ފަސިންޖަރުންނާއި ޓެކްސީ ޚިދުމަތްދޭ ފަރާތްތަކަށް ހާއްސަ، "ފަސޭހަ ރައިޑް އެޕް" އިފްތިތާހްކޮށްފިއެވެ.

ހާއްސަ ޕްރޮމޯޝަންތަކަކާއެކު ލޯންޗުކުރި މި އެޕްލިކޭޝަނަކީ ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކަށް ޓެކްސީ ހޯދުމަށް ފަސޭހަ ގޮތްތަކެއް މަގުފަހި ކޮށްދިނުމަށާއި ޓެކްސީ ޙިދުމަތްދޭ ފަރާތްތަކަށް އެ ޙިދުމަތް ފޯރުކޮށްދިނުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ހޯދާދިނުމުގެ ގޮތުން މާލޭގެ އިތުރުން ރާއްޖޭގެ ބޮޑެތި އާބާދީތަށް އޮންނަ އަތޮޅުތަކާއި ރަށްތަކަށް ވެސް ޙިދުމަތް ލިބޭ ގޮތަށް ތައާރަފްކުރި އެޕްލިކޭޝަނެކެވެ.

"ވީނިއުސް" އާއި ވާޙަކަދައްކަވަމުން މި އެޕްގެ ފައުންޑިން މެމްބަރަކު ވިދާޅުވީ، މި އެޕްލިކޭޝަން ތަޢާރަފް ކުރުމުގެ އެންމެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ޓެކްސީ ނިޒާމަށް ހެޔޮ ބަދަލެއް ގެނައުން ކަމަށެވެ.އެގޮތުގެ މަތިން އެޕްލިކޭޝަން ފަރުމާ ކުރީ ޓެކްސީ ޚިދުމަތް ހޯދާ ފަރާތްތަކަށާއި ޓެކްސީ ޙިދުމަތްދޭ ފަރާތްތަކަށްވެސް ފަސޭހަ ކަމާއިއެކު މި ޙިދުމަތް ފޯރުކޮށްދެވޭނެ އެކިއެކި ފީޗާސްތައް ހިމަނައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޕްލިކޭޝަންގެ ތަޞައްވުރަކީ ދަތުރު ފަތުރުގެ ނިޒާމް ހަރުދަނާކޮށް ކަސްޓަމަރުންނަށް ފަސޭހައިން ޓެކްސީ ހިދުމަތް ލިބޭނެ މަގު ފަހިކޮށް ދިނުމާއި އެކު މިހާރު ޓެކްސީ ޙިދުމަތް ދޭ ފަރާތްތަކަށްވެސް މިޙިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށް ދިނުމުގައި މުޅިން އާ ތަޖުރިބާއެއް ހޯދައިދިނުން. ފަސޭހަ ރައިޑަކީ ރާއްޖޭގެ ޓެކްސީ ނިޒާމުގައި އިންޤިލާބީ ރަނގަޅު ބަދަލުތަކެއް ޒަމާނީ ފެންވަރަށް ގެނެސްދޭނެ އެޕްލިކޭޝަނަކަށް ވެގެންދާނެ.
ފަސޭހަ ރައިޑްގެ ފައުންޑިންގ މެމްބަރ

ފަސޭހަ ރައިޑް އެޕްލިކޭޝަންގައިވާ އެންމެ ފަހާގަ ކޮށްލެވޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ބައެއް ކަންކަމަކީ، އެޕް މެދުވެރިކޮށް ކަސްޓަމަރުންނަށް ދަތުރު ޓްރެކް ކުރެވި، ޢާއިލާގެ މެމްބަރުންނާ ރައްޓެހިންނަށް ޝެއާރ ކުރުމުގެ އިތުރުން ދަތުރުގެ އަގުގެ ތަފްޞީލު ބަލާލެވުމެވެ. އަދި ދުރާލާ ދަތުރު ޝެޑިއުލް ކުރުމާއި، އެޕްލިކޭޝަން މެދުވެރިކޮށް ޑްރައިވަރާއި ޗެޓް ކުރުމުގެ އިތުރުން، ކުރިން ކޮށްފައިވާ ދަތުރުތަކުގެ ތަފްސީލްވެސް މި އެޕް މެދުވެރިކޮށް ބަލާލެވޭނެއެވެ.

މީގެއިތުރުން، މި އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ އެޕްލިކޭޝަން މެދުވަރިކޮށްވެސް ޙާއްސަ ޕްރޮމޯޝަން ތަކެއް ހިންގާ ގޮތަށެވެ. އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ހިންގާ އެއް ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށާއި ޑްރައިވަރުންނަށް ވެސް އެޕްލިކޭޝަން އެހެން ފަރާތަކާ ހިއްސާ ކޮށްގެން ހިއްސާ ކުރި ފަރާތަށާއި އަލަށް ގުޅިވަޑައިގަންނަވާ ފަރާތަށް ބޯނަސް ކްރެޑިޓް ލިބޭ ޕްރޮމޯޝަނެކެވެ.

މީގެ އިތުރުން ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ހިންގާ އަނެއް ޕްރޮމޯޝަނަކީ އެޕްލިކޭޝަން މެދުވެރިކޮށް ކުރައްވާ ކޮންމެ ދަތުރަކަށް ވެސް ރިވާޑް ޕޮއިންޓްސް ލިބުމެވެ. މި 'ރިވާޑް ޕޮއިންޓްސް' ބޭނުން ކުރައްވައިގެން، ހިލޭ ދަތުރު ކުރުމުގެ ފުރުސަތު ލިބިގެން ދާނެއެވެ. އަދި އިތުރު ޕްރޮމޯޝަން ކޯޑްތައް މެދުވެރިކޮށް ކުރައްވާ ދަތުރުތަކަށް ޑިސްކައުންޓްސް ހޯއްދެވޭނެއެވެ.