1443 ވަނަ އަހަރުގެ އަޟްޙާ ޢީދު ފާހަގަކުރުމުގެ ގޮތުން ބ. ދަރަވަންދޫގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހާއްސަ ހަރަކާތްތަކުގެ ކަވަރޭޖް ހަދާ، ބެލުންތެރިންނާއި ހަމައަށް މުނިފޫހިފިލުވުމުގެ އެތައް ހަރަކާތްތަކެއް ގެނެސްދިނުމަށް ވީމީޑިއާގެ ޓީމެއް އެރަށަށް ފުރައިފިއެވެ.

8 ދުވަހަށް ބަހާލައިގެން ތަފާތު އެކި ހަރަކާތްތައް ދަރަވަންދޫގައި ކުރިއަށްދާއިރު، މިފަހަރުގެ ޢީދުގައި އެރަށުގައި ހިންގާ ހަރަކާތްތައް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު، ފައިސަލް ނަސީމްވެސް ވަޑައިގަންނަވާނެއެވެ.

އަޟްޙާ ޢީދު ދުވަހުގެ ކުރިން، ޖުލައި 7 ވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް، ތަފާތު އެކި ހަރަކާތްތަކެއް، ދަރަވަންދޫގެ ކުދިބޮޑު އެންމެހާ ރައްޔިތުން ޝާމިލްވާ ގޮތަށް އެރަށުގައި ކުރިއަށްދާނެއެވެ. މީގެތެރެއިން އެންމެ ފޯރިގަދަވާނެ ކަމަށް ބެލެވޭ ހަރަކާތްތައް ވީޓީވީން ވަގުތުން ގެނެސްދޭން ހަމަޖެހިފައިވާއިރު، ފޯރި ވަކި ކުޑަނުވާނެ އެހެން ހަރަކާތްތަކުގެ މަންޒަރުތައްވެސް ވީޓީވީން އެކި ވަގުތުތަކުގައި ގެނެސްދޭނެއެވެ.

އަދި މި ދަތުރުގެ ތެރެއިން ދަރަވަންދޫގެ އެކި ކަންކަމަށް ބަލާލާ ތައްޔާރުކުރާ ރިޕޯޓުތަކާއި، މުހިންމު ޚަބަރުތަކުގެ އިތުރުން ހާއްސަ ފަރާތްތަކެއްގެ ފީޗަރ ރިޕޯޓުތަކާއި، ތަފާތު އެކި ހަރަކާތްތަކުގެ ރިޕޯޓާއި ޚަބަރު ވީމީޑިއާގެ އޮންލައިން، ވީނިއުސް އިން ކިޔާލަން ލިބޭނެއެވެ. އަދި މިކަމާ ގުޅުންހުރި ރިޕޯޓުތަކާއި ޚަބަރުތައް ވީޓީވީގެ ޚަބަރު ގަޑިތަކުގައިވެސް ބަލާލެވޭނެއެވެ. މިބައި ފުރިހަމަ ކުރުމަށްޓަކައި މިދަތުރުގައި ވީނިއުސްގެ ނޫސްވެރިންވެސް ބައިވެރިވާނެއެވެ.

ދަރަވަންދޫއަށްދާ ޓީމުގައި ހިމެނެނީ، ޕޮރޮގްރާމް ކޯޑިނޭޓަރ ހުސެއިން ނިޔާޒް، ނިއުސް އެޓިޑަރ އައްފާން މުހައްމަދު އަދި މަރިޔަމް ލީން، ޖާނަލިސްޓް ޒިދާން މުހައްމަދު، ސީނިއަރ ޕްރޮޑިއުސަރ މުހައްމަދު ސާމިން އަދި މުހައްމަދު ޒާހިރު އަދި ޕްރެޒެންޓަރ ފާތިމަތު ރިފްޝާންގެ އިތުރުން ޓެކްނިކަލް ޓީމެވެ.

ދަރަވަންދޫގައި ޢީދުގެ ހަރަކާތްތައް ފަށާނީ ބުރާސްފަތި ދުވަހުން ފެށިގެންނެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނުން ފެށިގެން އެރަށަށް ޢީދަށް ޒިޔާރަތްކުރާ ފަރާތްތަކަށް މަރުޙަބާ ކިޔުމުގެ ގޮތުން ހާއްސަ ހަރަކާތެއްގެ ގޮތުގައި "އަރާފަނި" ދިނުން އޮންނާނެއެވެ.

