މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ހެދުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން، އަމީނީ މަގު ތަރައްގީ ކުރުމަށް ރޯޑް ޑިވެލޮޕްމަންޓް ކޮމްޕެނީ (އާރްޑީސީ) އާއި ހަވާލުކޮށްފިއެވެ.

މިކަން ހާމަކޮށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ބުނީ، މި މަސައްކަތް އާރްޑީސީ އާއި ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ކަމަށާއި، މި މަސައްކަތަށް އާރްޑީސީ އަށްވަނީ 84 މިލިއަން ރުފިޔާ ދީފައިވާނެ ކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކޮށްފައިވަނީ އެ މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި ރޯޑް ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- ޕްލޭނިންގ މިނިސްޓްރީ

މާލެ ސްޓްރީޓް ސްކޭޕިން މަޝްރޫއު އަކީ، މާލެ ސިޓީ ކައުންސިލުން އާރުޑީސީއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހިންގަމުން އަންނަ މަޝްރޫއެކެވެ. މަގުތައް ޒަމާނީ ފެންވަރަކަށް ބަދަލު ކުރުމަށް 462 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވެއެވެ.

މާލޭގެ މަގުތައް ތަރައްގީ ކުރުމަށްޓަކައި މާލެ ސިޓީ ކައުންސިލާއި އާރްޑީސީ މީގެކުރިން ސޮއިކޮށްފައިވާ އެއްބަސްވުމަށް ބަދަލުތަކެއް ގެނައުމަށްފަހު އަލުން އެއްބަސްވުމުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ 11 ވަނަ ދުވަހު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ގިނަ މަގުތަކެއްގައި އަލުން ގާ އަތުރައި ބައެއް މަގުތަކުގައި ތާރު އަޅަން އޮތީ ނިންމައިފައެވެ. ތާރު އަޅަން ނިންމި މަގުތަކުގެ ތެރޭގައި އަމީނީ މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގާއި ފަރީދީ މަގާއި ބުރުޒު މަގު ފަދަ މަގުތައް ހިމެނެއެވެ. އެއްބަސްވުމަށް ގެނައި ބަދަލުތަކުގެ ތެރޭގައި 105 މަގެއް ހިމެނޭހެން 51.3 ކިލޯމީޓަރުގެ މަގު ޒަމާނީ ފެންވަރަށް ހެދުން ހިމެނެއެވެ.

ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ލެ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުޢިއްޒު ވަނީ އަމީނީ މަގުގައި ތާރު އެޅުން ލަސްވެފައިވަނީ އެކަމަށް ސަރުކާރުން ކުރިމަތިކުރުވި ގޮންޖެހުންތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. އަދި މަގު ހެދުމުގެ މަސައްކަތް ސަރުކާރުން ނުހުއްޓުވިނަމަ އަމީނީ މަގުގައި މިހާރު އޮންނާނީ ތާރުއަޅާފައި ކަމަށްވެސް މޭޔަރު ވިދާޅުވިއެވެ.