މިފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ބަދުއަޚްލާގީ ވީޑިއޯތަކުގެ މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާއިރު، މި ތަހުގީގުގައި ބޭރުގެ އެއްވެސް ގައުމެއްގެ މުއައްސަސާއެއްގެ ބައިވެރިވުން ނޯންނާނެކަމުގެ ޔަގީންކަން ދޭކަމަށް ފުލުހުންގެ މުއައްސަސާއިން ބުނެފިއެވެ.

ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ހިމެނޭހެން ގިނަ ބައެއްގެ އޮރިޔާން ފޮޓޯ އަދި އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ އާންމުވުމެފައިވާ މިދަނޑިވަޅުގައި، މިކަމުގެ ތަހުގީގު ދިވެހި ފުލުހުން ކުރަމުންދާއިރު، މި ތަހުގީގަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަދި ދިވެހި ފުލުހުންނަށް ލަފާދިނުމަށް އިންޑިއާގެ ސެންޓްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (ސީބީއައި)ގެ ޓީމަށް ރާއްޖޭގައި ހަރަކާތްތެރިވަމުންދާކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެގޮތުން ރާއްޖޭގެ ދިފާއީ ބާރު، އެމްއެންޑީއެފްގެ އިސް އޮފިސަރަކާއި ހަވާލާދީ ބައެއް މީޑިއާތަކުން ރިޕޯޓުކުރާގޮތުގައި، ސީބީއައިގެ ޓީމުން މަސައްކަތްކުރަމުން އަންނަނީ ބޮޑެތި ޖިނާއީ ކުށްތަކުގެ ތުހުމަތު ބައެއް ނޫސްވެރިންނާއި ސަރުކާރުގެ ވިސްނުމާއި ދެކޮޅު، ސޯޝަލް މީޑިއާ އެކްޓިވިސްޓުންގެ ބޮލުގައި އެޅުވުމަށެވެ. އަދި މި ޓީމި ރާއްޖެއަށް އައީ ރާއްޖޭގައި ހުންނަ އިންޑިއާގެ ސަފީރު މުހޫ މަހާވަރަން އެ ޤައުމުގެ ސަރުކާރުގައި އެފަދަ ޓީމެއް ފޮނުވައިދިނުމަށް އެދުމުން ކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

ސީބީއައި އަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޕާސަނަލް، ޕަބްލިކް ގްރީވެންސެސް އެންޑް ޕެންޝަންސް ގެ ދަށުން ހިންގަމުން އަންނަ ތަހުގީގީ އިދާރާއެކެވެ.

މި ތުހުމަތުތައް ދޮގުކޮށް ފުލުހުންގެ ރަސްމީ ޓުވިޓާ އެކައުންޓުން ކޮށްފައި ޓުވީޓެއްގައި ވަނީ، މިހާރު ދައުރުވަމުންދާ ލީކު ކޮށްފައިވާ ވީޑިއޯ ތަކާއި މި ވީޑިއޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރުމުގެ މައްސަލައިގައި އެ މުއައްސަސާއިން ކުރަމުންދާ ތަހުގީގުގައި ބޭރުގެ އެއްވެސް ތަހުގީގީ އިދާރާއެއް ނުވަތަ އެފަދަ އެހެން އެއްވެސް އިދާރާއަކުން ހަރަކާތްތެރިވަމުން ނުދާކަން އާންމުންނަށް ސާފުކޮށްދޭކަމަށެވެ. އަދި މި މައްސަލަތައް ތަހުގީގު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނަައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކަމަށްވެސް ބުނެފައިވެއެވެ.

ލީކުވި ވީޑިއޯތަކުގެ ތެރޭގައި ރައީސް ނަޝީދުގެ ކޮއްކޮ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ކަމަށް ބުނާ މީހަކު އެއް ޖިންސުން ގުޅުން ހިންގާ ވީޑީއޯއެއް ވަނީ ލީކްވެފައެވެ. ނާޒިމް އެ ތުހުމަތު ދޮގުކުރައްވާފައި ވާއިރު، ފުލުހުން އަންނަނީ އެ މައްސަަލަ ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން ވެސް، ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން) ކަމަށް ބުނާ މީހަކު އަންހެނަކާއި އިތުރު ފިރިހެނަކާ އެކު ބަރަހަނާ ހާލުގައި ތިބޭ ފޮޓޯއެއް ވަނީ ލީކްވެފައެވެ. އަދި ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ ނަސީރުގެ ވީޑިއޯއެއް ލީކްވެފައިވާއިރު، އެ ވީޑިއޯ އިން ފެންނަނީ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމާއެކު ޖިންސީ ގުޅުން ހިންގާ މަންޒަރު ކަމަށް ވަނީ އަޑު ފެތުރިފައެވެ. އެ ތުހުމަތުތައް މެމްބަރު ސަލީމް ދޮގުކުރައްވައެވެ.