މިދިޔަ މެއި މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 278 މައްސަލަ ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާކަމަށް އެމިނިސްްރީން ބުނެފިއެވެ.

މިިދިޔަ މަހު ޖެންޑަރ މިނިސްޓްރީއަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ. އެގޮތުން ކުޑަކުދިންނަށް ކުރާ އަނިޔާގެ 137 މައްސަލައެއް މިދިޔަ މަހު މިނިސްޓްރީއަށް ވަނި ރިޕޯޓްކޮށްފައެވެ.

މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިކައި އާއި ޖިސްމާނީ ހާނިކައިގެ މައްސަލަތަކެވެ. އެ ގޮތުން މި ބާވަތުގެ 31 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ. މީގެއިތުރުން އިހުމާލުވުމުގެ 26 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 9 މައްސަލަ އާއި ނަފްސާނީ ހާނިކައިގެ 9 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާ އަށް ބޭނުންކުރުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހުށައަޅާފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 49 މައްސަލަ މެއިމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލައެވެ.މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން/ އަނގަބަހުންކުރެވޭ އަނިޔާކުރުމުގެ 13 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 5 މައްސަލަ، ޖިންސީ ހާނިއްކަ ކުރުމުގެ 3 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 ހިމެނެއެވެ.

ޢާއިލީ 31 މައްސަލަ މެއިމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ.މި ފަދަ މައްސަލަތަކުގެ ތެރޭގައި ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 15 މައްސަލަ އަދި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ، ކުދިންނާއި ބައްދަލުކުރުމުގައިޖެހޭ 6 މައްސަލަ، އަދި ދަރިންގެ ޙަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 1 މައްސަލަ ހިމެނެއެވެ.

މީގެއިތުރުން ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 2 މައްސަލަ މެއިމަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ އައިޑީ ކާޑް/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާއި ބެހޭ 1 މައްސަލަ އަދި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލައެވެ.

އަދި ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 19 މައްސަލަ މެއިމަހު ވަނީ ހުށަހަޅައިފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލަ އަދި ސްކޫލަށް ދާން ބޭނުންނުވުމުގެ 5 މައްސަލަ، ރުޅިއިސްކުރުން/ ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖުތިމާޢީ ގުޅުން ބަދަހި ކުރުމަށް އުޒުރުވެރިވާ ޢަމަލުތަކުގެ 2 މައްސަލަ، ސުލޫކީ 1 މައްސަލަ އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 1 މައްސަލަ ހިމެނެއެވެ.

އަދި މީގެއިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 14 މައްސަލަ މެއި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވެއެވެ.

މެއިމަހުގެ ނިޔަލަށް ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ ޢަދަދަކީ 203 އެވެ. މެއި މަހުގައި 6 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ އަދި 4 ކުއްޖެއް ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.