ކުޑަ އާބާދީއެއް އޮތް ނަމަވެސް، ބ އަތޮޅު ދަރަވަންދޫއަކީ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫތަކެއް ކުރިއަށްދާ ރަށެކެވެ. ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން ހިމެނޭ މައްސަލަތަކެއް ރަށުގައި ހުރިއިރު، ދަރަވަންދޫ ކައުންސިލްގެ އަމާޒަކީ އެދަތިތަކަށް ހައްލު ގެނެސް ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމެެވެ.

ދަރަވަންދޫގެ އިގްތިސާދު މައިގަނޑުގޮތެއްގައި ބިނާވެފައިވަނީ ދަތުރުފަތުރުގެ މައްޗަށެވެ. އެރަށުގެ އެއަރޕޯޓަކީ އެއަތޮޅުގެ ގިނަ ރައްޔިތުންނާއި، ރަށަށާ ކައިރި ރިސޯޓުތަކަށް ޒިޔާރަތްކުރާ ފަތުރުވެރިން ބަރޯސާވާ މައި ވައިގެ ބަނދަރެވެ.

އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް މިހާރުވެސް އެރަށުގައި ކުރިއަށްދާއިރު، ބަނދަރުގެ ޖާގައިގެ ދަތިކަމަކީ އެރަށުގެ ރައްޔިތުންގެ ކަންބޮޑުވުން އެކަމުގައި ހިމެނޭ އެންމެ ބޮޑު އެއް ކަމެވެ. ދަރަވަންދޫއަކީ ވައިގެ ބަނދަރެއް ތަރައްގީކޮށްފައިވާ ރަށަކަށްވާއިރު، ގިނަ އަދަދެއްގެ ލޯންޗުފަހަރު އެ ބަނދަރުގެ ބޭނުން ކުރަމުން ގެންދެއެވެ. އެހެންކަމުން ބަނދަރު ވެގެންދަނީ އެ އަތޮޅުގެ ރައްޔިތުންނަށް މުހިންމު ބަނދަރަކަށެވެ. އަތޮޅުގެ ވަށައިގެންވާ ރިސޯޓުތަކަށް ދިއުމަށް ގިނަ އަދަދެއްގެ ފަތުރުވެރިންވެސް ބަރޯސާވަނީ އެބަނދަރަށެވެ.

ރަނގަޅު އެކަށީގެންވާ ގޮތަކަށް ބަނދަރު ފަރުމާނުކުރަނީ ނަމަ އެކަމުގެ ގެއްލުން ގިނަ އަދަދެއްގެ ބަޔަކަށް ލިބިގެންދާނެއެވެ. ބަނދަރުގެ ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑުވެފައިވާއިރު، ބޭރު ތޮށިވެސް ވަނީ ހަލާކުވެފައެވެ. ނަތީޖާއެއްގެ ގޮތުން މޫސުން ގޯސް ދުވަސްވަރުގައި ކަނޑާއި ފަޅު އޮންނަނީ އެއްވެފައެވެ. އޭގެ ސަބަބުން ރަށަށް އަރާ ފައިބާ މީހުންނަށް ގިނަ ގުނަ ދަތިތަކާ ކުރިމަތިލާންޖެހެއެވެ. ވަރަށް ގިނަ ފަތުރުވެރިންނަށް އޭގެ ތަކުލީފުތަކާ ކުރިމަތިލާން ޖެހެއެވެ.

ދަރަވަންދޫއަކީ ފުޅާ ދާއިރާއެއްގައި ރަށު ފަތުރުވެރިކަންވެސް ކުރިއަރަމުން އަންނަ ރަށަކަށްވީ ހިނދު، ބަނދަރުގެ ހާލަތު ހުރިގޮތުން ފަތުރުވެރިކަމަށް ޙީނަރުކަން އަތުވެދާނެ ފަދަ ހާދިސާތައްވެސް ހިނގާފައިވާ ކަމަށް އެރަށު ކައުންސިލުން "ވީނިއުސް"އަށް ވަނީ މައުލޫމާތުދީފައެވެ.

ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް "ވީނިއުސް" އަށް ވިދާޅުވީ މި މައްސަލައަށް ހައްލު ގެނެސް، ބަނދަރު ތަރައްގީކުރުމަކީ ރަށުގެ ކައުންސިލުން ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ. އަދި މިކަމުގައި ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށްފައިވާނެ ކަމަށާއި، ބަނދަރުގެ އައު ކުރެހުން މިހާރު ލިބިފައިވާކަމަށް ސަމީހް ވިދާޅުވިއެވެ.

އަޅުގަނޑުމެންނަށް ބަނދަރުގެ އައު ކުރެހުމެއް ލިބިއްޖެ. އެކުރެހުމާ އެއްގޮތަށް ރައްޔިތުންނާ ބައްދަލުކޮށްފަ، އެކުރެހުން އަޅުގަނޑުމެން މިކޮޅުން ފައިނަލްކުރުމަށްފަހު އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ، ދަރަވަންދޫ ބަނދަރު ބޮޑުކޮށް ބޭރުތޮށި މަރާމާތުކުރުމުގެ މަސައްކަތް ފެށިގެންދާނެ. އަޅުގަނޑުމެންގެ ބަނދަރު އަލަށް މި ހެދޭ ތަން މިހާރު ކުރެހުން އައިއްސަ އޮްތގޮތުން ވެއްޖިއްޔާ މި ސަރަހައްދުން ޓީޖެޓީއެއް އެންމެ ފުރަތަމަ ލާނީ. 78 ފޫޓުގެ ޓީޖެޓީއެއް ލުމަށްފަހު އޭގެ ހުޅަނގަށް 300 ފޫޓު ބޮޑުކުރެވިގެންދާނެ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް

