ކޮވިޑް-19ގެ ކޭސްތައް އަނެއްކާވެސް ފެތުރެމުންދާ މި ދަނޑިވަޅުގައި ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން އަދި ނެތްކަމަށް ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކާށިދޫ ދައީރާގެ މެންބަރު އަބްދުﷲ ޖާބިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކޮވިޑުގެ ކޭސްތައް އަނެއްކާވެސް ރާއްޖޭގައި ގިނަވަމުންދިޔަ ނަމަވެސް، ލޮކްޑައުންއަކަށް ދިއުމުގެ ވިސްނުން އަދި ނެތް ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ބޭނުންފުޅުވާނަމަ މަޖިލީހުގެ އިދާރާއަށް ހެލްތް މިނިސްޓްރީގެ ޓީމެއް ފޮނުވައި ކޮވިޑް ބަލިމަޑުކަމުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް މެމްބަރުންނަށް ކިޔައިދެއްވިދާނެ ކަމަށެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވާ މިންވަރު އަނެއްކާވެސް އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް އިތުރަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސް ކޮށްފައެވެ. އެގޮތުން މާސްކް އެޅުމަށާއި ގިނަގިނައިން އަތް ދޮވުމަށާއި އަދި ވެކްސިން ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.
ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ، ވީހާވެސް އަވަހަކަށް އެހެން މީހުންނާ އެކަހެރިވެ، ޓެސްޓް ކުރަންޖެހޭނެއެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވެއްޖެނަމަ އެކަހެރިވުމާއި އެއްތާވި މީހުންގެ މައުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމު ކަމެށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑު ޖެހިގެން މިދިޔަ ހަފްތާގައި ޖުމްލަ 51 މީހަކަށް ހޮސްޕިޓަލްތަކުގައި ފަރުވާދެމުންއެވެ. އަދި މިބަލީގައި ރާއްޖޭން މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 305 އަށް އަރާފައެެވެ.