ވަކި މެމްބަރަކަށް ހިތް ބުރަ ކަމެއް ނެތް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގައި ދައްކަވަނީ ރައްޔިތުން ދައްކަން އެދޭ ވާހަކަ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވެފައި ވަނީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި މެދުހެންވޭރު ދާއިރާގެ މެމްބަރު ދެއްކެވި ވާހަތަކާއި ގުޅިގެން ކުރައްވި ޓްވީޓެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގައި ފިތުނަ ފަސާދަ އުފެއްދުމުގައި އިސްކޮށް ހުންނަވަނީ މެމްބަރު އާދަމް ޝަރީފް ކަމަށް ވިދާޅުވެ، މެމްބަރު އަލީ އާޒިމް ވަނީ ހޫނު ބަސްތަކެއް އަމާޒުކުރައްވާފައެވެ. އެގޮތުން، މެމްބަރު އާދަމް ޝަރީފް މަޖިލީހަށް ހުށައަޅުއްވާ ކޮންމެ ގަރާރަކީ، އަދި ކޮންމެ ބިލަކީ ފިތުނަ ފަސާދަ އުފެއްދުމުގެ ބޭނުމުގައްޔާއި ދޭތެރެޖެއްސުމުގެ ބޭނުމުގައި ޕާޓީތައް ރަނގަޅަށް ހިނގާފާނެކަމުގެ ބިރުގައި ނޫނީ، ރާއްޖެ ރަނގަޅު ދިމާލަކަށް ދިއުން ހުއްޓުވުމުގެ ވިސްނުމުގައި ހުށައަޅުއްވާ ބިލުތަކެއް ކަމަށެވެ.

މިވާހަކަތަކަށް ރައްދުދެއްވައި މެމްބަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި ދައްކަވަނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ރައްޔިތުން ދައްކަން އެދޭ ވާހަކަ ކަމަށާއި، އެކަން ކުރުމުން ގައުމަށް ފައިދާ ކުރާ ކަމަށެވެ. އަދި، އިރާދަކުރެއްވިއްޔާ ކުރި މަގުގައިވެސް އެޒިންމާ އަދާކުރައްވާނެ ކަމަށް މެމްބަރު އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ ގައުމީ ސަލާމަތާއި ގުޅުންހުރި ބިލެއް ހުށައަޅުއްވާފައެވެ. އެބިލުގެ ދަށުން، އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި، ސެކްރެޓޭރިއަޓަކާއެކު ރާއްޖެ ސަލާމާތާއެކު ކުރިއަށް ގެންދިއުމަށް ނިޒާމެއް ގާއިމު ކުރުމަށް ހިމަނާފައިވެއެވެ.