަންނަ ވިޔަފާރިވެރިންނަށާއި ރާއްޖޭގައި އަލަށް ވިޔަފާރި އެއް ފެށުމަށް މަސައްކަތްކުރާ ފަރާތްތަކަށް އަދި ހިންގަމުންދާ ވިޔަފާރިތަކައް، މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގުސަދުގައި ބީއެމްއެލް އިން އިފްތިތާހުކުރި ގްރާންޓެކެވެ. މިގޮތުން ސްޓާޓަޕް ގްރާންޓް ކާމިޔާބު ކުރި ހަތަރު ފަރާތަށް 500،000 ރުފިޔާގެ ހިލޭ އެހީ ލިބިގެންދާނެއެވެ.
ބީއެމްއެލްގެ މި ގްރާންޓް މިފަހަރު ލިބުނު ހަތަރު ފަރާތަކީ:
1: މުހައްމަދު ނަޒްލީ އަދި އައިޝަތު ޝައްމަ މުހައްމަދު (ނިރިސް އެސް އެމްބްރޮއިޑެރީ)
2: އާމިނަތު އިރާޝާ (ކިޑްސް ޒޯން)
3: ހައްވާ ސޫޒަން (ހައްވަން ކޭކްސް)
4: އައިޝަތު ލިއުޝާ (ކްލައިމެޓް ސްމާޓް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް)
މި ގްރާންޓް ލިބުނު ފަރާތްތަކަށް މަރުހަބާ ދަންނަވާ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ، ބީއެމްއެލްއިން ގްރާންޓް ފަންޑުދޭން ނިންމި ވިޔަފާރިވެރިންނަކީ، އެފަރާތްތަކުގެ ވިޔަފާރި ފުޅާކޮށް ދެމެހެއްޓުމަށް އަދި ކުރިއަރުވަން ޕްލޭން ހުށަހެޅި 100 އަށްވުރެ ގިނަ ފަރާތްތަކުގެ ތެރެއިން އެންމެ ރަނގަޅު އަދި އެންމެ ބާރު ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ފަރާތްތައް ކަމަށެވެ.
ޓިމް ވިދާޅުވި ގޮތުގައި، ގްރޭންޓުގެ އެހީގައި މި ވިޔަފާރިތައް ފުޅާވެ، ވިޔަފާރިތަކުން އައު ވަޒީފާގެ ފުރުސަތުތައް ހުޅުވި، މުޖުތަމައު ހަރުދަނާ ކުރުމުގެ ފުރުސަރު ލިބުމަކީއެ ބޭންކަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.
މި ގްރާންޓް ކާމިޔާބުކުރި ފަރާތްތައް ހޮވައިފައިވަނީ ދެ މަރުހަލާއެއްގެ ދަށުން ގެންދެވުނު ވާދަވެރި އިވެލުއޭޝަން ޕްރޮސެސް އަކައް ފަހުއެވެ. ފުރުތަމަ މަރުހަލާގައި 10 ބައިވެރިން ހޮވާފައި ވަނީ ބިޒްނަސް ޕްލޭން އިވެލުވޭޓް ކުރުމައް ފަހުއެވެ. ދެވަނަ މަރުހަލާގައި ބައިވެރިން ހޮވީ، ވިޔަފާރީއާ ގުޅޭ ޕްރެޒެންޓޭޝަން އިވެލުއޭޓުކޮށް، މި ޕްރެޒެންޓޭޝަންގެ މައްޗަށް ބިނާކޮށެވެ.
ސްޓާޓަޕް ގްރާންޓަކީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަހަރު ބާއްވަން ހަމަޖެހިފައިވާ، މުޖުތަމައަށް ފައިދާހުރި 12 ހަރަކާތްތަކު ތެރެއިން 3 ވަނަ ހަރަކާތެވެ. މި ގްރާންޓް ތައާރަފްކޮށްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.