2021 ވަނަ އަހަރުގެ އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑިއަކީ 30 ޖޫން 2022 ކަމަށްވާތީ މި ތާރީޚުގެ ކުރިން ބަޔާން ހުށަހަޅައި ފައިސާ ދެއްކުމަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފިއެވެ.

މިގޮތުން ބޭންކުތަކާއި އިންޝުއަރެންސްގެ ވިޔަފާރިކުރާ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކުން އިންކަމް ޓެކްސް ބަޔާނުގެ ގޮތުގައި ހުށަހަޅަންޖެހޭނީ "މީރާ 604 ފޯމް" ކަމަށް މީރާއިން ވަނީ އަންގާފައެވެ.

އިންކަމް ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހެނީ ވަކި ޝަރުތުތަކަކާއެކު ކަމަށްވާތީ، މި ޝަރުތުތައް ދެނެގަތުމަށް މީރާގެ ވެބްސައިޓުގައިވާ އިންޓަރެކްޓިވް ގައިޑް ބޭނުންކުރުމަށް މީރާއިން ލަފާދެއެވެ. އެހެންކަމުން އިންކަމް ޓެކްސް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުގެ ތެރެއިން 2020 އަދި 2021 ވަނައަހަރުގެ ޖުމްލަ އާމްދަނީ 2 މިލިއަން ރުފިޔާއަށްވުރެ އިތުރު ނުވާ އަދި ޓެކްސް ބިނާކުރެވޭ އާމްދަނީ 720،000 ރުފިޔާއަށް ވުރެ އިތުރު ނުވާ ފަރުދުން ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ.

މީގެއިތުރުން 2021 ވަނަ އަހަރު ފަރުދަކަށް ލިބުނު ޖުމްލަ އާމްދަނީއަކީ ވަޒީފާދޭ އެންމެ ފަރާތަކުން ލިބުނު އުޖޫރަ ކަމުގައިވާނަމަ ނުވަތަ 2020 އަދި 2021 އަހަރުގެ ޖުމުލަ އާމްދަނީ 2 މިލިއަން ރުފިޔާއަށް ވުރެ އިތުރު ނުވެ ޓެކްސް ބިނާކުރެވޭ އާމްދަނީ 500،000 ރުފިޔާއަށް ވުރެ އިތުރު ނުވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެއެވެ. ހަމައެހެން 2020 އަދި 2021 ވަނައަހަރުގައި އާމްދަނީއެއް ލިބިފައިނުވާނަމަ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުން ޓެކްސް ބަޔާން ހުށަހެޅުމުން އިސްތިސްނާވާނެ ކަމަށް މީރާއިން ބުނެއެވެ.

ޓެކުހުގެ އަދަދު ހިސާބުކުރުމުގައި އަދި އިންކަމް ޓެކްސް ބަޔާން ހުށަހެޅުމުގައި އިންކަމް ޓެކްސް ބަޔާނާއެކު މާލީ ހިސާބުތައް ހުށަހަޅަންޖެހޭނީ ހަމައެކަނި ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން ކަމަށާއި ވިޔަފާރި އާމްދަނީ ލިބޭ ފަރާތްތަކުން ޖުމްލަ އާމްދަނީ 10 މިލިއަން ރުފިޔާއަށްވުރެ އިތުރުވާނަމަ، ޓެކްސް ބަޔާނާއެކު އޮޑިޓަރުގެ ރިޕޯޓް ހުށަހަޅަންޖެހޭނެކަމަށް މީރާއިން ބުނެއެވެ. މީގެއިތުރުން އުޖޫރަ ލިބޭ ފަރާތްތަކުން ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރަންވާނީ، ފައިސާ އާއި ފައިސާއިން ނޫންގޮތަށް ލިބިފައިވާ އިނާޔަތާއި މަންފާ ހިމަނައިގެންކަމަށާއި، އުޖޫރަ ލިބޭ ފަރާތްތަކުގެ ތެރެއިން މުވައްޒަފުންގެ ވިތުހޯލްޑިންގ ޓެކްސް އުނިކޮށްފައިވާ ފަރާތްތަކުން، އިންކަމް ޓެކްސް ބަޔާން ހުށަހަޅަންޖެހޭނަމަ، ޓެކްސް ބިނާކުރެވޭ އާމްދަނީ ހިސާބުކުރާނީ، އެ ގޮތުން ޓެކްސް އުނިކޮށްފައިވާ އުޖޫރައިގެ އަދަދު ވެސް ހިމަނައިގެންނެވެ. އެހެންނަމަވެސް ދައްކައިފައިވާ ވިތުހޯލްޑިންގ ޓެކްސްގެ އަދަދު، މުޅި އަހަރަށް ދައްކަންޖެހޭ ޓެކުހުގެ އަދަދުން ކެނޑޭނެ ކަމަށް މީރާއިން ބުނެއެވެ.

"މީރާ ކަނެކްޓް" މެދުވެރިކޮށް އޮންލައިންކޮށް ޓެކުހާގުޅޭ ޒިންމާތައް އާދާ ކުރެވޭތީ މީރާއައް އައުމުގެ ބަދަލުގައި ހުރިހާފަރާތުންވެސް އޮންލައިން ހިދުމަތް ބޭނުން ކުރުމަށް އިސްކަން ދިނުމަށް މީރާއިން އެދެއެވެ. އަދި، ފަރުދުންގެ ތެރެއިން ހަމައެކަނި އުޖޫރައިން އާމްދަނީ ލިބޭ ފަރާތްތައް، ނުވަތަ ހަމައެކަނި ނުއުފުލޭ މުދާ ކުއްޔަށް ދީގެން އާމްދަނީ ލިބޭ ފަރާތްތަކުގެ ތެރެއިން ޚަރަދުގެ ގޮތުގައި ކުލީގެ %20 އުނިކުރާ ފަރާތްތައް، ނުވަތަ ހަމައެކަނި މި ދެ ބާވަތުން އާމްދަނީ ލިބޭ ފަރާތްތަކުން، "ސިމްޕްލިފައިޑް އިންކަމް ޓެކްސް ބަޔާނެއް" ގެ ގޮތުގައި މިހާރު އިންކަމް ޓެކްސް ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން މައުލޫމާތުދެއެވެ.

މީރާއިން މައުލުމާތު ދޭގޮތުގައި އިންކަމް ޓެކްސްއަށް ޙާއްސަ އިންފޮމޭޝަން ޑެސްކްތަކުންނާއި މީރާގެ ހޮޓްލައިން 1414 އަށް ގުޅައިގެން ނުވަތަަ މީރާގެ އީމެއިލަށް އީމެއިލް ކޮށްގެން އެހީތެރިކަން ހޯދެއްވުމަށް މީރާއިން އެދެއެވެ.