މާލެ ސިޓީ ކައުންސިލްގެ ހަފްތާ ނޫސް ކަމުގައިވާ އަތަމަނައިގެ "ސްޕެޝިއަލް އެޑިޝަން" ރައްޔިތުނަށް ބަހަން މާލެ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

އަތަމަނަ ނޫހަކީ މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކާއި ގުލޭ މަޢުލޫމާތު ރައްޔިތުންނާއި ހިއްސާކުރުމައްޓަކައި އުފައްދާފައިވާ ނޫހެކެވެ. އަދި މި ނޫހުގެ ބޭނުމަކީ އެހެން މީޑިއާތަކަށް ފޯރުކޮށްދީ އެ މީޑިއާތަކަށްވެސް ޚަބަރު ހެދުމަށް ފަސޭހަކުރުމާއި ކައުންސިލާއި މެދު ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުކުރުމެވެ.

މި ނޫހުގައި ހިމެނޭނީ ކައުންސިލުން އެ ހަފުތާއެއްގައި ހިންގާފައިވާ ކަންކަމުގެ ޚަބަރުތަކާއި އާއްމުކުރެވޭ އެކިއެކި ލިޔެކިޔުންތަކެވެ. އަތަމަނައިގެ ޚާއްސަ އެޑިޝަނެއް ނެރުމަށް ހަމަޖެހިފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރަށް އެއް އަހަރު ވުމާއިގުޅިގެންނެވެ.

އަތަމަނައިގެ ޚާއްސަ އެޑިޝަން ރައްޔިތުންނަށް ބަހަން ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއިން ފެށިގެންނެވެ.