މާލޭގެ މަގު ހެދުމުގެ މަޝްރޫޢުއާ ގުޅޭ ގާނޫނީ ހުރިހާ މަރުޙަލާއެއް ކައުންސިލުން ވަނީ ނިންމާފައި ކަމަށް މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ މަގުތައް ޒަމާނީފެންވަރަށް ހެދުމަށްޓަކައި ސަރުކާރުން ފެއްޓި މަގުހެދުމުގެ މަޝްރޫޢު ނިމިދިޔަ ކައުންސިލާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމައި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތް ފެށިފައިވީނަމަވެސް ވަކި ހިސާބަކުން މި މަޝްރޫޢުވަނީ ހުއްޓުމަކަށް އައިސްފައެވެ.

މަޝްރޫޢު ހުއްޓިފައިވުމާއިއެކު، ގިނަ ބައެއްގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައިވަނީ މާލެ ސިޓީ ކައުންސިލަށެވެ. ކައުންސިލަށް ފާޑުކިޔުން އަމާޒުވާ މައިގަނޑު ސަބަބެއްކަމަށް ކައުންސިލަރުން ޤަބޫލު ކުރައްވަނީ މަގު ހެދުމުގެ މަޝްރޫޢު ލަސްވާ ސަބަބާއި ގުޅޭގޮތުން ޕްލޭނިންގް މިނިސްޓްރީ އާއި އާރްޑީސީއިން ދައްކައްވަމުން ގެންދަވާ ބައެއް ވާހަކަތަކެވެ.

މަގު ހެދުމުގެ މަޝްރޫޢު ލަސްވެފައިވުމާއި ކައުންސިލަށް ކުރާ ތުހުމަތުތަކަށް ރައްދު ދެއްވަމުން މާލެ ސިޓީގެ މޭޔަރު ވިދާޅުވީ މާލޭގެ މަގުތައް ހެދުމުގެ މަޝްރޫޢު ކުރިއަށްނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއްނުކޮށްގެން ނޫން ކަމަށާއި، ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް ކަމަށާއި، އެކަމަށް ބަޖެޓް އިތުރުނުވާކަމަށާއި، ސްކޯޕަށް އެސްވެސް މަގެއް އިތުރު ނުކުރާ ކަމަށެވެ.

މަޝްރޫޢު ކުރިއަށްނުގޮސް ހުއްޓިފައި އޮތީ މާލެ ސިޓީ ކައުންސިލުން ކަމެއްނުކޮށްގެން ނޫން އިނގޭތޯ. ގެންނަންޖެހޭ ބަދަލެއް ގެނައީ ސްކޯޕާއި އެއްގޮތަށް. އެކަމަށް ބަޖެޓެއް އިތުރެއްނުވޭ، ސްކޯޕަށް އެސްވެސް މަގެއް އިތުރެއް ވަކި ނުވޭ. ރޯޝަނީމަގުވެސް ހެދީ ކައުންސިލުން ގެންނަން ހުށަހެޅި ބަދަލުތައް ގެނައުމަށް އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު."
މާލެ ސިޓީގެ މޭޔަރު

މިދިޔަ އަހަރުގެ ނޮވެމްބަރުން ފެށިގެން މަޝްރޫޢު ހުއްޓިފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މި ފާއިތުވި 7 މަސް ވޭތުވެގެން ދިޔައިރު މަޝްރޫޢު ހުއްޓިފައި އޮތީ ކޮންސަބަބަކާއި ގުޅިގެންކަން ކައުންސިލަށް ސާފުނުވާ ކަމަށެވެ. އަދި ކައުންސިލްގެ ފަރާތުން އެ މަޝްރޫޢުއަށް ގެންނަން ހުށަހެޅި ބަދަލުތަކާއިއެކު ވެސް ވަނީ އެއްބަސްވެފައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.

މަގު ހެދުމުގެ މަޝްރޫޢުއަކީ މިއަހަރަށް ފާސްކުރި ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުގައިވެސް އޮތް މަޝްރޫޢުއެއް ކަމަށާއި މަޝްރޫޢުއާއި ގުޅޭ ޤާނޫނީ ހުރިހާ މަރުޙަލާއެއް ކައުންސިލުން ވަނީ ނިންމާފައި ކަމަށް މޭޔަރު ވިދާޅުވިއެވެ.