ތިރީގައި މިވަނީ، ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް މަޝްހޫރު ވާހަކަ ލިއުންތެރިޔާ ހޫދު ސާމީ ލިއުއްވާފައިވާ ވާހަކައެކެވެ.
*****
ދެވަނަ ބައި - 21 ޖޫން 2022 އާ ގުޅޭ
---
ހިރިލަންވެސް ނޭނގި އަހަރެންނަށް ހުރެވުނީ ކިހާއިރަކުކަމެއް ނޭނގުނެވެ. ހަމަހޭވެރިކަންވީ ކަނޑިކި އަރުވައި ޖަހައިގެން ފުނަވަލުން ދުވެފައި އަހަރެންނަށް ގޮވަމުން ޒުބޭދާ އައި އަޑަށެވެ. "ކޮޔާ! ބަހީ! އަވަހަށް ބަހީ! ބައްޕާ ދުނިޔެއަކުނެތް! މަރާފި!" ހުއްޓުން އަރާފައިހުރި އަހަރެންގެ ކޮނޑުގައި ހިފައި ތަޅުވައި ގަތުމާއިއެކު އަހަރެންގެ ބަޑި ފަޅައިގެން ދިޔައެވެ. ތުރުތުރު ލަމުންދިޔަ ފަޔަށްލެވުނު ބާރެއްލާފައި ޒުބޭދާއާއިއެކު ދުއްވައިގަތީމެވެ. ދުވަމުންގޮސް އަހަރެމެންތިބި ގެޔަށްވަތްއިރު އަހަރެންގެ މަންމަ ބިންމަތީ އޮވެ ރޮއި ހޭރެނީއެވެ. ބޮލުގައި އޮތީ ހުސްވެއްޔެވެ. ކައިރީގައިތިބި މީހުންނަށް މަންމަ މައިތިރިނުވެގެން އުޅެނީއެވެ. އަހަރެން ފެނުމާއިއެކު އަހަރެންގެ ގައިގައި މަންމަ އޮޅުލައިގަތެވެ. އަހަރެންވެސް ރޮމުން ގިސްލަމުން ކުދިކުދިވެފައިއޮތް ހިތަކައިގެން މަންމަގެ ގައިގައި ބައްދައިގަނެ ރޯންފެށީމެވެ. އެތަށްބަޔެއްގެ އެތަށް އިރެއްގެ ނަސޭހަތަކަށްފަހު މަންމަ ހަމައަކަށްއެޅިއްޖެއެވެ. ހަމަބުއްދިއަށް އައުމާއިއެކު ގައިން ވެލިފޮޅާލައި ކޮޅަށްތެދުވެ ހަމަޖެހެލެވޭތޯ މަސައްކަތް ކުރިއެވެ.
ދިވެހި ދިދަނެގި އުޅަނދުން އައި ސިފައިން އޭރުވަނީ ރަށަށް ހަތިޔާރާއިއެކު އަރާފައެވެ. ރަށް ވަނީ އެމީހުންގެ އަޅުވެތިކަމަށް ގެންގޮސްފައެވެ. އަހަރެމެން ތިބި ގެކައިރިން ދިޔަ ތަންކޮޅެއް ހަރުކުލައިގެ މީހެއްކައިރީ އަހަރެންގެ ބައްޕަގެ ހަށިގަނޑު ގެޔަށް ގެނެސްދެވިދާނެތޯ މަންމަ އަހާލުމުން އެމީހާ އެކަންވާން ނެތްކަމަށާއި, ދިވެހި ސަރުކާރުގެ އަމުރަކީ އިރު އޮއްސުމުގެކުރިން ރަށުން އެންމެން ފެއްސިގަތުންކަމުގައި ބުންޏެވެ. އެމީހަކަށް ދެވުނުގޮތަކަށް ރަށުންފައިބައިގެން ދެވުނުތާކަށް ދާންވީއެވެ. އިރު އޮއްސުމަށްފަހު ރަށުގައި ތިބެއްޖެ ކޮންމެމީހެއް މަރާލެވޭނެއެވެ. މިހަބަރާއިއެކު ކޮންމެ ބަޔަކުވެސް އަވަސްވެގަތީ ފުރާނައާއިގެން އަވަހަށް ރަށުން ފައިބައިގެން