އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯޓީޖޭ) ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ އިނީޝިއަލް ބައްދަލުވުން ނިންމާލައިފިއެވެ.

އޮމްބަޑްސްޕަރސަންގެ އޮފީހުން ބުނީ، އެއޮފީހަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން މިހާތަނަށް އިނީޝަލް ބައްދަލުވުން ބޭއްވިފައި ނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން އާއިލާގެ ދެން ތިބި ބޭފުޅުންނާއެކު ކުރިއަށްގެންދަންޖެހޭ މައްސަލައެއް ކަމަށެވެ.

އެއޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށްވުރެ ގިނަ މައްސަލަތަކުގެ ތަހުގީގު ނިމިފައިވާ ކަމަށާއި، ދެން ކުރިއަށް އޮތީ އެމައްސަލަތަކުގެ ތަހުގީގު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތް ކަމަށް އެއޮފީހުން މައުލޫމާތުދެއެވެ. އަދި، ބައެއް މައްސަލަތަކުގެ ތަހުގީގަށްފަހު ސުލްހަކުރުމުގެ މަރުހަލާވެސް ނިމި، އެމައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް އެދުނު ގޮތަށް ޙައްލު ހޯދައިދެވިފައިވާއިރު، މި މައްސަލަތަކުގައި މިހާރު ކުރިއަށްދަނީ މި މަރުޙަލާ ނިންމައި ސޮއިކުރަންޖެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކަމަށްވެސް އޮމްބަސްޕަރސަންގެ އޮފީހުން ބުނެއެވެ.

މީގެއިތުރުން، އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް 53 ވިކްޓިމް ސަޕޯޓް ސެޝަން ކުރިއަށްގެންގޮސްފައިވާ ކަމަށާއި، ތަހުގީގުނިމިފައިވާ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިއާޔަތްކޮށް، ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ރިކޮމެންޑޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އެކަމާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތްވެސް ހަލުވި މިނުގައި ކުރިއަށްދާ ކަމަށް އޯޓީޖޭއިން ބުނެއެވެ.

އެއޮފީހުން ބުނީ ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބޭއްވި ޕަބްލިކް ހިއަރިންގެ ފުރަތަމަ ބައިން ނެގުނު ބަޔާންތަކާއި، ހާދިސާއާ ގުޅޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ދިރާސާކޮށް، އިތުރަށް ބަޔާންދެވިދާނެ ކަމަށް ބެލެވޭ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، އެ މަސައްކަތް ނިމުމުން ޕަބްލިކް ހިއަރިންގެ މާލޭގެ އަޑުއެހުން ބާއްވާނެ ތާރީޚެއް އިޢުލާންކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި، މިހާރު ތަހުގީގު މަރުހަލާ ނުނިމި ހުރި މައްސަލަތަކުގެ ތަހުގީގު، ގާނޫނާ ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އެފީހުން ކުރާނެ ކަމަށްވެސް އޯޓީޖޭއިން ބުނެއެވެ.