އެއަށްފަހު ބަރަކާތްތެރި ހައްޖު ދުވަހުގައިވެސް ހަރަކާތްތަކެއް އޮންނާނެއެވެ. އެގޮތުން އެދުވަހުގެ ހާއްސަ ކަވަރޭޖް ފަށާނީ ދަރަވަންދޫ އިން ގެނެސްދޭ ހުކުރު ނަމާދުގެ ލައިވް ކަވަރޭޖުންނެވެ. އަދި އެރޭ އިޝާ ނަމާދަށްފަހު ރަށުގެ ބޮޑެތި މަގުތަކުގައި ތަކުބީރުކިޔުން އޮންނާނެއެވެ. އަދި ޢީދުގެ ހަރަކާތްތައް ރަސްމީކޮށް ފެށުމުގެ ގޮތުން ހަވާއެރުވުމާއި ޢީދު ހުޅުޖެހުންވެސް ރޭގަނޑަށް ވަނީ ތާވަލުކޮށްފައެވެ.

ޢީދު ދުވަހު ކަވަރޭޖް ފަށާނީ ދަރަވަންދޫ ސްޓޭޖް ސަރަހައްދުގައި، ބޮޑު ޖަމާއަތުގައި ކުރެވޭ ޢީދު ނަމާދުގެ ލައިވް އިންނެވެ. ނަމާދަށްފަު ރަށުގެ ސޯސަން މަގުގައި ޢީދު ސައި، އެންމެންނަށް ބައިވެރިވެވޭނެހެން އޮންނާނެއެވެ. އެއަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އާއި ޢީދު ސަލާން ކުރުން ރަށުގެ އިޖްތިމާއީ މަރުކަޒުގައި ކުރިއަށްދާނެއިރު، އެވަގުތު ރަށުގެ މަގުތަކުގައި ފެންކުޅި ކުޅުންވެސް ކުރިއަށްދާނެއެވެ.

މީގެއިތުރުންވެސް ސްޓޭޖް ޝޯ ތަކާއި، ރަށާއި، ރާއްޖޭގައި ޒަމާނުއްސުރެ ކުޅެމުން އަންނަ ސަގާފީ އެކިއެކި ކުޅިވަރުތައްވެސް މި ޢީދުގެ ތެރޭގައި ދަރަވަންދޫގައި ކުރިއަށްދާނެއެވެ.

"މަގޭ އީދު" ގެ ނަމުގައި ފޯރިގަދަ އީދެއް ފާހަގަކުރުމަށް ދަރަވަންދޫ ރަށު ކައުންސިލުން ތައްޔާރުވަމުންދާއިރު، މިއަހަރުގެ އީދު އެންމެ ފޯރިގަދަވާނީ ދަރަވަންދޫގައި ކަމަށް ރަށު ރައްޔިތުން ބުނަމުން އައީ ސަބަބެއް ނެތިއެއް ނޫނެވެ. އީދު ފާހަގަކުރުމަށް ދަރަވަންދޫގައި ރާވާފައިވާ ކުޅިވަރުތަކުގެ ތެރޭގައި އަސްރަފްތާޖެހުން، މަންގަލަންދަނޑި، ކުރުފަލިޖެހުން، ބޮޑުމަސްކުޅުން، ކޯޑިކުޅުން އަދި ވާދެމުން ފަދަ ފޯރިގަދަ ސަގާފީ ގިނަ ކުޅިވަރުތައް ހިމެނެއެވެ.

މި ކަވަރޭޖާ ގުޅޭގޮތުން ވާހަކަދައްކަވަމުން ވީމީޑިއާގެ ޕްރޮޑަކްޝަން ކޯޑިނޭޓަރ ހުސެއިން ނިޔާޒް ވިދާޅުވީ، ލިބުނު މި ފުރުސަތުގައި ވީޓީވީގެ ބެލުންތެރިން މުނިފޫހިފިލުވާލަދޭނެ ގިނަ ހަރަކާތްތަކެއް ވަގުތުން ގެނެސްދޭނެކަމުގެ ޔަގީންކަން ދެއްވާ ކަމަށާއި، މިފުރުސަތު ވީމީޑިއާއަށް ދެއްވުމުން ދަރަވަންދޫ ކައުންސިލަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ.