ދިޔުމެވެ. މަންމަވެސް އަހަރެންގެ އަތުގައި ހިފައިގެން ބައްޕަގެ ހަށިގަނޑު ފެނޭތޯއާއި ރަށުން ފައިބައިގެން ދިއުމަށް އަވަސްވެގަތެވެ. ވަކި ހިސާބަކުން އަހަރެމެންނަށް ސިފައިންތިބި ހިސާބަށް އާދެވުނެވެ. ބިރުން ފިތްކަނޑައިގެންތިބެ އަހަރެމެން ސިފައިންކުރެ ބައްޕަގެ ހަށިގަނޑު ކަށުކަމާކެމީގެ ކަންކަންކޮށް ވަޅުލުމަށް އަހަރެމެންނާއި ހަވާލުކުރުމަށެވެ. ރައްދުގައި ބައްޕަގެ "ކަށުކަމާކެމީގެ ކަންކަންކުރާނީ ދިވެހި ސަރުކާރުންނޭ! ހުރިއްޔާ ކުންނާރުފަތް ފުނޑާފައި ކާފޫރާ ތިން ފޮށަޔާ ގެންނާށޭ!" ސިފައިން ބުންޏެވެ. އެމީހުން އެދުނުފަދައިން އެތަކެތި ހަވާލުކުރުމުން ވަޒަންއަރައިގެން ވެއްޓިފައިއޮތް ބައްޕަ އަހަރެމެން ދެމައިންނަށް ދައްކާލިއެވެ. ބައްޕަގެ ގަޔަށް ވަޒަން އަރައިގެން ވެއްޓިފައި އޮތްއިރު މުޅި ހިސާބުގައި ވަނީ ލެއެވެ. މަންމަ ދެލޯމަރާ ތަގުޑިކޮއްލާފައި ލޮލަށް ޖަމާވެފައިހުރި ކަރުނަތަށް ފޮހެލިއެވެ. ރޮއިރޮއި ހުރި އަހަރެން އަތުގައި ހިފައިގެން ހިނގައިގަތެވެ.
ފަޔަށްލެވުނުހާ ބާރެއް ލާފައި އަހަރެމެން ގޭދޮށަށްގޮސް ރައްކާކޮށްފައިހުރި ފައިސާކޮޅާ, ހަތިމެއްގެ އިތުން ދެތިން ލިބާސް ފޮތިގަނޑަކަށްލައި ތަންމަތި ބަނދެގެން ކިހިލިޖަހައިގެން ގެއިން ނުކުމެވުނީ ސިފައިންގެބައެއް ކުރިމަށްޗަށެވެ. އަހަރެމެން ފެނުމާއިއެކު ބަޑި ދިމާކޮށް ކުޑަކަކޫ ޖެހުމަށް އެންގިއެވެ. ކަލާނގެއާއިވަކީލުކޮށް އަހަރެމެން ކުޑަކަކޫޖެހީމެވެ. އެމީހުން އަހަރެމެން ގެންދަނީ ކޯންޗެއްތޯއާއި ފޮތިގަނޑުގައިހުރީ ކޯންޗެއްތޯ ސުވާލުކުރިއެވެ. އަހަރެމެން އަތުން ތަންމަތި ޖަހައިގަނެ ބިންމައްޗަށް އަޅައިލިއެވެ. އަދި ރައްކާކުރަން އެޔަށްލީ ފައިސާކޮޅު އަތުލިއެވެ. އަހަރެންނާއި މަންމަ ގައިގައި ކޮޅުފައިންޖަހާ އަނިޔާކޮށްފައި "ރަށުން ފެއްސިގެންދާށޭ!" ބުނެ ސިފައިން ހިނގައިގަތެވެ. އޭރު ސިފައިންގެ ބަޔަކު ގަދަކަމުން އަންހެނެއް ހަތަރެސްފައިގައި ހިފަހައްޓައިގެން ޖެހިގެންހުރިގެޔަށް ވައްދާމަންޒަރު ފެނެއެވެ. ފުރާނަ ދުއްވާނުލިކަމުގެ މައްޗަށް ޝުކުރުކޮށް އަހަރެންނާއި މަންމަ ދުވަމުން ކަހަލަގޮތަކަށް ގޮނޑުދޮށަށް ފައިބަން އަވަސްވެގަތީ ތަންމަތިބޮނޑިއަކާއި ތަންމަތިބޮނޑިއެއް ދޫކޮށްލުމަށް ފަހުއެވެ.
