ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ވަގުތު ހަމަވަމުން އަންނަ ކަމަށް ވިދާޅުވެ، ސުޕީރިއަ ކޯޓުތަކާއި ދަށު ކޯޓުތަކުގެ ފަނޑިޔާރުން ބިރުނުގެންނެވުމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

މެމްބަރު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

މި ބިލުގައި ބަޔާންކޮށްފައިވާގޮތުގައި، ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށްފަހު ޖޭއެސްސީން މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ފަނޑިޔާރުން، ވަކިކުރަން މަޖިލީހުން ފާސްކުރުމުން، އެބޭފުޅުންގެ ވަކީލުކަމުގެ ހުއްދަ ބާތިލުވާނެއެވެ.

ބިލަށް ބަހުސްކުރައްވަމުން މެމްބަރު ތާރިގް ވިދާޅުވީ، އަދުގެ ސަރުކާރު ނިމެން އަހަރެއްހައި ދުވަހަށް ވެފައިވާއިރު، މި އިސްލާހު ހުށަހަޅާފައިވަނީ ސަރުކާރު ސިޔާސީ ގޮތުން ނިމުމަކަށް އަންނަކަން އެނގޭތީކަމަށެވެ.

ސަރުކާރު ނިމެންދާއިރު، އެއޮންނަ ސަރުކާރަކަށް ފަނޑިޔާރުގޭގެ ކޮންޓްރޯލް ދެން މި ސަރުކާރު ސިޔާސީގޮތުން ނިމެނީކަން އެނގުނީމާ އެމިހުންގެ މަޅި އޮޅުވަން ކުރާ ކަމެއް. މި ބިލު ހުށަހަޅާފައި މިއޮތީ ހާއްސަކޮށް ހައިކޯޓާ މަތީ ކޯޓަށް. އެހެންނަމަވެސް ހުރިހާ ފަނޑިޔާރުން އެމީހުންނަށް ބިރު ދައްކައިގެން ޖޭއެސްސީގައި މިވަގުތު އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްވެސް އިންނަވައިގެން އެފަނޑިޔާރުންގެ ކޮންޓްރޯލް ކުރިއަށް އޮތް އެއް އަހަރުދުވަހުގެ ތެރޭގައި ސިޔާސީގޮތުން ގެއްލިދާނެ ކަމުގެ ބިރު އޮތީމާ ކުރިއަށް ހުރި ސިޔާސީ މީހުންގެ، ހާއްސަކޮށް ރައީސް ޔާމީން ފަދަ ބޭފުޅުންގެ ކޯޓުގެ ހުކުމްތަކަށް ނުފޫޒް ފޯރުވުމުގެ ގޮތުން ބިލު ހުށަހަޅާފަ އެއޮތީ ފަނޑިޔާރުންނަށް ބިރުދައްކަން ވެގެން.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)

ކޮންމެ މީހަކަށްވެސް ވަޒީފާ އަދާކުރުމުގެ ހައްގާއި މިނިވަންކަން ގާނޫނު އަސާސީގެ 37 ވަނަ މާއްދާ އިން ކަށަވަރުކޮށްދީފައިވާކަން ފާހަގަކުރައްވައި ތާރިގް ވިދާޅުވީ، އެހައްގު ހަނިކުރެވޭނީ މިނިވަން ދިމިގްރާތީ މުޖުތަމައުގައި އެހައްގު ހަނިކުރާ މިންވަރަށް ގާނޫނަކުން ކަމަށެވެ.

މީގެއިތުރުން، ފަނޑިޔާރުންނާ މުޚާތަބުކުރައްވައި މެމްބަރު ވަނީ ބިރުވެތިވެވަޑައިނުގަތުމަށް އެދިވަޑައިގެންފައެވެ.

އަޅުގަނޑު ސުޕްރީމް ކޯޓާ ހައިކޯޓާ އަދިވެސް ދަށު ކޯޓުތަކާ ސުޕީރިއާ ކޯޓުތަކުގައި މިތިއްބެވި ފަނޑިތާރުންނަށް ދަންނަވާލަން. ބިރުނުގަންނާށޭ. ޖޭއެސްސީގެ ވަގުތު އެ ހަމަވަނީ މިވަގުތު ބާރު ގެއްލިގެން ދާތީ ގާނޫނުން ހަންމުށި އަޅައިގެން ތިބޭފުޅުންގެ ވަޒީފާ އަދާ ކުރުމުގެ ހައްގު ނިގުޅައިގަތުމުގެ މަސައްކަތް މިހާރު އިއްޒަތްތެރި ރައީސް އާ އަދި މިތާ ތިބި އެމްޑީޕީގެ އެކްޓިވިސްޓުން ތިބެގެން ކުރަމުން އެދަނީ.
މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް (ޓޮމް)

މެމްބަރު ވިދާޅުވީ އެ އުސޫލުގެ ދަށުން ޖޭއެސްސީ އިސްލާހު ނުވާނެ ކަމަށާއި، ކޮންޓްރޯލްވެސް ނުވާނެ ކަމަށެވެ. ސަރުކާރު ނިމެމުންދާކަން އާންމު ރައްޔިތުންނަށްވެސް އެނގޭ ކަމަށާއި، ސަރުކާރު ތެރޭގައި ކަންކަން ހިނގަމުންދާ ގޮތާމެދު ރައްޔިތުން ތިބީ މާޔޫސްވެފައި ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.