ރާއްޖެއާއި ކިއުބާ އާއި ދެމެދުވެފައިވާ އެއްބަސްވުމެއްގެ ދަށުން ރާއްޖެއަށް ވަޑައިގަންނަވާ ޑޮކްޓަރުންގެ ފުރަތަމަ ބެޗް ވަޑައިގެންފިއެވެ.

ރާއްޖެއަށް ބޭނުންވާ ޞިއްޙީ ޚިދުމަތުގެ ފަންނުވެރިން ގެނައުމަށްޓަކައި، ރާއްޖޭއާއި ކިއުބާއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 09 ޑިސެމްބަރު 2021 ވަނަ ދުވަހުއެވެ. މިއެއްބަސްވުމުގެ މަގުސަދަކީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ޚިދުމަތްތައް ހަރުދަނާކުރުންކަމަށް މިނިސްޓްރީ އޮފް ހެލްތްއިން ބުނެއެވެ.

ރާއްޖޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، މިނިސްޓަރ އޮފް ސްޓޭޓް ފޯރ ހެލްތު ޑރ.ޝާހް އަބްދުالله މާހިރެވެ. އަދި ކިއުބާ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ކިއުބާގެ މިނިސްޓަރ އޮފް ޕަބްލިކް ހެލްތު ޑރ. ޖޯސް އެންޖެލް ޕޯރޓަލް މިރިންޑަ އެވެ.

މި އެއްބަސްވުމުގެ ދަށުން އިއްޔެ ހަތަރު ސްޕަޝަލިސްޓް ޑޮކްޓަރުން ރާއްޖެއަށް ވަޑައިގެންފައިވާއިރު، ކުރިޔަށް އޮތް ޖުލައި މަހުގެ ތިން ވަނަ ދުވަހު އިތުރު 12 ސްޕަޝަލިސްޓް ޑޮކްޓަރުން ރާއްޖެ ވަޑައިގަންނަވާނެކަމަށް ހެލްތް މިނިސްޓްރީން މައުލޫމާތުދެއެވެ. މި ޑޮކްޓަރުންގެ ތެރޭގައި ހެމޮޓޮލަޖިސްޓްއަކާއި، ނޭޝަނަލް ޑްރަގް އެޖެންސީގައި މަސައްކަތް ކުރެއްވުމަށް ވަޑައިގަންނަވާ ސައިކޭޓްރިސްޓުންގެ އިތުރުން ދަމަނަވެށީގައި މަސައްކަތް ކުރެއްވުމަށް ފެމިލީ މެޑިސިން ޑޮކްޓަރަކާއި އަތޮޅު ހޮސްޕިޓަލްތަކުގައި މަސައްކަތްކުރެއްވުމަށް ވަޑައިގަންނަވާ އެތެރެހަށީގެ ހާއްސަ ޑޮކްޓަރުންނާއި، އޮޕަރޭޝަން ޑޮކްޓަރުންނާއި، ހޭނައްތާ ޑޮކްޓަރުންނާ އަދި ރޭޑިއޮލޮޖިސްޓުން ހިމެނެއެވެ.

މިނިސްޓްރީން ބުނާގޮތުގައި މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއަރ އަހަންމިއްޔަތުކަންދޭ ޞިއްހީ ނިޒާމެއް ބިނާކުރުމަށް މިމިނިސްޓްރީއިން ކުރަމުންދާ މަސައްކަތަށް އިތުރު އެހީތެރިކަމާ ކުރިއެރުން ކުރިމަގުގައި ލިބިގެންދާނެކަމަށެވެ.