އޭރުވެސް ސިފައިން ގޭގެޔަށްވަދެ ލޫޓުވާ މީހުންނަށް އަނިޔާކުރާމަންޒަރު ފެނެއެވެ. ބައެއް މީހުންގެ މުދާތަށް ސުންނާފަތި ކުރަނީއެވެ. އަނެއްބައި ގެތަކުގައި އަލިފާންޖަހަމުން "މިތަނުންފެއްސޭ!" ށޭބުނެ ހަޅޭލަމުން ކުޑައެއް ބޮޑެއް ދޮއްޓެއް ހަގެއް ބެލުމެއްނެތި ރަށުން ފައިބަން އަމުރު ކުރަނީއެވެ. ހިތަށްއެރި ބަޔަކު ގައިގައި ތަޅައި އަނިޔާކޮށް ހާނިއްކަ ކުރަނީއެވެ. އަންހެންވެރިންނާއި އަންހެން ކުދިންގަޔަށް ގަދަކަމުން އަތްލާ ހަދަނީއެވެ. ބައެއްމީހުން ހައްޔަރުކޮށް ހިލިހިލާޖަހާފައި ދަމާފައި ގެންދާމަންޒަރު ފެނެއެވެ. އޭރު ރަށުގައި އެހެލާފައިހުރި ބަންގާޅު ދަތުރުކުރާ ދޯނިފަހަރާ ބޮޑެތި މަސްދޯނިފަހަރުގައި ހުރީ އަލިފާން ޖަހާފައެވެ. ރަށުގެ މަލަމަތިން މާދުރުން ރަށުގެ އެތަންމިތަނުން އަރަމުންދިޔަ އޮލަ ދުންގަނޑު ދުރަށް ގޮސް ގެއްލޭތަން ފެނެއެވެ.
ވަކި ހިސާބަކުން އަތިރިމައްޗާއި ކައިރިވުމުން އަވަސްކޮށްލާފައި ވަލުފަރާތުން އަތިރިމައްޗަށް ލަނބާލުމަށްފަހު ކުއްލިޔަކަށް އަހަރެންގެ އަނގަމަތީ އަތްއަޅާ އަނބުރާ އައި ގޯޅިއަށް ފަހަތަށް ގަދަކަމުން ކަހަލަ ގޮތަކަށް މަންމަ އަހަރެން ވައްދައިފިއެވެ. ސުބުހާނައްالله އެވެ. އެފަދަ ކަމެއްކުރަން ހެޔޮވާނީ ކިހިނެއް ހެއްޔެވެ. އެއީ އިއްޔެމެންދުރު އަންހެނަކަށްވީ ކުއްޖެއް ކަންނޭގެއެވެ. ސިފައިންގެ ދެމީހުން އެކުއްޖާ ރުކެއްގައި ލައްގައިގެން ކުރަންތިބި ހަޑި މުޑުދާރު އަމަލު މަންމަޔަށް މާދުރުން ފެނުނީއެވެ. އަހަރެންގެ އިތްފަތްތެރިކަން ސަލާމަތްކުރުމަށް މަންމަ އަހަރެން އަނގަމަތީ އަތްއަޅާ އަހަރެމެންނަށް ފުރަގަސްދީގެންތިބި ސިފައިންނަށް ނުފެންނަހެން އަވަހަށް އައިކޮޅަށް އަނބުރާލީއެވެ. އެމަންޖެ އެހީއަށްއެދި ކިތަންމެވަރަކަށް ގޮވިނަމަވެސް އަދި އަހަރެމެން އެހީވަން ކިތަންމެ ބޭނުންވި ނަމަވެސް މިއަދު އަހަރެމެންނަކަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނެތެވެ. އެހެންމީހެއްގެ ހިމާޔަތުގައި ނިކުމެވޭވަރަށްވުރެ އަހަރެމެންގެ ހާލު ބޮޑެވެ. ބަލިކަށްޓެވެ.