"އެންމެފުރަތަމަ ކަމަކަށް ދަރަވަންދޫ ކައުންސިލުން ވީމީޑިއާއަށް މި ފުރުސަތު ދިނީތީވޭ އެ ބޭފުޅުންނަށް ޝުކުރު ދަންނަވަން ބޭނުން. އުންމީދަކީ އީދާ ގުޅިގެން ދަރަވަންދޫގަ ކުރިއަށް ގެންދާ ހުރިހާ ހަރަކާތެއް ބެލުންތެރިންނާ ހަމައަށް އަޅުގަނޑުމެންނަށް ގެނެސްދެވުން. މީގެއިތުރުން ދަރަވަންދޫގެ އެކިއެކި ކަންކަން، މިސާލަތަކަށް އިޖުތިމާޢީ ކަންތައްތަކާ، ތަރައްގީގެ މަޝްރޫޢުތަކާ މިކަހަލަ އެތައް ކަމެއް އަޅުގަނޑުމެން ވީމީޑިއާގެ އަހުލުވެރިންނާ ހަމައަށް ގެނެސްދޭނަން. މިހާތަނަށް އަޅުގަނޑުމެންނަށް ލިބިފަ އިން ޝެޑިއުލްއަށް ބަލާއިރު، ޢީދުގަ ދަރަވަންދޫ ވަރަށް ފޯރިގަދަކޮށް މިފެންނަނީ. އެކަންކަމަށް މިހާރުވެސް ޕްރެކްޓިސް ކުރަމުންދޭ އެބަ އެރަށުގަ. އެހެންވީމަ ބެލުންތެރިންނަށް ވަރަށް ކަމުދާނެ ހުށަހެޅުންތަކެއް ވީމީޑިއާ މެދުވެރިކޮށް ދަރަވަންދޫއިން ގެނެސްދެވޭނެ".
ވީމީޑިއާގެ ޕްރޮޑަކްޝަން ކޯޑިނޭޓަރ ހުސެއިން ނިޔާޒް

އަޟްހާ އީދުގެ ހަރަކާތްތަކާއި ކުޅިވަރުތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ދެޖިންސު މަސްހުނި ނުވާހެން އަންހެނުންނާއި ފިރިހެނުން ވަކީންނެވެ. ސަގާފީ ނެށުންތައް އޭގެ އެންމެ ފުރިހަމައަށް ހުށަހަޅައިދިނުމަށްޓަކައި ރަށުގެ ޒުވާނުން އަންނަނީ ކޮންމެ ދުވަހަކުވެސް ފަރިތަކުރުންތައް ބާއްވަމުންނެވެ.

ފޯރިގަދަ ކުޅިވަރުތަކާއި ޢީދާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ރާވާފައި ހުރި ހަރަކާތްތަކުގައި ބައިވެރިވުމަށާއި ބަލާލުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ރަށަށް ޒިޔާރަތް ކުރާނެކަމަށް ދަރަވަންދޫ ކައުންސިލުން ލަފާކުރެއެވެ. އެގޮތުން ގާތްގަނޑަކަށް 1،000 އެއްހާ މީހުން ރަށަށް އަންނާނެ ކަމަށް ބެލެވެއެވެ. މިހާރުވެސް އީދަށް ރަށަށް އައުމަށް ގިނަ ބަޔަކު ޖާގަ ހޯދާފައިވާއިރު، ގެސްޓްހައުސްތައް ވެސް ގާތްގަނޑަކަށް ވަނީ ފުރިފައެވެ.

ދަރަވަންދޫއިން އަންގަނީ "މަގޭ އީދަށް" ދަރަވަންދޫ ތައްޔާރުކަމަށެވެ. މިއީ ނަގޮސް ދޫކޮށްލާ ވަރުގެ ފަހަރެއް ނޫނެވެ. ބޮޑު އީދަށް ޖައްސާލަންވީ ދަރަވަންދޫއަށެވެ.