މީގެއިތުރުން، މިހާރު ލާފައިވާ ބޭރުތޮށި އުސްކުރެވި، ވަރުގަދަކުރެވިގެންދާނެ ކަމަށާއި، ލޯންޗާއި ޑިންގީ އެޅުމަށްޓަކައި ބޭރުގައި ވަކި ފާލަމެއް ހެދުމަށް ހަމަޖެހިފައިވެއެވެ. އައު ބަނދަރު ވެގެންދާނީ ރަށުގެ އޮޑިވެރިންނަށާއި، ބަނދަރު ބޭނުންކުރާ ރައްޔިތުންނަށާއި، ބޭރުން އަންނަ ހުރިހާ ފަރާތްތަކަށްވެސް ވަރަށް އުއްމީދީ ބަނދަރަކަށް ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ބަނދަރުގެ މައްސަލައިގެ އިތުރުން ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމުއެއް ކަމަކީ ބޭސްފަރުވާ ހޯދުމުގައި ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދިއުމެވެ. 24 ގަޑިއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒެއް ދަރަވަންދޫގައި ހުރިނަމަވެސް، އެއީ ރަށުގެ ރައްޔިތުންނަށް އެންމެ އެކަށޭނެ ފެންވަރުގެ ތަނެއް ނޫން ކަން ކައުންސިލުން ފާހަގަކުރެއެވެ. އަދި، ފުރިހަމަ ސިއްހީ ޚިދުމަތުގެ ނިޒާމެއް ގާއިމްކުރެވިގެންނޫނީ ރަށަށް ހަގީގީ ތަރައްގީ ނުގެނެވޭނެ ކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު ގަބޫލުކުރާގޮތުގައި ދަރަވަންދޫގައި މިއަދު ކުޑަ ހޮސްޕިޓަލެއް ހުންނަންޖެހޭނެ. 24 ގަޑިއއިރު ޚިދުމަތްދޭ ސިއްހީ މަރުކަޒެއް ހުރުމަކުންނެއް އަދި އަޅުގަނޑުމެންނަކަށް ނުފުދޭ. އެންމެ ޑޮކްޓަރެއް ލައިގެން އެންމެ ރަނގަޅުގޮތުގައި އެ މަސައްކަތެއް ހަގީގަތުގައި ނުކުރެވޭ. ހާއްސަ ޑޮކްޓަރުން މިކޮޅުގައިވެސް ތިބެން އެބަ ޖެހޭ.
ދަރަވަންދޫ ކައުންސިލްގެ ރައީސް އަލީ ސަމީހް

ދުވާލެއްގެ މައްޗަށް ދަރަވަންދޫއަށް އަރާ ފައިބާ މީހުންގެ އަދަދު 800 އަށް ވުރެ ގިނައިރު، ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ރަށުން ލިބެން ހުރުމަކީ ކޮންމެހެންވެސް ބޭނުންތެރިކަމެއް ކަމަށް ރަށުގެ ރައްޔިތުންނާއި ކައުންސިލުން ދެކެއެވެ.

ރައްޔިތުންނަށް ދިމާވާ ދަތިތަށް ހުރިނަމަވެސް ކައުންސިލްގެ ގިނަ މަސައްކަތްތަކާއެކު ގިނަ ކަންތަކެއް އަންނަނީ ރަނގަޅުވަމުންނެވެ. އެގޮތުން، ދަރަވަންދޫ ރައްޔިތުންނަށް ކަރަންޓު ލިބުމުގައި މީގެކުރިން ހުރި ދަތިތައް ކުޑަކޮށް، ކައުންސިލުން ވަނީ އެކަން ހައްލުކުރުމުގެ އަމަލީ މަސައްކަތް ފަށާފައެވެ.

ރަށުގެ އިންޖީނުގޭގެ އިންޖީނުތައް ބަދަލުކުރި ނަމަވެސް، ކޭބަލްތައް ބަދަލުނުކުރެވި ހުރުމުގެ ސަބަބުން އިންޖީނުގެއާ ދުރުގައި ހުންނަ ގެތަކަށް އެކަށީގެންވާ ގޮތެއްގައި ކަރަންޓު ނުލިބެއެވެ. އެހެންނަމަވެސް ހުރިހާ ކޭބަލްތަކެއް ބަދަލުކުރުމުގެ މަސައްކަތް ރަށު ކައުންސިލުން މިހާރު ވަނީ ފަށާފައެވެ. ސަމީހް ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ ކޭބަލެއް ބަދަލުކޮށް ހުރިހާ ގެއަކަށް އެކަށީގެންވާ ވަރަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެވޭނެ ކަމަށެވެ.

ދަރަވަންދޫ ކައުންސިލްގެ ތަސައްވުރަކީ އަތޮޅުގައި ނަން ހިނގާ، އެންމެ ކުރީގައި އޮތް ރަށަށް ދަރަވަންދޫ ވެގެންދިއުމެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކައުންސިލުން އެމަސައްކަތް ކުރަމުންދާ ކަމަށާއި، އެކަމުގެ ފޮނި މީރުކަން ލިބެންފަށާފައިވާ ކަމަށް ރަށު ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.