މިއީ، އަލްއުސްތާޛު ޢަލީ ޟާމިރު / އއ. މަތިވެރި ލިޔުއްވާފައިވާ ކޮލަމެކެވެ.
*****
22 މެއި 2022 އާ ގުޅޭ
--
އިންސާނަކަށް ލިބޭ އެންމެ ބޮޑު ނިޢުމަތަކީ ބައްޕައެވެ. ބައްޕަ ނިޢުމަތަކަށްވަނީ އެފަދަ މީހަކު ލިބުމުގެ ސަބަބުން ތިބާއަށް ނިޢުމަތްތަކެއް ލިބި ތިބާ ގެއްލުން ތަތަކުން ސަލާމަތް ކޮށްދޭތީއެވެ. އޭނާގެ ސަބަބުން މުޅިދުނިޔެ ތިބާއަށް މަރުޙަބާ ކިޔައެވެ. ތިބާގެ ދިރިއުޅުން އާރާސްތު ވެގެންދާތީއެވެ. ތިބާގެ ބޮލުގައި އުފާވެރިކަމުގެ ތާޖު އަޅުވައިދޭތީއެވެ. ތިބާގެ ޙަޔާތުގެ އިންތަކާއި، މިންތައް ވަކިކޮށްދެނީ ބައްޕަ ކަމުގައިވާތީއެވެ. ވަޒީރަކަށް ނުވަތަ އަމީރަކަށް ނުވަތަ ރައީސަކަށް ހަދައިދެނީ ބައްޕައެވެ. އެއީ ތިބާގެ ވަޠަން ކަމުގައިވާތީއެވެ. ދަރިންނަށް ކުރިމަތިވާ ކޮންމެ ޙަމަލާއެއް ދިފާޢުކޮށްދޭ، ދިފާޢީ އައްޑަނައަކީވެސް އެމީހުން ކަމުގައިވާތީއެވެ. ދަރިންގެ ވަށައިގެން ލެވިފައިވާ ރައްކައުތެރިކަމުގެ ފާރަކީވެސް އެއީއެވެ. ދުނިޔޭގެ ތިބާ ވެއްޓޭ ކޮންމެ އަދަވަޅަކުން ސަލާމަތް ކޮށްދެނީ ބައްޕައެވެ. ބައްޕަ ވަކިވެ ދިއުމުން ނޫނީ ބައްޕަގެ އަގު ވަޒަނެއް ނުކުރެވޭނެއެވެ.
ބައްޕަ ވަކިވެދިއުމުން ތިބާގެ ވަށައިގެން ލެވިފައިވާ ރައްކައުތެރިކަމުގެ ފާރު، ފުނޑުފުނޑުވެ ހިގައިދާނެކަން ޤަބޫލުކުރާށެވެ. އޭނާ ތިބާއަށް ތައްޔާރުކޮށްދިން ދުނިޔަވީ ޙަޔާތް ތަޣައްޔަރު ވެދާނެއެވެ. ބައްޕަ ވަކިވެ ދިއުމުން ތިބާއަކީ ޔަތީމެވެ. ލިސާނުލް ޢަރަބި މިފޮތުގައި އިބުނު މަންޠޫރު ބަޔާންކުރައްވާ ގޮތުގައި މަންމަ ވަކިވެ ދިއުމަކުން އިންސާނާ ޔަތީމަކަށް ނުވެއެވެ. ނަމަވެސް ދޫނި ސޫފާސޫއްޕާއި، ވަލު ޖަނަވާރު އެސޮރުގެ މަންމަ މަރުވުމުން އެތަކެތި ޔަތީމު ވެދެއެވެ.
