ޖުލައި މަސް ނިމޭއިރު ދައުލަތުގެ ރިޒާވްގައި ކުރިއަށް އޮތް ފަސް މަސް ދުވަހަށް ބޭނުންވާ ކާޑާއި، ތެލާއި، ބޭސްފަރުވާ އަށް ބޭނުންވާ ވަރަށް ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު މިހެން ވިދާޅުވީ އަސާސީ މުދާ ގަންނަން ބޭނުންވާ ކިހާ ދުވަހެއްގެ ފައިސާ ދައުލަތުގެ ރިޒާވްގައި ހުރިތޯ ޔަގީންކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ލިޔުމުން ޖަވާބު ހޯއްދެވުމަށް ހުށަހެޅުއްވި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައިއެވެ.

ޖޫން މަހުގެ 7 ވަނަ ދުވަހު މެންބަރު އީވާ ކުރެއްވި ސުވާލެއްގައި ވަނީ، މިމަސް ފެށުނުއިރު ރާއްޖޭގެ ބޭރުގެ ފައިސާގެ ރިޒާވް ތެރެއިން ސަރުކާރަށް ބޭނުންކުރެވޭ ފައިސާގެ ގޮތުގައި ހުރީ 317 މިލިއަން ޑޮލަރު ކަމަށެވެ. އަދި މި ހިނގާ ޖޫން މަހާއި ކުރިއަށް މިއޮތް ޖުލައި މަހު 130 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ދަރަނި އަނބުރާ ދެއްކުމަށް ހޭދަކުރަންޖެހޭ ކަމަށާއި، މި 130 މިލިއަން ޑޮލަރުގެ އިތުރުން، މި ދެމަހުގެ ބަޖެޓްކޮށްފައިވާ ޑެފިސިޓަކީ 150 މިލިއަން ޑޮލަރަށްވުރެ އިތުރު އަދަދެއް ކަމަށް އީވާގެ ސުވާލުގައިވެއެވެ.

މާލީ ކަންކަން މިދެންނެވި ގޮތުގައި ހުރިއިރު ޖުލައި މަސް ނިމޭއިރު ސަރުކާރަށް ބޭނުންކުރެވޭ ދައުލަތުގެ ރިޒާވްގައި ކިތައް ދުވަހުގެ ކާޑުގެ ބާވަތްތަކާއި ތެލާއި ބޭހާއި އަދި ފައިސާ ހުންނާނެ ކަމަށް ލަފާކުރެވޭތޯ ސާފުކޮށްދިނުމަށް އީވާ އެދިވަޑައިގަތެވެ.

މި ސުވާލަށް މިނިސްޓަރު އަމީރު ވިދާޅުވީ ރާއްޖޭގައި ބޭރުގެ ފައިސާގެ ރިޒާވް މެނޭޖުކުރުން ގާނޫނީ ގޮތުން ހަވާލުވެފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ކަމަށެވެ. ދައުލަތުގެ ރިޒާވްގެ ތަފާސްހިސާބުތައް ބަލަހައްޓާ އަންދާޒާތައް ތައްޔާރުކުރުމަކީވެސް އެމްއެމްއޭގެ ކަމެއް ކަމަށާއި ސަރުކާރަށް ބޭނުންކުރެވޭ ނުވަތަ ޔޫޒަބަލް ރިޒާވްގެ އަދަދަކީ ވެސް އެމްއެމްއޭ އިން މިހާރު ހާމަކުރާ އަދަދެއް ނޫން ކަމަށްވެސް މިނިސްޓަރުގެ ޖަވާބު ގައިވެއެވެ.

މިނިސްޓަރު އަމީރު ވިދާޅުވީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ބޭނުންފުޅުވެލައްވާނަމަ އެމްއެމްއޭއިން ހޯއްދެވުމަށް ދަންނަވާ ކަމަށެވެ. އަދި ރިޒާވް މެނޭޖުކުރުމުގައި ދައުލަތުން ބޭނުންވާ އެއްބާރުލުން އެމްއެމްއާއިން އަބަދުވެސް ދެމުންދާކަން ފާހަގަކުރާ ކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރު އަމީރުގެ ޖަވަބާއި މެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، ގާނޫނުއަސާސީގެ 116 ވަނަ މާއްދާގައި ސަރުކާރު ހިންގުމަށް ބޭނުންވާ ވުޒާރާތައް އުފައްދަވާ އެ ވުޒާރާތަކުގެ މަސްއޫލިއްޔަތުތައް ކަނޑައަޅައި ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ހުށަހެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ތެރެއިން ފިނޭންސް މިނިސްޓްރީގެ މަސައްކަތްތަކާއި މަސްއޫލިއްޔަތުތައް ކަނޑައަޅުއްވާ ރައީސުލްޖުމްހޫރިއްޔާ 2019 ފެބްރުއަރީ 22 ގައި މަޖިލީހަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން އަލުން ސިޓީއަށް ބަދަލުގެނެސް އެ ސިޓީގައިވާ ކަންކަން އިސްލާހުކުރުމަށް ރައީސް ނަޝީދު އެދިވަޑައިގަތެވެ.

"އަޅުގަނޑު އިއްޒަތްތެރި ވަޒީރު އަރިހުން އެދެން އިއްޒަތްތެރި ވަޒީރުގެ ސިޓީފުޅުގެ ޖަވާބު އަލުން އިސްލާހުކުރައްވާ މި މަޖިލީހަށް ފޮނުއްވައި ދެއްވުމަށް."
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

މިއަހަރު ރިޒާވް ހުންނާނީ ރަނގަޅު މިންވަރެއްގައި ކަމަށާއި ކުރިއާ އަޅައިބަލާއިރު ރާއްޖޭގެ ގްރޮސް އަދި ނެޓް ރިޒާވް ވެސް ހުރީ މަތީ މިންވަރެއްގައި ކަމަށް މިގެ ކުރިން މިނިސްޓަރ އަމީރު ވަނީ ވިދާޅުވެފައިއެެވެ.