ކޮވިޑް-19އިގެ އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރަށް ތިބުމަށް ވެންޓިލޭޓަރުތަކެއް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަަށް ދޫކުރި ފައިސާ، ދިވެހި ސަރުކާރަށް އަނބުރާ ދޭން ދެކޮޅު ހެދުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދޭން ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެއެވެ.

އޭޖީ އޮފީހުގެ ޑިރެކްޓަ ކޮމިއުނިކޭޝަން، ހުސެއިން ހަސަން ވަނީ މިކަން "ވީނިއުސް" އަށް ކަށަވަރުކޮށްދީފައެވެ.

ކޮވިޑްގެ ހާލަތު ގޯސްވެދާނެތީ، 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފައެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލައެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެއެވެ.

އެއްބަސްވުމުގައި ވަނީ އެޑްވާންސް ޕޭމަންޓު ދައްކާތާ 29 މަސައްކަތު ދުވަހުގެ ތެރޭގައި ވެންޓިލޭޓަރު ފޯރުކޮށްދޭންވާނެ ކަމަށެވެ. ނަމަވެސް އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތައް ނުފޮނުވައެވެ.

އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުން ބާތިލު ކުރީ 2021 ވަނަ އަހަރުއެވެ.

އެގްޒެކިއުޓާސްއާއެކު އެއްބަސްވުމެއް ހަދައި ސަރުކާރުން އޯޑަަރު ކުރި 75 ވެންޓިލޭޓަރުތަކުގެ ތެރެއިން އަދި ލިބުނީ އެންމެ 15 ވެންޓިލޭޓަރެވެ. ބާކީ 60 ވެންޓިލޭޓަރު އަދިވެސް ނުލިބި ހުރި އިރު އެއްބަސްވުން ހެދި އިރު އެއްވެސް ގެރެންޓީއަކާ ނުލާ އެ ކުންފުންޏަށް ވަނީ އެޑްވާންސަށް 30.91 މިލިއަން ރުފިޔާ ދީފައެވެ.

އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމަށް މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ބުނެ މީގެ ކުރިން އޮތީ އިންޒާރު ދީފައެވެ.

އެގްޒެކިއުޓާސްއާއެކު ހެދި އެއްބަސްވުމުގައި ވަނީ ވެސް އުފެދޭ މައްސަލަތައް ހައްލު ކުރާނީ އާބިޓްރޭޝަން މެދުވެރިކޮށް ކަމަށެވެ.