ކިޔުންތެރިންނޭ! ބައްޕަގެ ޢުމުރު ތިބާގެ ގާތުގައި ތަކުރާރެއް ނުވާނެއެވެ. އޭނާ ހުންނާނީ އަޖަލު ހަމަވަންދެނެވެ. ކަންމިހެން ހުރުމުން އެމީހުންނަށްޓަކައި ތިބާ ކޮށްދޭންވި ކަމަކީ އެމީހުންނަށް ހެޔޮ ދުޢާކޮށް ދިނުމެވެ. ކޮންމެ ނަމާދެއް ނިންމާ ސަލާމް ދިނުމުގެ ކުރިންނެވެ. އޭނާގެ ފުރާނައަށް ރަޙުމަތްލައްވައި އޭނާ ސުވަރުގޭގެ މަތިވެރި ނިޢުމަތުގައި ލެއްވުން އެދި ގިނަގިނައިން ދުޢާކުރުމެވެ. މިފަދައިން ދުޢާކުރާ ކޮންމެ ދަރިއަކީ ހެޔޮލަފާ ޞާލިޙު ދަރިއެކެވެ. އެއީ ބައްޕަގެ ޚިދުމަތުގެ އަގު ވަޒަންކުރާ ދަރިއެކެވެ. މިކަމަށް ދަލީލުކޮށް ދެނީ އިމާމު މުސްލިމް ރިވާކުރައްވާފައި މި ހަދީޘް ބަސްފުޅެވެ. عن أبي هريرة رضي الله عنه أن النبي صلى الله عليه وسلم قال (إذا مات الإنسانُ انقطع عنه عملهُ إلا من ثلاثةٍ: إلا من صدقة جارية، أو علم ينتفع به، أو ولد صالح يدعو له) ނަބަވީ މިބަސްފުޅުން، އިންސާނާ މަރުވުމުން އޭނާގެ އެންމެހައި ޢަމަލުތަކެއް 3 ކަމަކުން ފިޔަވައި ކެނޑިގެން ދާކަން އެގެއެވެ. އެތިން ކަމުގެ ތެތޭގައި ބައްޕައަށް ހެޔޮ ދުޢާކޮށްދޭ ހެޔޮލަފާ ޞާލިޙު ދަރިއަކު ކުރާ ދުއާ ހިމެނެއެވެ. މިއީ ހެޔޮ ލަފާ ޞާލިޙު ދަރިއަކަށް ވުމަށްޓަކައި ކުރެވިދާނެ ކަމެއްކަން މިޙަދީޘް ފުޅުން ބަޔާންކޮށް ދެއެވެ.
ބައްޕަ ވަކިވެ ދިއުމަކުން ލޯބިވާ ބައްޕަގެ މަތިން އަހަރުން ހަނދާނެއް ނުނެތެއެވެ. ބައްޕަގެ ހަނދާން އާޚިރަތުގެ ދަތުރާ ހަމައަށް އަހަރެންގެ ހިތުގައި ހުންނާނެއެވެ. ކަލޭމެންގެ ތެރެއިން މީހެއްގެ ބައްޕަ މަރުވެ ދިއުމަކުން ތިބާގެ ފަރާތުން ބައްޕައަށް ކޮށްދެވިދާނެ ކަންކަމަށް ނިނުމެއް ނާދެއެވެ. ބައްޕަ ވަކިވެ ދިއުމުން ބައްޕަގެ މަސައްކަތަށް ނިމުމެއް އައީއެވެ. ބައްޕައެވަނީ ހިސާބު ބެލެވޭނެ ދުވަހުގެ އިންތިޒާރުގައެވެ. ބައްޕަ އަހަރެންނާ ދުރުގައި ވުމަކުން ބައްޕަގެ ރޫޙު އަހަންނާ ވަކިވެ ނުދެއެވެ. ބައްޕަ ވަކިވެދިއުމުން އޭނަމަތިން ހަނދާން ކުރަންބޭނުން ނަމަ، ތިބާ ގާތުގައި ބައްޕަ ހުރިއިރު އޭނާއަށް ހެޔޮކޮށްހިތައި ކިޔަމަންތެރިކަން އަދާކުރާށެވެ. އޭނާއަށް އިޙްތިރާމްކުރާށެވެ. އެކަންކަން ކުރަންވީ ބަދަލަކާ، ނުލައެވެ. އެކަމުގައި ވަކި ހައްދެއް ނެތިއެވެ. ވަކި މިންވަރެއް ނެތިއެވެ. ތިބާގެ ހިތުގެ ވެރިޔަކީ ބައްޕަ ކަމުގައި ހަދާށެވެ. ތިބާގެ މުސްތަޝާރަކީ ބައްޕަ ކަމުގައި ހަދާށެވެ. ކީރިތި ރަސޫލާ ޙަދީޘްކުރައްވަނީ "الوالد أوسط أبواب الجنة" " ބައްޕައަކީ ސުވަރުގޭގެ މެދު ދޮރެވެ."