އަހަރެމެން ގޮނޑުދޮށައް ފޭބިއިރު ވަރަށްގިނަ ބަޔަކު ބޮއްކުރާތަކާއި ދޯނިފަހަރު ފަހަރާ ބައްތެލިތަކުގައި ފުރައިގެން ދަނީއެވެ. މަންމަވެސް ފުރަން މީހުން އަރުވަމުންދިޔަ ދޯއްޏެއްގެ ވެރިއެއްކައިރީ އާދޭސްކުރަންފެށިއެވެ. އެންމެފަހުން ގޭގައި ހުރިނަމަ ހުރިހާ މުދަލަކާއި ބައްޕަގެ ވަޑާންފޮއްށި އެމީހާއަށް ދީފައި އަހަރެމެން ދެމައިން ގެންގޮސްދިނުމަށް އެދުނެވެ. މަންމަގެ އާދޭހާއެއްގޮތަށް އެމީހާ އަހަރެމެން ދޯންޏައް އެރުވިއެވެ. އަހަރެމެންނަށް ރަށުންފުރުނީ އެންމެ ލަހުންނެވެ. އޭރުވެސް ފުރާ ދުއްވާ އެއްޗަކަށް އެރުމުގެ ނަސީބު ނުލިބުނު އެތަށް ބަޔަކު ފަތާފަޔާއި ކަނދުފަތިތަކުގައި ރަށުން ފައިބާތަން ފެނެއެވެ. އޭގެތެރޭގައި އަންހެނުންވެސް ހިމެނެއެވެ. އުފަންރަށުން މިފަދަ ހިތްދަތިކޮށް ނެރެ ފަހާލުމުން ލިބުނު ހިތްދަތިކަމުގައި އަހަރެން މަންމަގެ އުނގުގައި ބޯއަޅާލައި ދެލޯމަރާލީ ބައްޕަގެ ހަނދާންތައް އާކުރަމުންނެވެ.
އަހަރެމެން ދަތުރުކުރި ދޯނިގަނޑު މާގޮޑެރެހާއަށް ލެފެންދެއް އަހަރެން އޮތީ މަންމަގެ އުނގުގައި ބޯއަޅައިގެން ރޯށެވެ. ދުރަށްގޮސް އޮބެމުންދިޔަ އަހަރެމެންގެ ރަށަށް ބަލަހައްޓައިގެން މަންމަ އަހަރެންގެ ބޮލުގައި މަޑު ރާގެއްގައި ފިރުމަން އިނެވެ. ލޮލުން ފައިބަމުންދިޔަ ކަރުނަތަކުން ކޯތާފަތް ތެއްމަމުންނެވެ. ދޯނީގެ ތެރެއިން އިވެމުންދިޔަ ވޭނީ އާދޭހާ ރުއިމުގެ އަޑު އިވުނު ކޮންމެމީހެއްގެ ހިތް ކުދިކުދިވާނެކަން ކަށަވަރެވެ. ގިސްލަގިސްލާފައި އެއްބަޔަކު މޮޔަގޮވަނީއެވެ. އަނެއްބަޔަކު އަދޭސްކުރާއިރު ކަލާންގެ ހަޒުރަތުން ރަޙްމަތަށްއެދި ދުޢާކުރަންތިބި މީހުންވެސް މަދެއްނޫނެވެ. ތުއްތުކުދިން ބަނޑުހައިވެގެން ހާންތިވެފައި ތިބިއިރު ބޯލާނެ ފެންފޮދެއްހާ ހިސާބުވެސް ނެތެވެ.
