މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް ފާސްކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި، ޗާޓުން ބޭރުން ނުކުޅެވޭނެ ކަމަށް މަޝްހޫރު ގާނޫނީ ވަކީލް އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ހާއްސަ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރުވާގޮތަށް، ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

ޑރ. ޖަމީލްގެ ޓްވީޓުގައި ބުނެފައިވަނީ، އެމްޑީޕީން ރައީސް މައުމޫނަށް ޖޯކުޖެހި ހުރިހާ ކަމެއް އިއާދަކުރިނަމަވެސް މަސްދަރު ހާމަކުރާ ގާނޫނު ބާތިލް ކޮށްފައިވާ ކަމަށެވެ.

ގާނޫނުއަސާސީގެ 28 ވަނަ މާއްދާ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ގާނޫނު ގައި ބަޔާންކޮށްފައިވާގޮތުގައި، ނޫސްވެރިކަން ކުރުމާއި، މުއާސަލާތީ ވަސީލަތްތައް ބޭނުންކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވެއެވެ. އޭގެތެރޭގައި ޚަބަރާއި، މައުލޫމާތާއި، ފެންނަ ގޮތްތަކާއި، ޚިޔާލުތައް ފާޅުކުރުމާއި، ޝާއިއުކުރުމާއި ފެތުރުމުގެ މިނިވަންކަން ހިމެނެއެވެ. އެގޮތުން، ޝާއިއުކުރާ ނުވަތަ ފަތުރާ ނުވަތަ ފާޅުކުރާ މައުލޫމާތެއްގެ މަސްދަރު ހާމަކުރުމަށް އެއްވެސް މީހަކަށް މަޖުބޫރުކޮށްގެން ނުވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

ނަމަވެސް ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ބަޔާންކޮށްފައިވާގޮތުގައި ދިވެހިރާއްޖޭގައި ހަދާ އެންމެހައި ގާނޫނުތައް ހަދަންވާނީ ގާނޫނުއަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތީންނެވެ. ގާނޫނުއަސާސީއާ ޚިލާފުވާ ގޮތަށް ހަދާކޮންމެ ގާނޫނެއް ނުވަތަ ގާނޫނަކުން ބައެއްވިޔަސް ވާނީ ބާތިލް އެއްޗަކަށް ކަމަށާއި، އެފަދަ ގާނޫނެއް، ނުވަތަ ގާނޫނެއްގެ ބައެއްގެ ބާރެއް ނުހިނގާނެ ކަމަށްވެސް އެމާއްދާގައި ބަޔާންކޮށްފައިވެއެވެ.

އެހެންކަމުން، ގާނޫނުއަސާސީގެ 28 ވަނަ މާއްދާ، ގާނޫނުއަސާސީގެ މައްޗަށް ޕްރިވެއިލްވާނެ ކަމަށާއި، އެކަން ގާނޫނުއަސާސީގެ 268 ވަނަ މާއްދާގައި ސާފުކޮށްދީފައިވާ ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ހުށަހެޅުއްވި ހެއްކާބެހޭ ބިލް ރައްޔިތުންގެ މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނީ ޖުމްލަ 50 މެމްބަރުންގެ ވޯޓާއެކުއެވެ.

މައްސަލައެއްގެ ހަސްމަކު ހުށަހަޅާ ހުށަހެޅުމެއްގެ މައްޗަށް ބިނާކޮށް ޝަރީއަތުން ފައިސަލާކޮށް ގޮތެއް ކަނޑައަޅަން ޖެހޭ ކަންކަމުގެ މައްޗަށް ރިއާޔަތް ކުރާއިރު ނޫސްވެރިޔާއަށް މައުލޫމާތު ދިން މީހާއަކީ ކާކުކަން ހާމަކުރުމުގައި އޮތް އާއްމު މަސްލަހަތު އަންނަނިވި ކަންކަމަށް ވުރެން ބޮޑު ކަމުގައި ޝަރީއަތަށް ބުރަވެވޭ ނަމަ ނޫސްވެރިޔާއަށް މައުލޫމާތު ދިން މަސްދަރު ޝަރީއަތަށް ހާމަކުރުމަށް ނޫސްވެރިޔާ އަށް ނުވަތަ އޭނާ ވަޒީފާ އަދާކުރާ ތަނުގެ މައްޗަށް މަޖުބޫރުކުރެވޭނެ ކަމަށް މެމްބަރު ހުށަހެޅުއްވި ބިލްގެ 136 ވަނަ މާއްދާގައި ބަޔާންކޮށްފައިވެއެވެ.

މި ބިލު ފާސްކޮށްފައިވަނީ ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނާއި، މީޑިއާ ކައުންސިލުން ރައްޔިތުންގެ މަޖިލިސް އިދާރާ ކުރިމަތީގައި ސުލްހަވެރި އިހުތިޖާޖެއް ކުރަމުން ދަނިކޮށެވެ.