ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމްތަކުގެ ތެރެއިން، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ މުވައްޒަފުންނަށް އަރުތަ ޕްރޮގްރާމް ފަށައިފިއެވެ.

ޖޫން މަހުގެ 29 ވަނަ ދުވަހު ފެށި މި ޕްރޮގްރާމްގައި ސައިބަރ ކްރައިމް، ޑޮމެސްޓިކް ވަޔަލެންސް، ލީޑަރޝިޕް އަދި އޮފީސް މާހުލުގައި ދިމާ މައްސަލަތައް ހައްލުކުރުމަށް މައުލޫމާތު ދިނުމާއި ޓީމް ބިލްޑިންގ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮގްރާމްގައި މީރާގެ 82 މުވައްޒަފުން ބައިވެރިވެފައިވެއެވެ.

އަރުތަ ޕްރޮގްރާމަކީ އޮޕަރޭޝަނަލް އަދި ކޯޕަރޭޓް ޕްރައިއޯރިޓީސް 2022-2023އަށް ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ މެންޑޭޓްގައި ހިމަނާފައިވާ މައިގަނޑު ތިން ބައިގެ ތެރެއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

އެގޮތުން، ގެވެށި އަނިޔާ ހުއްޓުވުމަށް އޮފީސްތަކުގައި ހޭލުންތެރި ކުރުވުމާއި އެކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ޖިންސީ ކުށްތައް ހުއްޓުވުމަށް ބާރުވެރިކުރުވުމާ އަދި ކަމާ ގުޅުންހުރި މުއައްސަސާތަކާ ގުޅިގެން، މުދަލާއި ފައިސާއާ ގުޅުންހުރި މައްސަލަތައް ހުއްޓުވުމަށް މަސައްކަތްކޮށް ހޭލުންތެރި ކުރުވުމަށާއި، ރައްޔިތުންގެ ޚިދުމަތުގައި ދެމިތިބި ކޮންމެ ފަރުދަކީ އަމާނާތްތެރިކަމާއި، ރައްކާތެރިކަމާއި، ތެދުވެރިކަމާއެކު މަސައްކަތްކުރާ މީހެއްކަން ގަބޫލުކޮށް ކާމިޔާބީއަށް ވާސިލުވުމަށްޓަކައި ހޭލުންތެރިކަން އިތުރުކުރުމަށް އަރުތަ ޕްރޮގްރާމްގެ ތެރެއިން މަސައްކަތްކުރެވިގެންދާނެއެވެ.