ރާއްޖެއަށް މިއަދަށް ވުރެ ކުރިއަށް އޮތް ދެ ދުވަހުގެ މޫސުން ގޯސްވާނެ ކަމަށް، ދިވެހިރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

"ވީނިއުސް"އަށް މައުލޫމާތު ދެމުން، މޯލްޑިވްސް މީޓްރޮލޮޖީ ޑިޕާޓްމަންޓުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސް ވާނެ ކަމަށެވެ. މޫސުން އެންމެ ގޯސްވާނީ، ރާއްޖޭގެ ދެކުނަށް ކަމަށް މީޓްރޮލޮޖީ ޑިޕާޓްމަންޓުން ބުނެއެވެ.

ރާއްޖޭގެ މޫސުން މިދުވަސްވަރު ގޯސްވާނެ ކަމަށް މެޓް އޮފީހުން ބުނަމުން އަންނަ އިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ވިއްސާރަވުމާއި، އަދި ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް ސަމާލުތައްވެސް ދަނީ ނެެރެމުންނެވެ. މޫސުން ގޯސްވެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ރާޅުގެ އުސްމިން 4 ފޫޓާއި 7 ފޫޓަށް ހުންނާނެ ކަމަށް ބެލެވެއެވެ.

މޯލްޑިވްސް މީޓްރޮލޮޖީ ޑިޕާޓްމަންޓުން މައުލޫމާތު ދޭ ގޮތުގައި، ގިނަ ރަށްތަކަކަށް މިއަދު އުދައިގެ އަސަރުކޮށްފައިވަނީ، ހުޅަނގު މޫސުމުގެ ވައި ބާރުވެ، އޮއި ގަދަވުމުންނެވެ.

އުދަ އަރާ ގެއްލުންވެގެން ގިނަ ރަށްތަކަކުން ރިޕޯޓްކުރަމުންދާ ކަމަށް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ބުނެއެވެ. އުދަ އަރަމުންދަނީ މިއަދު މެންދުރުުން ފެށިގެންނެވެ. އުދަ އަރައިގެން މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބުނުކަމަށް ޚަބަރު ލިބެނީ އައްޑޫ ސިޓީއަށެވެ.

އެ ސިޓީއަށް ރާޅު އަރާ ގެއްލުންވުމުގެ ސަބަބުން ހަތަރު ވަރަކަށް ގެއިން މީހުން ހުސްކޮށްފައިވާކަމަށް ވެއެވެ. މިގެތަކަށް ލޮނު ވަދެ އެގެތަކަށް ވަރަށް ބޮޑަށް ގެއްލުން ވަމުންދާ ކަމަށާއި، ފަރުނީޗަރާއި، އިލެކްޓްރޯނިކް ސާމާނާއި، ހިފާ ގެންގުޅޭ ތަކެއްޗަށްވެސް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

އައްޑޫ ސިޓީގެ އިތުރުން، ލ. ގއ. އަދި ގދގެ ބައެއް ރަށްތަކަށް ވަނީ އުދައިގެ އަސަރުކޮށްފައެވެ.

މޫސުން ލަފާކުރެވޭ ގޮތުން، ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ދެކުނުގެ ސަރަހައްދުގެ ރައްތަކަށް އުދަ އެރުން އެކަށީގެންވެއެވެ.