މަންޒިލެއްނެތި ދަތުރުކުރަމުންދިޔަ ދޯނި މާގޮޑެހެރާއަށް ލެފުމާއިއެކު ވަރުބަލިވެގެން ހާންތިވެފައިތިބި އަންހެނުންތަކާ ކުޑަކުދިންތަށް ކަރުތާފެނަށް އެރިގެން ޅަކުދިން ކޮނޑަށް ނަގައިގެން އެއްގަމަށް ހިނގައިގަތެވެ. އޮޑީގައި ތިބި ހަރުކުލައިގެ މީހުންގެ އެދުމުގެމަތިން ޒުވާން ހަތަރު ސޮރަކު ގޮސް ވަލުން ކުރުނބާ އާއި މުޑިކާށި ތަކެއް ގެނައެވެ. އަހަރެންވެސް މަންމައާއިއެކުގޮސް އެތަނުން ކުރުނބައަކާއި މުޑި ކޮޅެއް ކާލީމެވެ. އެންމެންވެސް ތިބީ ކިތަންމެ ބައިވަރެއް ކާންބޭނުންވެފައި ނަމަވެސް ހުރިހާއެންމެނަށް ބެހުމުން ކޮންމެ ހަތަރު މީހަކަށް މުޑިއަކާ ދެމީހަކަށް ކުރުނބައަކުން ޖެހުނީ ފުއްދާލާށެވެ. މިންވަރަށް ޝުކުރުކޮށްގެން އަތިރިމަތީހުރި ބޮޑު ކާނިގަހެއްގެ ދޮށުގައި އެންމެން އިށީންދެލީ ލިބިފައިވާ ވަރުބަލިކަން ފިލުވާލުމަށެވެ.
ފެންނަމުންދަނީ ފެހިކަންގަދަ ފަޅު ރަށެކެވެ. ރަށުގެ މަލަމަތިން ބޮޑެތި ރުއްތަކާ ކާންޏާ, ހިރުދުގެ އިތުރުން ނިގަ ގަސްތަށް އެހުރީ ފެންނާށެވެ. ހިކެންޖަހާފައިހުރި ދިޔަވަރާއިއެކު ރަށުގެ ތުނޑިން ބައެއްވަނީ ހިކެން ފަށާފައެވެ. ރަށާއިގާތުން ބައެއް ތިލަ ހިސާބުތަކުން މޫދުވިނަ ގަނޑުގަނޑު އެހުރީ ފެންނާށެވެ. ރަށުގެ ވިލާއި ހިސާބުގައި އާދައިގެ ރިޔަލު މަސްދޯންޏެއް އަޅާފައި އޮތެވެ. ކަށަވަރުންވެސް ރަށުގައި ކޮންމެވެސް ބަޔަކު އެބައުޅެއެވެ. ރާޅުޖަހާހިސާބުން ފެށިގެން މަލަމަތިން ފެންނަންހުރި ބޮޑު ކާނިގަހާހަމަޔަށް ބަޔަކު ހިނގާފައި ހުރި ފިޔަވަޅުތަކުން ބަޔަކު އެރަށުގައި އެބައުޅޭކަން ކަށަވަރުވިއެވެ. އެއީ ކޮންބައެއްތޯ ބަލައިލަން އަޅުގަނޑާއިއެކު ހިންގަވާށެވެ.
އަތިރިމަތީގައި ހުރި ބޮޑު ކާނިގަހުގެ ދޮށުގައި ސާޅީހަކަށް މީހުން ނިދާފައި ތިއްބައެވެ. އަންހެނުންނާއި ކުޑަކުދިންގެ އިތުރުން މުސްކުޅިންވެސް ގަދަ ނިންޖަކުން އެތިބީ ނިދާފައެވެ. ނޫންނަމަ އިރުއިރުކޮޅަށް ކާނިގަހަށް ތިރިކުރާ ކާޅުބައިގަނޑު ގޮވާއިގަންނަ އަޑަށް ހޭލެވޭނެކަން ކަށަވަރެވެ. އެމީހުންގެ ތެރޭގައި މުސްކުޅިންނާއި ކުޑަކުދިންވެސް އެބަތިއްބެވެ. ތަންކޮޅެއް ބަނޑު ބޮޑު އަންހެނަކުވެސް އެބައޮތެވެ. ޔަގީނުންވެސް އެއީ އަދުތޯ މާދަންތޯވަފައިން މާބަނޑު އަންހެނެކެވެ. ބަލާބެލުމަށް ހީވަނީ ހާލުގައިޖެހިފައިތިބި ބައެއްހެންނެވެ. ބައެއް މީހުން ނިދީގައި ލޮލުން ފައިބަމުން ދިޔަ ކަރުނައާއި ނިދީގައި ތިބެވެސް އެހެރަލަމުންދިޔަ ވޭނީ ގިސްލުމުން މިކަން ކަށަވަރުކޮށްދެއެވެ.
