މި ހިނގާ ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަަހަރުގެ 2 ވަނަ ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާ ބާއްވަން ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މިއަދުގެ ޖަލްސާ ފައްޓަވަމުން އެކަން އިއުލާންކުރައްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި މަޖިލީހުގެ ދައުރެއް ނިންމާ ޖަލްސާ ބާއްވާ ދުވަހަކީ ހޯމަ ނުވަތަ ބުރާސްފަތި ދުވަހަކަށް ވާންޖެހެއެވެ. ގަވާއިދަށް އަމަލުކުރުމުގެ ގޮތުން، ދައުރު ނިމޭ ޖަލްސާ އަންނަ ހޯމަ ދުވަހު ބޭއްވުމުގެ ބަދަލުގައި މިހަފްތާގެ ބުރާސްފަތި ދުވަހު ބާއްވަން ނިންމާފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ މިދައުރުގައި ސަރުކާރުން ހުށަހެޅި ބައެއް މުހިންމު ބިލްތަކުގެ ތެރޭގައި ކޯޓުތަކުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ފަނޑިޔާރުންގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލާއި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ހިމެނެއެވެ. އަދި، ކުނި ނައްތާލުމާއި މެނޭޖްކުރުމުގެ ބިލާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާޙް ގެނައުމުގެ ބިލު އަދި ގާނޫލްއުގޫބާތަށް އިސްލާޙް ގެނައުމުގެ ބިލުވެސްހިމެނެއެވެ.

މަޖިލީހުގެ ގަވައިދު ބުނާ ގޮތުން ދެވަނަ ދައުރު ހިނގާނީ މޭ މަހުގެ 17 ވަނަ ދުވަހުން ފެށިގެން މިމަހުގެ ނިޔަލަށެވެ.

މަޖިލިސް ދެން ފަށާނީ އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުއެވެ. މަޖިލީހުގެ 3 ވަނަ ދައުރު ނޮވެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.