ދިވެހި ފައިސާގެ ގޮތުގައި ބޭނުންކުރާ ރުފިޔާގެ ރަސްމީ ނިޝާން ތަޢާރަފްކޮށް ދައްކާލައިފިއެވެ.

މޯލްޑިވްސް މަނިޓޮރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބޭއްވި ރަސްމިއްޔާތުގައި ދިވެހި ފައިސާގެ ނިޝާން ލޯންޗުކޮށްދެއްވީ މިނިސްޓަރ އޮފް އެންވަޔަރަމެންޓް، ކްލައިމެޓް ޗޭންޗް އެންޑް ޓެކްނޮލޮޖީ އައިމިނަތު ޝައުނާ އެވެ.

ދިވެހި ރުފިޔާގެ ނިޝާން އުފައްދާފައިވަނީ ދިވެހި ތާނައަކުރު "ރ" ގައި އިތުރު ރޮނގެއް ދަމާލައިގެންނެވެ. އަދި މި ނިޝާން ބޭނުންކުރުމުގައި ގެންގުޅެންޖެހޭނެ މިންގަނޑުތައްވެސް އެ އޮތޯރިޓީން އާންމުކޮށްފައިވެއެވެ. އެގޮތުން ދިވެހި އަދި އިނގިރޭސި ބަހުން މި ނިޝާން ބޭނުންކުރާނެ މިންގަނޑުތައް ކިޔައިދީފައިވެއެވެ. އަދި އަބަދުވެސް ފައިސާގެ ނިޝާން އޮންނަންވާނީ ހިސާބު އަކުރުގެ ވައަތު ފަރާތުގައި ކަމަށް މި މިންގަނޑުގައި ހިމަނާފައިވެއެވެ.

މި ނިޝާން ފަރުމާކުރީ، މ.ސްޕޮޓްލައިޓް، ހުސެއިން ސުޖާއު އެވެ. މިދިޔަ އަހަރު އެމްއެމްއޭ އިން ދިވެހި ނިޝާން ފަރުމާކުރުމަށް ހުޅުވާލުމުން 70 ހުށަހެޅުމެއް ލިބިފައިވެ އެވެ. ސުޖާއުގެ ޑިޒައިން، ދިވެހި ފައިސާގެ ނިޝާންގެ ގޮތުގައި ކަނޑައެޅީ އެކަމަށް ހާއްސަކޮށްފައިވާ ފަންނީ ޖަޖުންގެ ޕެނަލަކުންނެވެ.

އަލަށް ތައާރަަފްކުރި ނިޝާނާ އެކު ލިޔުމުގައި ފައިސާގެ ނަން ލިޔުމުގެ ބަދަލުގައި ބޭނުންކުރާނީ މި ނިޝާނެވެ. އަދި ދެން ޗާޕުކުރާ ފައިސާގައިވެސް މި ނިޝާން ބޭނުން ކުރާނެކަމަށް އެމްއެމްއޭ އިންވަނީ ބުނެފައެވެ.