ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގައި އަދި އެފަދަ މައްސަލަތައް ބެލުމުގައި ހުރިހާ މުއައްސަސާތަކުން ވެސް އެންމެ އިސްކަމެއް ދޭންވީ އެ ކުއްޖެއްގެ ޙައްޤު ރައްކާތެރިކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

"ޕޮލިސް ކޮންފަރެންސް އޮން ވަޔަލެންސް އަގެއިންސްޓް ޗިލްޑްރަން: ޕްރިވެންޝަން، ޕްރޮޓެކްޝަން އެންޑް އިންވެސްޓިގޭޝަން" ފެށުމަށް ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން މެޑަމް ފަޒްނާ ވަނީ ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމުގަ އާއި، އެކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ކޮންމެ މީހަކުވެސް އަމިއްލަޔަށް އަދާކުރަންވީ ދައުރާއި، މުއައްސަސާގެ ފަރާތުން އަދާކުރަންވީ ދައުރަކީ ކޮބައިކަން ދެނެގަތުމާއި، ކަމާގުޅޭ ހުރިހާ މުއައްސަސާތަކެއް ގުޅިގެން، ރަނގަޅަށް މުއާމަލާތްކޮށްގެން އެފަދަ އަނިޔާއެއް ލިބިފައިވާ ކުދިންގެ ޙައްޤުތައް ކަށަވަރު ކުރުމަކީ އެންމެ އިސް ކަންތައް ކަމުގައި ދެކިގެން ކުރިޔަށް ދިޔުމަށް އެދިވަޑައިގެންފައެވެ.

ތިން ދުވަހުގެ މުއްދަތައް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މޯލްޑިވްސް ޕޮލިސް ސަރިވިސަސް އާއި ޔުނިސެފް މޯލްޑިވްސް އިން ގުޅިގެން ކުރިޔަށް ގެންދާ ކޮންފަރެންސެކެވެ. މި ކޮންފަރެންސްގެ މައިގަނޑު ބޭނުމަކީ ކުޑަކުދިންނާ ގުޅޭގޮތުން ހުރި ޤާނޫނުތަކަށް ފުލުހުންގެ ހިންގުމުގެ ދާއިރާގެ ބޭފުޅުން އަހުލުވެރިކުރުމާއި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްފަހު ކުރިޔަށް އޮތް 18 މަސްދުވަހަށް އެކްޝަން ޕްލޭނެއް ތައްޔާރުކުރުމުގައި އިސްކަންދޭންވީ ކަންކަން ދެނެގަނެ އެ އެކްޝަން ޕޭލޭންތައް ތައްޔާރުކުރުމެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހުރިއްޔާގެ އަނބިކަނބަލުން ވަނީ ވަކި ވަކި މުއައްސަސާތަކުން ކުޑަކުދިންގެ މައްސަލަތަކުގައި ޢަމަލުކުރާގޮތުން، މުޖުތަމަޢުގެ މެދުގައި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގައި ރާއްޖޭއިން ގެންގުޅޭ ނިޒާމާ ދޭތެރޭ އޮންނަ އިތުބާރު ކުޑަވާކަމަށް ވިދާޅުވެފައެވެ.

އަދި ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި ވަކި ވަކި މުއައްސަސާތަކުން ބޭނުންވާ ކަންކަމުގެ ކުރިޔަށް އެކުދިންގެ ރައްކާތެރިކަން އިސްކޮށް ހުރިހާ މުއައްސަސާތަކުންވެސް އެ އަމާޒަށް ވާސިލުވުމަށް މަސައްކަތްކުރުމަށް ގޮވާލައްވާފައެވެ.

އަދި، އެކަމަނާ ވަނީ ކުޑަކުދިންގެ ކަންކަން ބެލުމުގައި ރާއްޖެއަކީ އިންސާނީ ވަޞީލަތް މަދު ޤައުމެއްކަމުން މިފަދަ ކަންކަމުގައި ލިބެން ހުރި ވަސީލަތެއްގެ ބޭނުން ހެޔޮގޮތުގައި ހިފޭނީ ކަމާބެހޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތްކުރުމުން ކަމަށް ފާހަގަކުރައްވާފައެވެ.