އެކުވެރިންނޭ! ބައްޕަ ދަރިންނަށް ކާންދީ، އަންނައުނު ހޯދައިދީ، ދަރިންގެ ބޭނުންތައް ފުއްދައި ދިނުމަށްޓަކައި، ރެއާއި ދުވާލު ފޫހިކަމެއް، ވަރުބަލިކަމެއް، ނެތި މަސައްކަތް ކުރެއެވެ. އަތްވާ ވާރޭގައެވެ. ފިންޏާއި ހޫނުގައެވެ. ބައްޕަގެ އެދުމަކީ އެންމެ މީރު ކާނާ، ދަރިންނަށް ކާންދިނުމެވެ. އެންމެ ރީތި ފޭރާމުން ކުދިން ޒީނަތްތެރި ކުރުމެވެ. އެންމެ މީރު ބުއިންތައް ދިނުމެވެ. މިކަންކަން ފުރިހަމަކޮށް ނުދެވިއްޖެނަމަ އެކަމާ ބައްޕަ ދެރަވެ ހިތާމަކުރެއެވެ. ދަރިންގެ ކަންކަން ފުރިހަމަކޮށް ނުދެވޭތީ އެމީހުން މާޔޫސްވެއެވެ. އެކަމާ ހިތާކުރެއެވެ. ބައްޕައީ ޢާއިލާގެ ކަންކަން ބެލެހެއްޓުމާ ޙަވާލުވެހުރި ﷲ ގެ މުވައްކިލެވެ. ބައްޕަ އަބަދާ އަބަދު މިފަދައިން އެދެއެވެ. ﷲގަންދީ ބުނަން! "ތިމަންނަގެ ދަރިން ހިތުގައި ޖެހިދާނެތީ އަހުރެން ބިރުގައެވެ. ދަރިން ހިތްހަމަ ނުޖެހިދާނެތީ އަހަރެން ކަންބޮޑުވެ. އަހަރެންގެ ހަށިގަނޑުގައި ދައުރުވާ ލެޔާ، ފުރާނައަށްވުރެ އަހަރެންގެ ދަރިންގެ ޤަދަރާއި، ކަރާމަތާއި، ލޯބި އަހަރެން ގާތުގައި މާބޮޑެވެ. އަހަރެންގެ ދުލުން ބުނެވޭ ހެޔޮ ބަހަކަށްވުރެ ދަރިންގެ ޙައްޤުތައް އަހަރެން ގާތުގައި، މާމަތިވެރިއެވެ. "رضا الرب في رضا الوالد وسخط الرب في سخط الوالدين " ﷲގެ ރުހިވޮޑިގަތުން ލިބުންވަނީ ބައްޕަގެ ރުހުމާ އެކުގައެވެ. އަދި ﷲ ގެ ނުރެއްސެވުން ލިބުންވަނީ މައިންބަފައިންގެ ނުރުހުމާ އެކުގައެވެ.
އެންމެހައި ޒުވާނުންނޭ! އެންމެހައި ދަރިންނޭ! މައިންބަފައިންނާ މެދު ބިރުވެތިވެ ރައްކައުތެރި ވާށެވެ. ދަރިންނާމެދު ހިތާމަކޮށް ހިތްދަތިވާ ޙާލު އެމީހުން މަރުވެދާނެކަން ދަންނާށެވެ. ދަރިންގެ ސަބަބުން މައިންބަފައިން ހިތާމަތަކާ ކުރިމަތިލާން ޖެހިދާނެކަން ދަންނާށެވެ. މައިން ބަފައިން ކުރިމަތީގައި ރުޅިވެރިކަމާއި، ބާރަށް ބަސް ބުނެގެން އެމީހުން ޤަތުލުކުރާ ބަޔަކަށް ދަރިން ނުވާށެވެ!
