މަގުމަތިގަިއ ހިނގާ އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި، އަނިޔާލިބޭ މީހުންގެ އަދަދު 2030 ގެ ކުރިން 50 އިންސައްތައަށް ދަށްކުރުމަކީ އަމާޒެއް ކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އާއިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ނަހުލާ މިފަދައިން ވިދާޅުވީ އދ.ގެ ގްލޯބަލް ރޯޑް ސޭފްޓީއާ ގުޅޭ ހައިލެވަލް ބައްދަލުވުމުގައި ތަގްރީރުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އެކަމަނާ ވިދާޅުވީ މަގުމަތީގެ ހާދިސާތަކާއި ގުޅިގެން ކޮންމެ އަހަރަކު 1.3 މިލިޔަން މީހުން މަރުވާކަމަށާއި އަދި 50 މިލިޔަން މީހުންނަށް އެކިވަރުގެ އަނިޔާތައް ލިބޭކަމަށެވެ. މަގުމަތީގައި ހިނގާ އެކްސިޑެންޓްތަކަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ، މިނިސްޓަރ ވިދާޅުވީ، އެފަދަ އެކްސިޑެންޓްތަކުގެ ސަބަބުން އާއިލާތަކަށާއި، ވަކި ވަކި ފަރުދުންގެ އިތުރުން ގައުމަށްވެސް އޭގެ އަސަރުކުރާކަމަށެވެ.

އެގޮތުން، ޅަ އުމުރުގައްޔާއި ޒުވާން އުމުރުގައި ކުދިން މަރުވާން ދިމާވާ އެއް ސަބަބަކީ މަގުމަތީޣެ އެކްސިޑެންޓްތަކުގެ ސަބަބުން ލިބޭ އަނިޔާތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި، އެފަދަ ހާދިސާތަކުގައި އާންމުގޮތެއްގައި މަރުވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ޒުވާނުންކަމަށާއި، އެގޮތަށް ދިމާވަނީ ފަރުވާކުޑަކޮށް އުޅަނދު ދުއްވުމާއި ކަނޑައެޅިފައިވާ ސްޕީޑަށްވުރެ އިތުރަށް ދުއްވުމުގެ ސަބަބުންކަމަށް އެކަމަނާ ވިދާޅުވިއެވެ.

މީގެއިތުރުން، މިނިސްޓަރ ނަހުލާގެ ވާހަކަފުޅުގައި އެކްސިޑެންޓައްތައް މަދުކޮށް، މަގުމައްޗަކީ އަމާންތަނެއްގެ ގޮތުގައި ބޭއްވުމަށް ޤަވައިދާ އެއްގޮތަށް ފަރުވާތެރިކަމާއެކު ދުއްވުމުގެ އިތުރަށް ކަނޑައެޅިފައި ސްޕީޑަށް ދުއްވުމުގެ މުޙިއްމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އަދި މަގުމަތީގައި ހިނގާ ނުރައްކާތެރި ހާދިސާތައް މަދުކޮށް އަނިޔާލިބޭ މީހުންނާއި މަރުވާ މީހުންގެގެ އަދަދުތައް މަދުކުރުމުގައި އެކި ދާއިރާތަކުގެ އެއްބާރުލުން ބޭނުންވާކަންވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ގައުމުތަކުން ކުރާ މަސައްކަތްތަކަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އަރުވާފައެވެ.