ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 60 އިންސައްތަ ގުޅިފައި ވަނީ ކަނޑުގެ ދިރުންތަކާ ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ލިސްބަންގައި ކުރިޔަށްދާ މި އަހަރުގެ އ.ދ.ގެ އޯޝަން ކޮންފަރެންސްގައި، ކަނޑުގެ ދިރުންތަކަށް ބަރޯސާވެފައިވާ އިގތިސާދުތައް ހަރުދަނާކޮށް ކުރިއެރުވުމާ ގުޅޭގޮތުން، އަދި ވަކިން ޚާއްސަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކާއި އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކަށް އަމާޒުކޮށްގެން ބޭއްވި، 5 ވަނަ އިންޓަރެކްޓިވް ޑައިލޮގުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ރައްޔިތުން ދިރިއުޅުމަށް ކުރާ މަސައްކަތްތަކާއި ލިބޭ އާމްދަނީ ގުޅިފައިވަނީ ކަނޑުގެ ދިރުންތަކާ ކަމަށެވެ.

އަދި ކަނޑުތަކުގެ ދިރުންތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކާ ހަމައަށް ފޯރުކޮށްދިނުމަކީ މިއަދުގެ ލީޑަރުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަން ވެސް މިނިސްޓަރު ފާހަގަކުރައްވާފައެވެ.

މިނިސްޓަރ ޝައުނާ ވަނީ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކާއި ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކާއި ކަނޑުގެ ސަތަޙަ ބޮޑު ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް ރިއާޔަތްކޮށް "މަލްޓިޑައިމެންޝަނަލް ވަލްނަރަބިލިޓީ އިންޑެކްސް"އެއް ކަނޑައެޅިފައި އޮތުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވާފައެވެ.

ހަމަ އެހެންމެ، ކަނޑުތަކުގެ ދިރުންތަކަށް ބަރޯސާވާ އިޤްތިޞާދުތައް ހަރުދަނާކުރުމަށް ދިގުމުއްދަތެއްގައި ކަންކަން ފަސޭހަކޮށްދީ، އެހީތެރިވެވޭނެ ގޮތްތަކަށް ސިޔާސަތުތައް އެކުލަވާލުމަކީ މުހިންމުކަމެއް. ދިވެހިރާއްޖެވެސް ހިމެނޭހެން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވާ ނާޒުކު މައްސަލަތަކަށް ގިނަ."
މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ

މިމަހުގެ 27 އިން ޖުލައި 1އަށް ޕޯޗުގަލްގެ ލިސްބަންގައި ކުރިޔަށްދާ އ.ދގެ އޯޝަން ކޮންފަރެންސް 2022ގައި މިނިސްޓަރ ޝައުނާ ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ ތަމްސީލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.