ސަރުކާރު ހިންގާ ކޯލިޝަންގެ މުހިންމު ބައިވެރިއެއް ކަމަށްވާ، ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު ސިޔާސީ ޕާޓީ، ޖުމްހޫރީ ޕާޓީ (ޖޭޕީ)އަށް މީހުން ގުޅެނީ، ވިލާ ގްރޫޕުގެ ޗެއާމަން އަދި އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމްގެ ޚިދުމަތްތައް ފެނި، ހެޔޮ ހިތުން ކަމަށް އެމަކިނުފާނުގެ ޕޮލިޓިކަލް އެޑްވައިޒަރ އަދި ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ޖުމްހޫރީ ޕާޓީގެ "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް މީހުން ވެއްދުމަށް ޕާޓީގެ ލީޑަރު ޤާސިމް އިބްރާޙިމް މާ ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިނުގަންނަވާ ކަމަށެވެ.

ލީޑަރު ޤާސިމް އިބްރާާޙިމަކީ ޕާޓީއަށް މީހުން ވައްދަން އުޅޭ ލީޑަރެއް ނޫން ކަމަށާއި ޖޭޕީއަށް މީހުން ވަންނަނީ، ލީޑަރު ޤާސިމް ގައުމަށް ކޮށްދެއްވާފައިވާ ހިދުމަތްތަކާ ގުޅިގެން އަގު ވަޒަންކުރުމަށް ހެޔޮ ހިތުން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި، މީހުން ވެއްދުމުގެ މަސައްކަތުގައި ޤާސިމް ޝާމިލުވެވަޑައިގެންފި ނަމަ ޖޭޕީއަށް ވުރެ ބޮޑު ޕާޓީއެއް މި ރާއްޖޭގައި ނޯންނާނެއެވެ.

ރިޔާޒު ރަޝީދު ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި މާޔުސްވާކަށް ނުޖެހޭނެ ކަމަށާއި އަދި ޒުވާނުންނަށް ގިނަ ފުރުސަތުތަކެއް ލިިބޭނެ ޕާޓީއެއް ޖުމްހޫރީ ޕާޓީ ފިޔަވައި ނޯންނާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ﷲ އިރާދަކުރެއްވިއްޔާ ދެން އުފެދިގެންދާނި ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ކަމަށެވެ. އެ އަމާޒަށް ވާސިލުވުމަށް މަސައްކަތް ކުރާާނެ ކަމަށް ރިޔާޒު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، "ތައްޔާރު" ޖަލްސާގައި ވާހަކަދައްކަވަމުން، ރާއްޖޭގެ ސިޔާސީ އަދި އިޤްތިޞާދީ ޙާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ޖޭޕީ އިން މަސައްކަތެއް ނުކުރާ ކަމަށް ދެކެވޭ ވާހަތަކަށް ވެސް ރިޔާޒު ރައްދު ދެއްވިއެވެ.

ރިޔާޒު ވިދާޅުވީ މަގުމަތިން ސަރުކާރު ވައްޓާލުމުގެ ސަަގާފަތް ހުއްޓާލަން ޖެހޭ ކަމަށާއި އަދި ޖުމްހޫރީ ޕާޓީން އެ މަގުން ނުހިނގާނެ ކަމަށެވެ. އަދި ވެރިކަމަށް އަންނަ މީހަކަށް ދައުރު ފުރިހަމަކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ރިޔާޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖެ މި ދެކޭ ޑިމޮކްރަސީ އުފައްދައި އެ ޑިމޮކްރަސީގައި އަސްލު ސިފަ ޖެއްސެވީ ޤާސިމް އިބްރާހިމްއެވެ.