އަހަރެމެންނަށް ނިދާފައިތިބެވުނީ ކިހާއިރަކުކަމެއްވެސް ނޭގެއެވެ. ހޭލެވުނީ މަދިރި ހަފާވަރުންނެވެ. އޭރު ތަންދޮރު ނޭގޭވަރަށް އަނދިރި ވެއްޖެއެވެ. ކޮންމެ މީހަކުވެސް ޖެހިގެންހުރި މީހާއަށް ގޮވާފައި ހޭއެރުވިއެވެ. އެންމެން ހޭއެރިއިރު އިރުމަތީކޮޅުން ޅަހަނދު އަރާފައި ހުއްޓެވެ. ނަމަވެސް ވިލާބޯވުމުގެ ސަބަބުން ގިނައީ ހަނދު ފެންނަ ފަހަރަށްވުރެ ނުފެންނަ ފަހަރެވެ. ހަނދުމަހުން ފަނަރަވިލޭރޭކަމުން ކޮންމެވެސްވަރެއްގެ އަލިކަމެއް ހަނދުން ދުނިޔެމައްޗަށް ކުރެއެވެ. ވިއްސާރަވުމުގެ ސަބަބުން ޖެހެމުންދިޔަ ތެތްފިނި ވަޔާ ދޯނިން ފައިބަން އެންމެން މޫދަށް އެރެންޖެހުމުގެ ސަބަބުން އެންމެން ތިބީ ހީކަރުވައި ގަނެފައެވެ. އަލިފާނެއް ރޯކުރެވޭނެ ގޮތެއް ނުވިއެވެ. އަމުދަކުން އަލިފާންދަޑި ފޮއްޓެއް ނެތީމައެވެ.
ޖެހެމުންދިޔަ ވައި ބާރުވެ ކަނިޖަހަން ފަށައިފިއެވެ. ވާރޭދަނީ މަޑުމަޑުން ބޯކުރަމުން މޫސުން ގޯސްވަމުންނެވެ. އަހަރެމެންނާއިއެކު އައިސްތިބި އެންމެން އަވަސްވެގަތީ އެބަޔަކު ބޯހިޔާވަހިކުރާނެގޮތެއް އެބަޔަކު ހޯދުމަށެވެ. ރުއްރުކުބުޑުގައި ފަންޖައްސާ ހިޔާވަހިކަމެއް ހެދޭތޯ މަސައްކަތްފެށިއެވެ. މަންމައާއި އަހަރެންވެސް ހިކި ފަންތަކެއް ކަނު އަނދިރީގައި ވަލުގައި އަތްފުނާއަޅައިގެން ވަރަށްހާލުން އެއްކޮށްގެން ދަމާފައި ތަންކޮޅެއް ބޭރަށްނެރެ ރުކެއްގެބުޑުގައި ޖައްސާ ވަކައިން ބަނދެ ބޯހިޔާކޮށްލާނެ ތަންކޮޅެއް ހެދީމެވެ. ދެމައިން އެތަނަށްވަދެ ޖަހަމުންދިޔަ ވިއްސާރަކަނިންނާއި ފިނިން ސަލާމަތްވެވޭތޯ ބެލީމެވެ. ނަމަވެސް ބޯކޮށްލިވާރެއާއިއެކު ދެމައިން ތެމިފޯވެއްޖެއެވެ. ހީކަރުވާވަރުން ތުރުތުރު އަޅަންފަށައިފިއެވެ. މިއީ އަހަރެމެން ދެމައިންގެ އެކަނި ހާލެއްނޫނެވެ. މިއީ އަހަރެމެންއާއިއެކު މިރަށައްއައި އެންމެންގެވެސް ހާލެވެ.
