ރަށްގިރުމުގެ މައްސަލަ ބޮޑުވެ، ރ. އަތޮޅު އުނގޫފާރަށް އުދައަރާތީ އެ ރަށުގެ ބައެއް ރައްޔިތުން ކަންބޮޑުވުންފާޅުކުރަން ފަށައިފިއެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި، މި މައްސަލަ އެންމެ ބޮޑަށް ދިމާވެފައި ވަނީ އުނގޫފާރުގެ "ބްރޭކް ޑައުން" ރެސްޓޯރެންޓް ހުންނަ ސަރަހައްދަށެވެ. އެ ސަރަހައްދު ގޮނޑުދޮށުން ވަރަށް ބޮޑަށް ގިރުމުގެ ސަބަބުން ރަށަށް އުދައަރަން ފަށާފައިވާއިރު، އުދަ އަރާތާ މިހާރު ތިން ވަރަކަށް ދުވަސް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލަ ބޮޑުވެފައިވާއިރު، އުދައިގެ އަސަރު "ބްރޭކް ޑައުން" ރެސްޓޯރެންޓަށް ވެސް އަންނަނީ ކުރަމުންނެވެ.

އުނގޫފާރު ކައުންސިލްގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވީ، ރަށް ގިރައި އުދަ އެރުމުގެ ޝަކުވާ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. މި ކަމާއި ގުޅިގެން ކަމާއި ގުޅުން ހުރި މުވައްސަސާތަކަށް ސިޓީ ފޮނުވައި، ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އެދެވޭ ޖަވާބެއް ލިބިފައި ނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

https://www.facebook.com/100002651343255/videos/pcb.5111675098930818/1143755876171938

ކޮންމެ އަހަރަކުވެސް މި ދުވަސްވަރު އުނގޫފާރުގެ އެ ސަރަހައްދު ގިރައި އުދަ އެރުމުގެ މައްސަލަ ކުރިމަތިވެއެވެ.

މި ދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށް ވާއިރު، މިހާރު މޫސުން އެންމެ ގޯހީ އުނގޫފާރު ހިމެނޭ ރާއްޖޭގެ އުތުރު ސަރަހައްދުގެ އިތުރުން މެދުރާއްޖެތެރޭގެ ސަރަހްދުތަކަށެވެ. އެ ސަރަހައްދުތަކަށް އާދައިގެ ވަރަކަށް ކަނޑުތައް ގަވާނެއެވެ.

އެހެން ނަމަވެސް، ދެކުނުގެ ސަރަހައްދަށް މޫސުން ރަނގަޅުވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.

އާންމު ގޮތެއްގައި މޫސުން ގޯސް ދުވަސްވަރު ރާއްޖޭގެ ބައެއް ރަށްރަށަށް އުދައިގެ އަސަރު ކުރެއެވެ. ވެރި ރަށް މާލޭގެ އިރުމަތީ ފަރާތުން ކިންގް ސަލްމާން މިސްކިތް ހުންނަ ސަރަހައްދަށް ވެސް ހުޅަނގު މޫސުމުގައި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދަ އަަރައެވެ.