ދަތުގެ ފަރުވާދިނުމަށް ހާްއްސަ މަލިކުގެ ޑެންޓަލް ސާޖަންއެއް އާއިލާ ގޮވައިގެން ރާއްޖެއައިސް ފަރުވާދެމުން އެބަދެއެވެ.

ރ. އަލިފުށީގައި ގާއިމުކޮށްފައިވާ ދަތުގެ ފަރުވާއަށް ހާއްސަ ކްލިނިކެއް ކަމަށްވާ ވާރސޯ މިޑިކަލް ސެންޓަރުގައި ބަލިމީހުން ބައްލަވާ ޑރ. އިސްމާއިލް ރާއްޖެ ގެނެސްފައިވަނީ އެ ކްލިނިކް ހިންގާ ވޭމުއި ޕްރައިވެޓް ލިމިޓެޑުންނެވެ.

ޑރ. އިސްމާއިލް އާއި އޭނާގެ އަނބިމީހާގެ އިތުރުން ތިން ދަރިން ރާއްޖެ އައިސް އަލިފުށީގައި ވަޒަންވެރިވެ ދިރިއުޅެމުންދަނީ ސިއްހީ ދާއިރާގެ ވިޔަފާރީގައި ތަޖުރިބާކާރެއް ކަމަށްވާ އަދި ވޭމުއި ކުންފުނީގެ ހިއްސާދާރު ވޭމުއި ޢަހުމަދުގެ ޚަރަދުގައެވެ.

"ވީނިއުސް" އަށް މައުލޫމާތު ދެމުން ވޭމުއި އަޙުމަދު ވިދާޅުވީ، އަލިފުށީގައި ކްލިނިކް ހުޅުވައިގެން މިވީހާތަނަށް ގިނަ ބައެއްގެ ތަރުޚީބު ލިބިފައިވަ ކަމަށެވެ. ދިވެހިބަހުން ވާހަކަދައްކާ މަލިކުގެ ޑޮކްޓަރަށް ދެއްކުމަށް ރ. އަތޮޅުންނާއި ހދ އަދި ށ އަތޮޅުންވެސް މީހުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. އިސްމާއިލް

ވޭމުއި ކުންފުނީގެ މަޤުސަދަކީ ރާއްޖެއަށް މެޑިކަލް ޓުއަރިޒަމް ތައާރަފުކުރުންކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އަލިފުށީގައި ގެސްޓްހައުސް ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ. އަދި ކްލިނިކުން ދޭ ޚިދުމަތް އިތުރަށް ފުޅާކުރުމަށް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ލޮލުގެ ފަރުވާ ފެށިގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ވޭމުއި އަޙުމަދު ވިދާޅުވީ، އޮޕަރޭޝަން ނުވަތަ ސާޖަރީ ހަދައިގެން ކުރާ ފަރުވާތަކަށް ޑރ. އިސްމާއިލް ހާއްސަވުމުން، ދަތުގެ އިތުރު ފަރުވާތަކަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުން ވިޒިޓިން ޑޮކްޓަރުންގެ ގޮތުގައި ކްލިނިކަށް ޒިޔާރަތްކުރައްވާ ފަރުވާދެއްވާނެ ކަމަށެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ދިވެހިބަހުން ވާހަކަދައްކަން ފަރިތަ ޑޮކްޓަރެއް ކްލިނިކްގައި ފަރުވާދެއްވުމަކީ ފަރުވާ ލިބިގަންނަ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ.

ޑރ. އިސްމާއިލްއަކީ މަލިކުގައި ހުންނަ ސަރުކާރު ހޮސްޕިޓަލްގެ ޑެންޓަލް ޑިޕާޓމަންޓްގެ ހެޑްގެ މަގާމު މީގެކުރިން ފުރުއްވަމުން ގެންދެވި އަދި އިންޑިއާގެ މަޝްހޫރު ޑެންޓަލް ކްލިނިކްތަކުގައި ފަރުވާ ދެއްވި ތަޖުރިބާކާރު މޮޅު ޑޮކްޓަރެކެވެ.

ވޭމުއި ޕްރައިވެޓް ލިމިޓެޑުން މި އަހަރުގެ ތެރޭގައި އެ ކުންފުނީގެ ދެވަނަ ކްލިނިކެއް އއ. މަތިވެރީގައި ހުޅުވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.