ތުރާލުގެ މައްޗަށް އިތުރު ތުރާލަކާ ވޭނެކެވެ. މިއީފަހެ ކޮންކުށެއްގެ ޝަޒާއެއްތޯއެވެ. ބަނޑުހައިހޫނުކަމާއެކު ވެފައިވާ ވަރުބަލިކަމުގެ މައްޗަށް ގަދަފިނި ވެރިވެގަތީއެވެ. ބަޔަކު ނިކަމެތިވާނީ މިވަރަށެވެ. އުފަންރަށުން ތަޅާމަރައި ގަދަކަމުން ފައްސާލީއެވެ. އުމުރުދުވަހު އެއްކުރިހާ މުދަލެއް ޖަހައިގަތީއެވެ. ކުށެއްނެތް އެތަށްބައެއްގެ ފުރާނަ ދުއްވާލީއެވެ. މުޅި ދިރިއުޅުން ބަރުބާދުކޮށްލީއެވެ. މުސްތަގުބަލު ވިއްސިވިހާލިކޮށްލީއެވެ. ކޮންކުށަކާއި ލައިގެންތޯއެވެ؟ މިއީ ޖަވާބެއް ނެތްނަމަވެސް ތަކުރާރުކޮށްކޮށްފައި ކުރެވޭ ސުވާލެވެ.
ފަތިސްވުމާއިއެކު އަތުޖެހުނު ކުރުބައަކާ މުޑިއަކާ ކާއްޓެއް ހިފައިގެން އަހަރެމެން ފުރީ އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށެވެ. ބައެއްގެ އެހީތެރިކަމާ އިހުސާންތެރިކަމެއް ލިބިދާނެކަމުގެ އުންމީދުގައެވެ. އަހަރެމެން ފޭބީ ދުރުތާ ތިމާގެ މީހެއްކަމުގައިވާ އަލިފުތާ އުޅޭރަށަށެވެ. ނަމަވެސް މަހެއްހާދުވަސްކުރިން އަލިފުތާ ވަނީ ނިޔާވެފައިކަން އެނގުނީ އަހަރެމެން އައި ދޯނިގަނޑު ފުރައިގެން ދިޔަފަހުންނެވެ. އަހަރެމެން ދެމައިން އަނެއްކާވެސް ނުދަންނަ ބައެއްގެތެރެއަށް ގިނަވީއެވެ. އަމިއްލަ ހާލައިގެން ދިރިއުޅުން އާރާސްތުކުރަން ޖެހުނީއެވެ.
ނޯޓު: މިވާހަކައަކީ ތިނަދޫއިން މީހުންބޭލި ހާދިސާއާއިގުޅިގެން އެހާދިސާ ތަޖުރިބާކުރި ބައެއްފަރާތްތަކުން ދައްކާފައިހުރި ވާހަކަތަކާއި އަހުރެންގެ ހިޔާލު މަސްހުނިކޮށް ލިޔެފައިވާ ވާހަކައެކެވެ.
އަސަރުގަދަ ވާހަކައެއް
އިންސާނުންނަށް ބޮޑަތި އަނިޔާތަކެއްް ލިބިފައިވާ ކަންތައް ގަނޑެއް
ވާހަކަ އެއްކޮށް ކިޔާލުމުން ހިތަށް އައްނަނީ މިވެސް ހަމަ މިރާއްޖޭގައި ހިނގާ ގޮސްފައިވާކަމެކޭ، ހަގީގަތުގަ މިހާރެކޭ އަނެއްހެން މާބޮޑު ތަފާތެއް ނެތެއްނު ބައެއްކަންކަމުގަ
މިއީ ވަރަށް އަސަރުން ފުރިގެންވާ ވާހަކައެއް އަސްލު މިވާހަކަ ފިލްމަކުން ފެންނަން އެބަޖެހޭ މިޖީލުގެ ކުދިންނަށް