މިހާރަކަށް އައިސް ބައެއް ކުދިން އެމީހުންގެ ކުރިމަތީގައި ސިނގިރޭޓާއި، ޝީޝާ ފަދަ ތަކެތި ބޮއެވެ. ކުދިންނޭ މައިންބަފައިންނަކީ އިޙްތިރާމާ ޤަދަރު ލިބިގެންވާ ބައެއްކަން ދަންނާށެވެ. އެމީހުންގެ ކުރިމަތީގައި މިފަދަ ކަންކަން ނުކުރާށެވެ! އެއީ ކަރާމާތައި ޤަދަރު ލިބިގެންވާ ޤަދަރުވެރި ބަޔަކަށް ހަދާށެވެ. އެމީހުން ހިތުގައި ޖެހިދާނެ ކަންކަން ނުކުރާށެވެ. رسول الله - صلى الله عليه وسلم ޙަދީޘްކުރައްވަނީ " لعن الله من لعن والد " " މައިން ބަފައިންނަށް ނުކިޔަމަންތެރިވާ ދަރިންނަށް ﷲ ލަޢުނަތް ލެއްވިއެވެ."
އެކުވެރިންނޭ! ތިބާ ދުނިޔެއަށް އުފަންވަނީ އެއްވެސް އާރެއް ބާރެއް ނެތް މީހެއްގެ ގޮތުގައެވެ. ތިބާއަށް ދުނިޔެއާއި، އާޚިރުގެ ވާހަކަތައް ކިޔައދީ އެތަންތަނަށް ތިބާ ތައްޔާރުކޮށްދެނީ ކޮންބައެއްކަން ތިބާ ދެނެގަންނާށެވެ. އެމީހުންގެ ޚިދުމަތުގެ އަގު އަބަދުވެސް ވަޒަންކުރާށެވެ. އެމީހުންނަށް ޙައްޤު ޝުކުރު އަދާކުރާށެވެ. އެމީހުންނަށް ހެޔޮކޮށްހިތައި، އެމީހުންނަށް އިޙްތިރާމްކޮށް ހަދާކުއްޖަކަށް ކޮންމެ ކުއްޖަކުވެސް ވާށެވެ.
އަބަދު މަންމަގެ ވާހަކަ ގިނަ ލިއުންތަކުގައާއި ވާހަކަ ދެއްކުމުގަ ބޭނުން ކުރެވެނީ، މިހެން މިކަން ވެފަ އޮންނާތީކަންނޭގެ ބައްޕަގެ ވާހަކަ ދެކެވޭލެއް ވަރަށް މަދު ނޫނީ ނުވެސް އާދޭ ގިނަފަހަރަށް.. މި ލިޔުން ތަފާތުވާ ތަންކޮޅަކީ ބައްޕަގެ ގަދަރާއި ބައްޕައިންނަކީވެސް ކޮންފަދަ ގަދަރެއް ދެވިފައިވާ ބައެއްކަން ވަރަށް ފުރިހަމަ ދަލީލާޢި އެކީ ގެނެސްދެއްވާފައިވާތީ. ވަރަށް މޮޅު ލިޔުމެއް
ވަރަށް ފުރިހަމަ ލިއުއްވުމެއް އަދި ފުރިހަމަ ދިރާސާއަކަށް ފަހު ލިއުންތެރިއާ މަސައްކަތް ކޮށްފައިވާ ކަން ކިޔައި ލުމުން ދޭހަވޭ
ރައްކާތެރިވެ މައިންބަފައިންނަށް ހެޔޮކޮށްހިތާ ބައެއް ކަމުގައި އަޅަމެން އެއްމެން ވޭތޯ ދުއާ ކުރަންޖެހޭ. ހަލާކުވަމުން މިދާ ޖީޅު ރަނގަޅުކުރެވޭތޯ މިފަދަ މުހިންމު ލިޔުންތައް ގިނަކޮށް އަޢްމުންނަށް ފޯރުކޮށްދޭވަރު އިތުރު ކުރަން މާބޮޑަށްވެސް ޖެހިއްޖެ
ވަރަށް އިބުރަތްތެރި ދަރުސްތަކެއް މުހިންމު ނުކުތާތަކެއް ލިޔުންތެރިޔާ ގެނެސްދީފަ ވަނީ
ވިސްނާ ބަޔަކަށް އިބުރަތެއް ފިލާވަޅެއް ކަމުގައި މާ ބޮޑަށްވެސް ފުދޭ