ރާއްޖެއަަށް މިހާރު ކުރަމުންމިދާ ވިއްސާރައިގެ ސަބަބުން ދަރަނީގެ މިންވަރު އިތުރުވެގެންދާނެ ކަމަށް ރައްޔިތުންގެ މަޖިލީޙުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވީ އުދަ އެރުމުގެ ހާދިސާގައި ހަތް އަތޮޅަކުން 19 ރަށަކަށް އެކިވަރުގެ ގެންލުންތައް ލިބިގެން ރިޕޯޓްކޮށްފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީން ހާމަކޮށްފައި ވަނިކޮށެވެ.

ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމުގެ ސަބަބުން ބައެއް ރަށްރަށަށް އުދައަރައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް ލިބިފައިވަނިކޮށް ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ދެކުނުގެ ސަރަހައްދުތަކަށް ރޭ ވަރަށް ބޯކޮށް ވާރޭވެހި 200 ގެއަކަށް ފެން ވަދެ، ބައެއް ގެތަކަށާއި ހޮސްޕިޓަލްތަކަށް ފެންވަދެފައިވާ ކަމަށެވެ.

އަދި ސްކޫލްތަކާއި އެއާޕޯޓްތަކަށް ވެސް ވަނީ ވަރަށް ބޮޑަށް ފެންވަދެފައިކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ގދ.މަޑަވެލީގައި 90 އިންސައްތަ ގެތަކުގައި ފެންބޮޑުވި ކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ މި މޫސުން ގޯސްވެ، މޫސުމަށް އަންނަ ހޫނުން ނަގާ ޓާބޯޗާޖްގެ ސަބަބުން، މިހާރުވެސް ދަރަނީގެ މިންވަރު އިތުރުވެގެންދާނެ ކަމަށެވެ.

މިހާރު ރާއްޖޭގެ މޫސުން ގޯސްވެ، އެކި ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހެމުންދާ ދިއުމުގެ ސަބަބުން ދިވެހިރާއްޖޭގެ ދަރަނި އިތުރުވާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއިރު ކޮޕް26ގެ ހަވާސާގައި ޖަޒީރާ ރަށްރަށުގެ މޫސުން ދެނެގަތުމާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ވަށްމޭޒު ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙް، ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މި ވަށްމޭޒު ބައްދަލުވުމުގެ ބައިވެރިން ވަނީ 1.5 ޑިގްރީ ސެލްސިއަސްއަށް ވާސިލުވުމަށް ކަނޑައަޅާފައިވާ ނިންމުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން އެބޭފުޅުން ވަނީ އެ ލަނޑުދަނޑި ޙާޞިލުކުރުމަށް ބޭނުންވާ 'ކްލައިމެޓް ފައިނޭންސިންގ' އަށާއި، އެކަމަށް އަހައްމިއްޔަތުކަން ނުދެވިއްޖެނަމަ ކުރިމަތިވާނެ ގެއްލުންތަކަށާއި، އަދި އެކަމަށް އަހުލުވެރިވުމަށް ބޭނުންވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

އަދި މި ބައްދަލުވުމުގެ ބައިވެރިން ވަނީ ކުދި ޖަޒީރާ ރަށްތަކުން އެއްބައިވެ ހުށަހަޅަމުންދާ މައްސަލައަކީ މިހާރު އެއް މައްސަލައެއްގޮތަށް ފާހަގަކުރައްވާ އެކަން ޙައްލުކުރުމަށް އުންމީދު އާކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މީގެ އިތުރުން މިބޭފުޅުން ވަނީ ކޮޕް26ގެ ބައްދަލުވުމުގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ބެލެވޭ ކަންކަމާއިމެދުވެސް މަޝްވަރާކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް މީހުން އަހުލުވެރިކުރުވައި، އެފަދަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ރަށްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި ވަކާލާތުކުރުމަށް ރާއްޖޭން އަންނަނީ މުހިންމު ދައުރެއް އަދާކުރަމުންނެވެ.