12 އަހަރަށްފަހު އެނބުރި މެންޗަސްޓަރ ޔުނައިޓެޑަށް އައިސް އެންމެ ސީޒަނެއްގައި އެކުލަބަށް ކުޅުމަށްފަހު ޓީމު ދޫކޮށްލަން ބޭނުންވާކަން އެކުލަބުގެ ލެޖެންޑް އަދި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހާމަކޮށްފިއެވެ.

ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯ އާއި އޭނާގެ އޭޖެންޓް ޖޯޖް މެންޑޭޒް ވަނީ މީގެ ދެދުވަސް ކުރިން އޭނާގެ ކުރިމަގާއިމެދު މުހިންމު މަޝްވަރާތަކެއް ކޮށްފައެވެ. އަދި މިހާު ޔުނައިޓެޑުގެ ހާލަތު ހުރިގޮތުންނާއި، ޓްރާންސްފަރ ވިންޑޯގައި ޔުނައިޓެޑުން ކަންކުރަމުންދާ ގޮތުގެ ސަބަބުން، ރޮނާލްޑޯ މިހާރު ބޭނުންވަނީ އޭނާގެ ކުރިމަގު އުޖާލާކޮށް، ކާމިޔާބީ ހޯދުމަށްޓަކައި ޔުނައިޓެޑް ދޫކޮށްލަން ނިންމާފައެވެ. އަދި އެކަން އޭނާ ވަނީ ޔުނައިޓެޑުގެ މެނޭޖްމަންޓަށް އަންގާފައި ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ކެރިއަރުގެ ފަހުކޮޅުގައިވެސް، ޓީމާއެކު އަދި އަމިއްލައަށްވެސް ކާމިޔާބީތަކާއި ޓްރޮފީ ހޯދަން ބޭނުންވާކަން ރޮނާލްޑޯ މީގެކުރިން ހާމަކޮށްފައިވާއިރު، އޭނާ ޔުނައިޓެޑް ދޫކޮށްލަން ނިންމި މައިގަނޑު ސަބަބަކީ ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގަށް އެކުލަބު ކޮލިފައި ނުވާތީއެވެ. ރޮނާލްޑޯ އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިޔާއެވެ. އޭނާއަށް މިސްޓަރ ޗެމްޕިއަންސް ލީގުގެ ގޮތުގައިވެސް ބައެއް ފަރާތްތަކުން މުހާތަބު ކުރެއެވެ.

ޔުނައިޓެޑުން ރޮނާލްޑޯ ދޫކޮށްލުމަށް އޭނާ އެދިފައިވާއިރު، ރިޕޯޓުތައް ބުނާގޮތުން ރޮނާލްޑޯގެ އޭޖެންޓް ވަނީ އޭނާގެ ސޮއި ހޯދަން ބޭނުންވާ ބައެއް ކުލަބުތަކާއެކު މަޝްވަރާކޮށްފައެވެ. އެގޮތުން ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާއި، އިނގިރޭސިވިލާތުގެ ޗެލްސީގެ ކަމާބެހޭ ފަރާތްތަކާއެކު ޖޯޖް މެންޑޭޒް މަޝްވަރާތަކެއް ކޮށްފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. އަދި އިޓަލީގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި އެގައުމުގެ ބައެއް ކުލަބުތަކުންވެސް ރޮނާލްޑޯޯ ހޯދުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މީގެއިތުރުން ސްޕެއިންގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި ރޮނާލްޑޯ އެނބުރި ރެއާލް މެޑްރިޑަށް ބަދަލުވުމުގެ ފުރުސަތުވެސް ބޮޑެވެ. މިކަމުގެ މަޝްވަރާތައް ރެއާލްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އާއިއެކު ވަރަށް އަވަހަށް ފަށެމުގެ ފުރުސަތު އެބައޮތްކަމަށް އެގައުމުގެ ބައެއް މީޑިއާތަކުން ރިޕޯޓުކުރެއެވެ.

20 މިލިއަން ޕައުންޑުގެ ޓްރާންސްފަރ ފީއެއްގައި ރޮނާލްޑޯ ޔުނައިޓެޑަށް ބަދަލުވީ ޔުވެންޓަސް އާއިއެކު ކާމިޔާބު 3 އަހަރު ހޭދަކުރުމަށްފަހުއެވެ.

ޔުނައިޓެޑަކީ ރޮނާލްޑޯގެ ފުޓުބޯޅަ ކެރިއަރު ކުރިއެރުވުމުގައި އަދި މިއަދު އޭނާ އައިސްފައިވާ ހިސާބަށް ގެނެސްދިނުމަށްޓަކައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ ކުލަބެވެ.

ޔުނައިޓެޑުގައި 2003 ވަނަ އަހަރުން ފެށިގެން 2009 ވަނަ އަހަރުގެ ނިޔަލަށް ރޮނާލްޑޯ ހޭދަކުރިއިރު އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި ވަކިވަކި ކުޅުންތެރިންނަށް ފުޓުބޯޅައިގައިދޭ އެންމެ ޝަރަފުވެރި އެވޯޑު ކަމުގައިވާ ބެލަންޑޯ އެވޯޑުވެސް ހާސިލްކޮށްފައެވެ. މީގެއިތުރުންވެސް އޭނާ ވަނީ މި މުއްދަތުގެ ތެރޭގައި އިންޑިވިޖުއަލް ގިނަ އެވޯޑުތަކެއް ހާސިިލްކޮށްފައެވެ.

މިހާތަނަށް ފަސް ފަހަރަށް ބެލަންޑޯ އެވޯޑް ހާސިލްކޮށްފައިވާ ރޮނާލްޑޯ ވަނީ އޭނާ އެންމެފުރަތަމަ ޔުނައިޓެޑާއެކު ހޭދަކުރި 6 ސީޒަނުގެ ތެރޭގައި 292 މެޗު ކުޅެދީ 118 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ އެކުލަބާއެކު 9 ޓްރޮފީއެއް ކާމިޔާބުކޮށްފައެވެ..

ނިމުނު ސީޒަނުގައި ރޮނާލްޑޯ ވަނީ މެންޗަސްޓަރ ޔުނައިޓެޑަށް ކުޅެދިން 38 މެޗުން 24 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އެގޮތުން ޕްރިމިއަރ ލީގުގައި އޭނާ ވަނީ 30 މެޗުން 18 ލަނޑު ކާމިޔާބު ކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި 7 މެޗުން 6 ލަނޑު ކާމިޔާބު ކުރިއިރު، އެފްއޭ ކަޕުގައި ކުޅުނު އެއް މެޗުން ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.